ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން،
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހާއްސަ
ޕްރޮގްރާމެއް އިއުލާން ކޮށްފި އެވެ.
އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުން ކުޅިވަރުގެ ޒަރިއްޔާއިން
ބާރުވެރިކުރުވައި، މުޖުތަމައުގެ އެކި ހަރަކާތްތަކުގައި އެ މީހުންނަށް ހަމަހަމަ
ފުރުސަތުތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް
ގެންދިއުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައި ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.
އަދި އެ ހަރަކާތުގައި 60 އެތްލީޓުންނަށް "ސްޕެޝަލް އޮލިމްޕިކްސް ފިޓް5" ކަރިކިއުލަމްގެ ދަށުން ކޮންމެ
ހަފުތާއަކު ވެސް ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ޖިސްމާނީ
ދުޅަހެޔޮކަމާއި ސިއްހަތައް ރަނގަޅު ކާނާގެ މުހިންމު ކަމާއި ކުޅިވަރުގެ
ހުނަރުތަކުގެ އިތުރުން އާއިލީ ދުޅަހެޔޮކަމަށް ބާރު އަޅައި ހޭލުންތެރިކަން
އިތުރު ކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ. މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް
ގެންދިއުމަށް، ތިނަދޫގެ ކޯޗުންނާއި ވޮލަންޓިއަރުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް
މި ޕްރޮގްރާމްގެ ތެރެއިން ބާއްވާނެ އެވެ.
ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލްއަކީ ކުޅިވަރުގެ ހަރަކާތްތައް މެދުވެރިކޮށް، ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މީހުން ބާރުވެރި ކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. އެގޮތުން ރާއްޖޭގަައި މިފަދަ ހަރަކާތްތައް ގައުމީ ފެންވަރުގައި ހިންގާ އިދާރާއަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން، އިބްރާހިމް ރަމީޒު ވިދާޅުވި ގޮތުގައި، ކުޅިވަރުގެ ތެރޭގައި އެންމެން ޝާމިލު ކުރުވުމަށާއި ހަމަހަމަކަން ގާއިމުކުރުމަށް 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް' އަކީ މުހިންމު ދައުރެއް އަދާކުރާ ހަރަކާތެެކެވެ. އަދި މިފަދަ ފެސްޓިވަލްތަކުގެ ސަބަބުން ބިންގާ އަޅާފައިވާ އެތަކެއް އެތުލީޓުންނެއް ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖެ ތަމްސީލުކޮށް ރަން ވަނަތައް ހާސިލް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިރާގުގެ އެހީތެރިކަމާ އެކު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ގދ. ތިނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިމިވާ ޕްރޮގްރާމްގެ ސަބަބުން، ޝާމިލުކުރަނިވި މުޖުތަމައުއެއް ބިނާކޮށް، މި ކަމަށް މުޖްތަމައު އިތުރަށް އަހުލުވެރިވެގެންދާނެ. އަދި މި މަސައްކަތަށް އިތުރު ހިތްވަރެއް ލިބި ގިނަ ބަޔަކަށް ފައިދާތަކެއް ކުރާނެ،" އިބްރާހިމް ރަމީޒު ވިދާޅުވި އެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ހަމަހަމަކަން ގާއިމުކުރުމަށް އެ ކުންފުނިން ދޭ އިސްކަމުގެ ދަށުން، މި ޕްރޮގްރާމަކީ، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފުރުސަތުތައް ހަމަހަމަކަމާ އެކު، ފޯރުކޮށްދިނުމަށް ދޭ އިސްކަން ރަމްޒު ކޮށްދޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާ ގުޅިގެން، މުޖުތަމައުގައި އެންމެންގެ ބައިވެރިވުން ހިމެނޭހެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކަށް ފުރިހަމަ އެއްބާރުލުން ދިނުން،" މިރްޝާން ވިދާޅުވި އެވެ.
ދިރާގު
ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ
މީހުން ބާރުވެރިކުރުވުމަށް ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ޕްރޮގްރާމް މިދިޔަ 8
އަހަރު ވަނީ މާލޭގައި ބާއްވައިފަ އެވެ.