ގައުމީ
ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ވަކިވެ އޮކްޓޫބަރު 16، 2013 ވަނަ ދުވަހުގެ ރޭ ފުރުމުގެ
ކުރިން ހަންގޭރީގެ އިސްތަވާން އުރުބާނީ އެންމެ ފަހު ބަހަކަށް ބުނީ އެނބުރި ރާއްޖެ އަންނަން
ބޭނުންވާ ވާހަކަ އެވެ.

"އެކަމަކު
ޓޫރިސްޓެއްގެ ގޮތަކު ނޫން،" އުރުބާނީ ބުންޏެވެ.

"އެއްވެސް މީހަކު
އަމިއްލަ ގެޔަށް ޓޫރިސްޓެއްގެ ގޮތުގައި ނާންނާނެ."

މިއީ
އޭގެ 12 އަހަރު ފަހެވެ. އުރުބާނީ ހުރީ އަނެއްކާ ވެސް ރާއްޖެ އައުމަށް ފޮށިތަންމަތި
ބަންނާށެވެ. ރާއްޖޭގެ ރީތިކަން ދެކިލާކަށް ނޫނެވެ. އޭނާ ބޭނުންވި ގޮތަށް،
މިތަނުގައި އަލުން މަސައްކަތްކުރާށެވެ.

ގައުމީ
ޓީމުގެ ކޯޗުގެ މަގާމަށް އުރުބާނީ އަލުން ގެންނަން ނިންމީ އޭނާގެ ކޯޗުކަމުގައި ކުޅުނު
ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެފްއޭއެމްގެ ރައީސްކަމާ ހަވާލުވެ، ވަޅުޖެހިފައި
އޮތް ފުޓްބޯޅަ އަލުން ދިރުވަން ކުރާ މަސައްކަތުގެ ދަށުންނެވެ. މި ފަހަރު އޭނާގެ
ޒިންމާއަކީ ހަމައެކަނި ކޯޗުކަމެއް ނޫނެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ
މަގާމް ވެސް އޭނާ ފުރާނެ އެވެ.

"އެނބުރި ދެވޭތީ
ވަރަށް އުފާވެފައި މިހިރީ،" އުރުބާނީ ބުންޏެވެ.

"އަލުން
ފަށައިގަތުމަށް ކެތްމަދުވެފައި މިހިރީ."

ރާއްޖޭގެ
ކޯޗުކަން ދެ ފަހަރެއްގެ މަތިން ކޮށްފައިވާ އުރުބާނީ އަކީ ފަހަކަށް އައިސް ރާއްޖެ
ގޮވައިގެން އެންމެ ގިނަ މުބާރާތްތަކަށް ނުކުތް ކޯޗެވެ. ތަށްޓާ ރައްޓެހި ނޫން
ނަމަވެސް، އޭނާގެ ކޯޗުކަމުގައި ރާއްޖޭގެ ކުޅުމުގެ ސްޓައިލް ޒަމާނުކުރި އެވެ. ސަޕޯޓަރުން
ބަލާހިތްވާ ފަދަ ރީތި ޕާސިން ގޭމެއް ކުޅުވި އެވެ.

ގައުމީ
ކޯޗުގެ މަގާމަށް އުރުބާނީ އެންމެ ފުރަތަމަ ގެނައީ 2009 ވަނަ އަހަރު އެވެ. ރާއްޖެ އަށް
އޭގެ ކުރީ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ތާރީހީ ރަން ކާމިޔާބީ ހޯދައިދިން ސްލޮވާކިއާގެ
ޖޯސެފް ޔަންކޭޒް މަގާމުން ވަކިވުމުންނެވެ. އެހެންވެ އުރުބާނީ ހަވާލުވީ
ސަޕޯޓަރުންގެ އުއްމީދުތައް ޓީމާ މެދު ވަރަށް މަތީގައި ހުއްޓަ އެވެ.

ކަންދިމާކުރި
ގޮތުން އޭނާގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗު އޮތީ ވެސް އޭގެ
އަހަރެއް ކުރިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކޮޅުނބުގެ ސުގަތަދާސަ
ސްޓޭޑިއަމުގައި، ސްރީ ލަންކާއާ ދެކޮޅަށެވެ. މެޗުގެ ވަރަށް ކުރީކޮޅު ރާއްޖޭން ނެގި
ލީޑާ އެކު، ފުލުފުލުގައި ހަމަލާތައް އުފައްދައި، ރާއްޖޭން ބޮޑު ތަފާތަކުން
މޮޅުވާނެ ކަމަށް ބެލެވުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އޭގެ
ފަހުން އުރުބާނީގެ ކޯޗުކަމުގައި ރާއްޖޭން ކުރިމަތިލީ މާލޭގައި އޮތް އޭއެފްސީ
ޗެލެންޖު ކަޕް ކޮލިފައިންއާ އެވެ. ފުރަތަމަ މެޗުން ތުރުކުމެނިސްތާން އަތުން 3-1
އިން ބަލިވި ނަމަވެސް، އަނެއް ދެ މެޗުން ފިލިޕީންސް އަތުން 3-2 އިން އަދި ބޫޓާން
އަތުން 5-0 އިން މޮޅުވެ ގްރޫޕުގެ ދެ ވަނަ ހޯދި އެވެ. ގްރޫޕުގެ އެއް ވަނައިގައި
ނިންމާނުލެވި މުބާރާތަށް ކޮލިފައި ނުވި ނަމަވެސް، ރާއްޖެ ދެއްކި ކުޅުމުގެ ސަބަބުން
އެ އަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕުގެ ތަށި ދިފާއުކުރެވޭނެ ކަމަށް އޮތީ ބެލެވިފަ
އެވެ.

މެދުއިރުމަތީގައި
ތަމްރީން ކޭމްޕެއް ފުރިހަމަކުރުމަށް ފަހު، ރާއްޖޭން ސާފް ޗެމްޕިއަންޝިޕުގައި
ވާދަކުރަން ބަންގްލަދޭޝް އަށް ދިޔައީ ވަރަށް ބޮޑު އުއްމީދަކާ އެކު އެވެ. އަމުދުން
މުބާރާތުގައި އަބަދުވެސް އެންމެ ވަރުގަދަ ފައިޓެއް ދޭ އިންޑިއާ އިން 23 އަހަރުން
ދަށުގެ ޓީމު ފޮނުވާފައި އޮތުމުންނެވެ. ނަމަވެސް، ފުރަތަމަ މެޗުން ނޭޕާލާ 1-1 އިން
އެއްވަރު ރާއްޖޭގެ ފެށުން ދިޔައީ ގޯސްކޮށެވެ. އެކަމަކު އަނެއް ދެ މެޗުން،
އަފްޣާނިސްތާން އަތުން 3-1 އިން އަދި، އިންޑިއާ އަތުން 2-0 އިން މޮޅުވެ ރާއްޖެ
ސެމީ ފައިނަލަށް ދިޔަ އެވެ.

ކުރީ
ފަހަރު 1-0 އިން ސެމީގައި މޮޅުވި ލަންކާ އަތުން މި ފަހަރު ސެމީގައި މޮޅުވީ 5-1
އިންނެވެ. ފައިނަލުގައި ބައްދަލުކުރަން ޖެހުނީ މި ފަހަރު ވެސް އިންޑިއާއާ އެވެ. ގްރޫޕް
ސްޓޭޖުގައި އިންޑިއާ އަތުން މޮޅުވެފައި އޮތުމުން، މިއީ ރާއްޖެ އަށް ފަސޭހަ
ފައިނަލަކަށް ވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު ޑާކާގެ ބަންގަބަންދު
ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތު ނިމުނީ ދެ
ޓީމު 0-0 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި، ކުރީ އަހަރު ތަށި
ހޯދައިދޭން ލަނޑު ޖެހި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި، އަލީ އަޝްފާގް (ދަގަނޑޭ)
އަދި ޓޮމް އަތުން ޕެނަލްޓީ ބޭކާރުވެ، ރާއްޖެ އަށް ތަށި ގެއްލުނެވެ.

ތަށި
ހޯދާނެ ކަމަށް ބަލައި އުފާފާޅުކުރަން ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބި
ދިވެހީންނަށް ލިބުނީ ވަރަށް ބޮޑު މާޔޫސްކަމެކެވެ. އެކަމަކު ޓީމު އެނބުރި އައުމުން
މަރުހަބާ ކިޔަން ވަރަށް ގިނަ ބަޔަކު ނުކުތެވެ. ދިވެހީން ފުޓްބޯޅަ އަށް ކުރާ
ލޯތްބާއި، ތަށްޓަށް ކުރާ އުއްމީދު އުރުބާނީ އަށް އިހުސާސްވީ އެ ވަގުތު އެވެ.

"ފައިނަލުން ބަލިވުމުގެ ހަގީގީ ދެރަ އިހުސާސްކުރެވުނީ މާލެ އައި ވަގުތު ސަޕޯޓަރުން ފެނުމުން. ދިވެހީން މި ތަށި ބޭނުންވާ މިންވަރު އަހަންނަށް އެ ދުވަހު އެނގުނު. އަހަރެން އެ ވަގުތު އަޒުމް ކަނޑައަޅައިފީން މި ތަށި ރާއްޖެ އަށް އަލުން ހޯދައިދޭން."

އުރުބާނީ

ނަމަވެސް،
އޭގެ ދެ މަހެއްހާ ދުވަސް ފަހުން ޖެނުއަރީ 2010 ގައި ބަންގްލަދޭޝްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް އުރުބާނީ އަށް އެކަން ހާސިލްކޮށް ނުދެވުނެވެ.
ރާއްޖޭން މިހާތަނަށް އެކުލަވާނުލާހާ މޮޅު 23 އަހަރުން ދަށުގެ ޓީމަކާ އެކު، ގޮސް
ގްރޫޕް ސްޓޭޖުގައި ބޫޓާނާއި ނޭޕާލް އަތުން ކިރިޔަކިރިޔާ މޮޅުވެ ސެމީ ފައިނަލަށް
ދިޔަ ނަމަވެސް ސަރަހައްދުގެ މާބޮޑު ތަޖުރިބާއެއް ނެތް އަފްގާނިސްތާން އަތުން 1-0 އިން ބަލިވެ ފައިނަލުން ފުރުސަތު
ގެއްލުނެވެ.

ތިން ވަނަ ހޮވި މެޗުގައި އިންޑިއާގެ 19 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީން
މޮޅުވެ ލޯ މެޑަލް ހޯދި އެވެ. އެއީ 1991 ގައި ރިހި މެޑަލް ހޯދި ފަހުން ސައުތު
އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑެއްޔެވެ.
އެކަމަކު ރާއްޖެ އޭރު އޮތީ ރަން ނޫން އެއްޗަކުން ފުއްދާލާ ގޮތަކަށް ނޫނެވެ.
އެހެންވެ އެ މުބާރާތަށް ފަހު އުރުބާނީގެ މަގާމް ގެއްލުނެވެ.

އުރުބާނީ
ދެ ވަނަ ފަހަރަށް ގެނައީ، އޭނާގެ ފަހުން ޓީމު ހަވާލުކުރި އާޖެންޓީނާގެ ޑިއޭގޯ
ކުރްސިއާނީ މަގާމުން ވަކިކުރުމަށް ފަހު 2011 ވަނަ އަހަރު އެވެ. އޭރު ސާފް
ޗެމްޕިއަންޝިޕް އޮތީ ބޯމަތީގައި ކަމުން އެފްއޭއެމުން ނިންމީ ދިވެހި ފުޓްބޯޅަ އެނގޭ
މީހަކު ގެންނާށެވެ. އަނެއްކޮޅުން އޭރު އޮތީ ވެސް އުރުބާނީގެ ދަށުން މަސައްކަތްކުރި
ސްކޮޑް ކަމުން އެފްއޭއެމަށް ފެނުނު ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އޭނާ އަށް
އަލުން ފުރުސަތު ދިނުމެވެ.

އޭރު
ހަންގޭރީގެ ޓީވީ ޗެނަލެއްގައި ކޮމެންޓޭޓަރަކަށް މަސައްކަތްކުރަމުން އައި އުރުބާނީ،
ރާއްޖޭގެ އޮފާ ލިބުމާ އެކު ގަބޫލުކުރި އެވެ. އޭނާ ބުނީ ރާއްޖޭގައި މަސައްކަތްކުރީ
ވަރަށް ހިތްހަމަޖެހިގެން ކަމަށާއި ކުޅުންތެރިން ވެސް އޭނާ އާ މެދު ހިތްހަމަޖެހޭ
ކަމަށެވެ.

"ސާފް
ޗެމްޕިއަންޝިޕް (2009) ގެ ފައިނަލުގައި އަހަންނަށް ގޯސްތަކެއް ހެދުނު ކަމަށް ގަބޫލުކުރަން.
އެއީ މާ ބޮޑު ގޯސްތަކެއް ނޫން. އަނެއްކާ ވެސް މި އޮތީ ދެ ވަނަ ފަހަރަށް ސާފް
ޗެމްޕިއަންޝިޕުގައި ޓީމަށް އިރުޝާދުދިނުމުގެ ފުރުސަތު ލިބިފައި. މި ފަހަރު
ބޭނުންވަނީ ރާއްޖެ އަށް ކާމިޔާބު ހޯދައިދޭން،" އުރުބާނީ ބުންޏެވެ.

ރާއްޖެ
އިން ދެ ވަނަ ފަހަރަށް ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށް ބުނެ އުރުބާނީ އޭރު
ބޭނުންވީ އޭނާ ނިންމާލި ހިސާބުން ފަށާށެވެ.

"ސަޕޯޓަރުން
ބަލާހިތްވާ ކަހަލަ ރީތި ޕާސިން ގޭމެއް ރާއްޖޭގެ ޓީމު ލައްވައި ކުޅުވަން އަހަރެން
ބޭނުންވަނީ. އެ މަސައްކަތް އަނެއްކާ ވެސް ފަށާނީ."

އެކަމަކު
އެކަށީގެންވާ ވަގުތު ނުލިބި އޭނާ އަށް ޖެހުނީ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން
ރާއްޖެ ގޮވައިގެން އިންޑިއާ އަށް ދާށެވެ. ވަރުގަދަ ސްކޮޑެއް އޮތުމުން ޓީމާ މެދު
އުއްމީދު އޮތެވެ. އެކަމަކު މި ފަހަރު ވެސް ފެށުން ދިޔައީ ދަށްކޮށެވެ. ފުރަތަމަ
މެޗުން ނޭޕާލާ 1-1 އިން އެއްވަރުވެ، ދެ ވަނަ މެޗުން ޕާކިސްތާނާ 0-0 އިން
އެއްވަރުވުމުން ރާއްޖެ ފުރަތަމަ ފަހަރަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ
ބިރާ ކުރިމަތިވި އެވެ. އެކަމަކު ފަހު މެޗުގައި ބަންގްލަދޭޝް އަތުން 3-1 އިން
މޮޅުވެ ސެމީން ފުރުސަތު ހޯދި އެވެ.

ސެމީގައި
މި ފަހަރު ވެސް ލައްވާލީ އިންޑިއާއާ އެވެ. އެކަމަކު މި ފަހަރު ވެސް އިންޑިއާ ފޫއަޅުވާލެވޭނެ
ގޮތެއް އުރުބާނީ އަށް ނުހޯދި 3-1 އިން ރާއްޖެ ބަލިވީ އެވެ. ތަށި ހޯދި ފަހުން ވާދަކުރި
ދެ މުބާރާތުގައި ވެސް ކުރީގެ ކާމިޔާބީ ތަކުރާރުނުކުރެވުމުން އޭނާ ވަކިކުރަން އެއް
ބަޔަކު ގޮވާލި އެވެ. އެކަމަކު އެފްއޭއެމުން ނިންމީ އޭނާ މަގާމުގައި ބަހައްޓާށެވެ.

