26 ޑިސެމްބަރ 2025 - 17:09

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތް ބާއްވަން މާދަމާ އަށް ކަނޑައަޅާފައިވާއިރު އޭނާ ނުފެނިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުން ކެންސަލް ކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދުނު ކަމަށެވެ. އަދި "މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދުނު ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް އިއްޔެ ވިދާޅުވެފައި ވެ އެވެ.
އެކަމަކު، މަންޑޭ ކޯޓަށް ހާޒިރުނުވުމުން، އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މަންޑޭ ކޯޓަށް ހާޒިރު ނުވާތީ، ކޭޕާކު މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ފަސްކޮށްފައިވާއިރު، އޭނާ ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަން އެނގިފައި ވެ އެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު މިހާތަނަށް ކާމިޔާބެއް ނުވާ ކަމަށް ވެ އެވެ.
ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ.