ސޯމާލިޔާއިން ވަކިވެގަނެގެން ސޯމާލީލޭންޑްގެ ނަމުގައި އުފައްދައިގެން އުޅޭ ވަކި ދައުލަތް އިޒްރޭލުން ބަލައިގަތުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭން އެކަން ކުށްވެރި ކުރާކަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހާމަކުރެއްވީ ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 22 ވަނަ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ހަލީލް ވިދާޅުވީ އިޒްރޭލުގެ އެ ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ކަމެއް ކަމަށެވެ. އެއީ ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިޒްރޭލުގެ އެފަދަ ނިންމުންތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ އެ އަމަލަކީ އދ. ގެ ޗާޓަރާ ވެސް ފުށުއަރާ ކަމެއް ކަމަށެވެ.

ސޯމާލީލޭންޑް މައްސަލައިގެ އިތުރުން މެދުއިރުމަތީގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން ހަލީލު ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ގާނޫނަށް އެ ގައުމުން އިހުތިރާމް ނުކުރުމުން ކަންބޮޑުވާ ކަމަށެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުން ގެންދާއިރު، އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، އެ ނިޒާމަށް ބަރޯސާވާ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ހަލީލް ސިފަކުރެެއްވި އެވެ.

އިސްލާމީ އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުންދާ އޯއައިސީ އަކީ 57 ގައުމު ހިމެނޭ ޖަމިއްޔާއެކެވެ. ރާއްޖެއިން އެ ޖަމިއްޔާގެ މެންބަރަކަށްވީ 1976 ގަ އެވެ.