ޖެހިގެން
އައި 2012 ވަނަ އަހަރު އުރުބާނީގެ ކޯޗުކަމުގައި ރާއްޖޭން ނުކުތީ އޭއެފްސީ ޗެލެންޖް
ކަޕަށެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމަށް އޮތް ހަމައެކަނި އުއްމީދަކީ އެ
މުބާރާތުގެ ތަށި ހޯދުން ކަމަށްވާތީ އެއީ ވެސް އޭރު ރާއްޖޭން ވަރަށް ބޮޑަށް
ޓާގެޓްކުރި މުބާރާތެކެވެ. އެކަމަކު މުބާރާތުގެ ހޯސްޓް ނޭޕާލް އަތުން މޮޅުވި
ނަމަވެސް ތުރުކުމެނިސްތާނާއި، ފަލަސްތީން އަތުން ބަލިވެ ރާއްޖެ ގްރޫޕް ސްޓޭޖުން
ކެޓީ އެވެ.

އެ
މުބާރާތަށް ފަހު އެފްއޭއެމް ނިންމީ ސްރީ ލަންކާގައި ބާއްވާ މަހިންދަ ރާޖަޕަކްސަ މުބާރާތުގައި
ވާދަކުރާ 23 އަހަރުން ދަށުގެ ޓީމު ވެސް އުރުބާނީއާ ހަވާލުކުރާށެވެ. އެއީ ރަނގަޅު
ނިންމުމެއްކަން އޭނާ ސާބިތުކޮށްދިނީ ލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާން
ބައިވެރިވި އެ މުބާރާތް ކާމިޔާބުކޮށް 23 އަހަރުން ދަށުގެ ލެވެލްގައި ރާއްޖެ އަށް
ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައިދީގެންނެވެ

އެހެންވެ
2013 ވަނަ އަހަރާ އުރުބާނީ ކުރިމަތިލީ އާ ފެށުމަކާ އެކު އެވެ. ޒުވާން ޓީމުގެ
ވަރަށް ގިނަ ކުޅުންތެރިންނަށް އޭނާ ސީނިއާ ޓީމުން އެ އަހަރު ފުރުސަތު ދިނެވެ. އަނެއްކޮޅުން
އޭއެފްސީ ކަޕުގައި އެ އަހަރު ބޮޑު ކާމިޔާބެއް ހޯދި ނިއު ރޭޑިއަންޓުގެ ގިނަ ކުޅުންތެރިންތަކެއް
ގައުމީ ޓީމުގައި ހިމެނި އެ ފަހަރު އޮތީ ވަރަށް ވަރުގަދަ ސްކޮޑެކެވެ. އެހެންވެ ނޭޕާލުގައި
އޮތް ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ދިޔައީ އަނެއްކާ ވެސް ބޮޑު އުއްމީދަކާ އެކު އެވެ.

މި ފަހަރު ކުރީ ދެ ފަހަރާ ހިލާފަށް ރާއްޖޭގެ ފެށުން ވެސް ދިޔައީ ވަރަށް
ރަނގަޅަށެވެ. ފުރަތަމަ މެޗުން ވާދަވެރި ލަންކާ އަތުން 10-0 އިން މޮޅުވެ ސަރަހައްދީ
ރެކޯޑެއް ހެދި އެވެ. ކުރިން ރާއްޖޭގެ މައްޗަށް ފަސޭހައިން ކުރި ހޯދަމުން އައި
ލަންކާ އަތުން އެހާ ބޮޑު ތަފާތަކުން މޮޅުވުމުން، ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު
މައްޗަށް ޖެހިލައިފިކަމުގެ އިހުސާސް ވެސް ސަޕޯޓަރުންނަށް ކުރެވުނެވެ. އަދި ދެ ވަނަ
މެޗުގައި ބޫޓާން އަތުން 8-2 އިން މޮޅުވެ ސެމީ ފައިނަލް ކަށަވަރުކުރި އެވެ. ގްރޫޕް
ސްޓޭޖުގެ ފަހު މެޗުގައި އަފްގާނިސްތާނާ 0-0 އިން އެއްވަރުވި ނަމަވެސް ސެމީއާ
ކުރިމަތިލީ އުއްމީދާ އެކު އެވެ.

ސެމީގައި މި ފަހަރު ވެސް ލައްވާލީ އިންޑިއާއާ އެވެ. ރާއްޖެ ކާމިޔާބާ ހަމަޔަށް
ގެންދަން އުރުބާނީ އަށް ކުރީ ދެ ފަހަރު ވެސް ހުރަސް އެޅި ގައުމުންނެވެ. ދިވެހި
ކޯޗުން ބުނި ގޮތުގައި ކުރީ ދެ ފަހަރުގެ ތަޖުރިބާ އިން މި ފަހަރު ފިލާވަޅު ލިބިގަނެ
އުރުބާނީ އަށް އިންޑިއާގެ ޓެސްޓުން ފާސްވެވެން ޖެހޭނެ އެވެ. އެކަމަކު އެކަންވީ
ބިލާހަކަށެވެ. މެޗު އެއްވަރުވާން ދަނިކޮށް ފަހު ވަގުތު އަރްނަބް ކުމާރް މޮންޑާލީ
ޖެހި ގޯލުން އިންޑިއާ މޮޅުވީ އެވެ.

"އަހަރެމެން
މަސައްކަތްކުރިން ފުޓްބޯޅަ ކުޅެވޭތޯ. އެކަމަކު އިންޑިއާ އިން މަސައްކަތްކުރީ
ފުރަތަމަ މިނެޓުން ފެށިގެން ދިވެހި ކުޅުންތެރިންނަށް އަނިޔާކުރަން. އެ ޓީމުން 10 ކުޅުންތެރިންނާ
އެކު ޑިފެންސްކުރަމުން ދިޔަ ދިއުން އަހަރެމެންނަށް ފޫއަޅުވާ ނުލެވުނު،" މެޗަށް ފަހު އުރުބާނީ ބުންޏެވެ.

"އަހަންނަށް
ވަރަށް ބޮޑަށް މައާފްކުރޭ. އެކަމަކު އަހަންނަށް ނެތް ބުނެވޭކަށް މިއީ އިންޑިއާ
އަށް ހައްގު މޮޅެކޭ."

އެ
މެޗަށް ފަހު، އުރުބާނީގެ އިސްތިއުފާ އަށް ގޮވަން ފެށި އެވެ. އޭނާގެ ކޯޗުކަމުގައި ގައުމީ
ޓީމު ބޮޑު ހަ މުބާރާތެއްގައި ވާދަކުރިއިރު ތަށްޓެއް ނުހޯދުމަކީ ފެއިލްވުން ކަމަށް ބުނެ
އެވެ. އުރުބާނީގެ އިރުޝާދާ އެކު ގައުމީ ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރީގެ ދިގު
ބޯޅަތަކުގެ ބަދަލުގައި ކުދި ޕާސްތަކެއް ޖަހައިގެން ކުޅޭ ރީތި ފުޓްބޯޅައެއް ކުޅުނު
ނަމަވެސް، ޓެކްޓިކަކީ އޭނާ އަކީ ދަށް ކޯޗެއް ކަމަށް އެއް ބަޔަކު ބުނެ އެވެ.
ސަބަބަކީ، އިންޑިއާ ފަދަ ޓީމުތަކުން ރާއްޖޭގެ ކުޅުންތެރިން މެދުތެރެއިންނާއި
ފަހަތުން ބައްދާލުމުން، އެކަމަށް ޓެކްޓިކަލީ ދޭނެ ރައްދެއް ނެތް ކަން ނަތީޖާތަކުން
ސާބިތުވާތީވެ އެވެ.

އެކަމަކު އެއް ބަޔަކު ބޭނުންވީ އޭނާ އަށް ފުރުސަތު ދޭށެވެ. އޭނާގެ
މަސައްކަތް އެއްކޮށް ފުރިހަމަ ކުރަން ވަގުތު ދީފި ކުރިމަގުގައި ކާމިޔާބީއާ
ހަމަޔަށް ޓީމު ގެންގޮސްދޭނެ ކަމަށް ބުނެ އެވެ.

ހުދު
އުރުބާނީ ވެސް ގަބޫލުކުރީ އެހެންނެވެ. ރާއްޖޭގެ ގިނަ ކުޅުންތެރިންނަކީ އެކަޑަމީ
ފެންވަރުގައި ތަމްރީން ހޯދާފައިވާ ކުޅުންތެރިންނަށް ނުވާތީ ސީނިއާ ލެވެލްގައި ވެސް
އާދައިގެ ބައެއް ކަންކަން ކިޔައިދޭން ޖެހުމަކީ، ޓެކްޓިކަލީ ޓީމު ތައްޔާރުކުރަން އޮތް
ހުރަހެއް ކަމަށް އޭނާ ބުންޏެވެ.

"އަނެއްކޮޅުން
މި ފެންވަރުގެ މުބާރާތަކާ ކުރިމަތިލާއިރު ތެދުތެދަށް ބުނަންޏާ ރާއްޖޭގައި ކުޅޭ
ދިވެހި ލީގުން އެކަނި ޓީމަށް އެކަށީގެންވާ ތަޖުރިބާއެއް ނުލިބޭނެ،" އުރުބާނީ،
59، ބުންޏެވެ.

އެ
ފަހަރު އުރުބާނީ ބެހެއްޓުމާ މެދު ވަކި ގޮތެއް ނުނިންމެނީސް އޭނާ އަމިއްލަ އަށް ނިންމީ
ދާށެވެ. އެއީ އާއިލާ އޭރު އެމެރިކާގައި ދިރިއުޅޭތީ، އެ މީހުންނާ ދުރުގައި ހުންނަން
އުނދަގޫވުމުންނެވެ.

ހަންގޭރީ
ގައުމީ ޓީމަށް ދެ މެޗު ކުޅެދީފައިވާ އުރުބާނީ މި ފަހަރު އަންނައިރު، ރާއްޖޭގެ
ފުޓްބޯޅަ މިއޮތީ ބަދަލުވެފަ އެވެ. އެފްއޭއެމްގެ ހިންގުން ބޮއްސުންލައި ފުޓްބޯޅަ ދެ
ތިން އަހަރެއްހާ ދުވަހު ހުއްޓިފައި އޮވެފައި އަލުން ފެށީ ދާދި ފަހުންނެވެ. ނަތީޖާ
އަށް ވުރެ ބޮޑަށް އަދިވެސް ވިސްނަން ޖެހިފައި އޮތީ ދަބަރު ތަޅާލައި، ތެޔޮ
ޖަހާލުމުގެ މަސައްކަތާ މެދު އެވެ. އެހެންކަމުން އުރުބާނީގެ މަސައްކަތް ދެގުނަވާނެ
އެވެ.

އެކަމަކު ޕޮޒިޓިވް ކަމަކީ، ކުރިއަށް ވުރެ ޒުވާން ހުނަރުވެރި ކުޅުންތެރިން
ގިނަވުމެވެ. އެކަޑަމީތައް އިތުރުވެ، ޅައިރު ޓްރެއިނިން ލިބިފައިވާ ކުޅުންތެރިން
މިހާރު އެބަ ތިއްބެވެ. އެމެރިކާގެ މޭޖާ ލީގުގެ ކެންސަސް ސިޓީގެ އެކަޑަމީގެ
ކޯޗުކަމާއި ބީ ޓީމުގެ ކޯޗުކަންކޮށް އުރުބާނީ ވެސް މިހާރު ހުރީ ކުރިއަށް ވުރެ
ތަޖުރިބާ ގިނަކޮށް ގާބިލްކަން އިތުރު ކޮށްފަ އެވެ.

ދެން އޮތީ އުރުބާނީ އޭނާގެ ތިން
ވަނަ ފުރުސަތުގައި ނެރޭނެ ނަތީޖާއެއްގެ އިންތިޒާރުގައި ތިބުމެވެ. އޭނާ
އަށް ފުރަތަމަ ވެސް އޮންނާނީ ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި
މާލޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެވެ. އޭގެ ފަހުން ސާފް ޗެމްޕިއަންޝިޕެވެ.