ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ބްރާންޗްތައް ގާއިމްކުރަން ބިންގާ އަޅާފައިވާ ރަށްތަކާއި ޑޮލަރު އޭޓީއެމް ގާއިމްކުރަން ނިންމާފައިވާ ރަށްތަކުގައި އަންނަ މާޗްމަހުގެ ނިޔަލަށް މަސައްކަތް ނިންމައި ހިދުމަތްދޭން ފަށާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

"މިހާރު"ން ކުރި ސުވާލަކަަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ޑޮލަރު އޭޓީއެމް ބަހައްޓަން ކަނޑައަޅާފައިވާ ރަށްތަކާއި ބްރާންޗެއް ގާއިމްކުރަން ބިންގާ އަޅާފައިވާ ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް މަސައްކަތް ފަށައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ. 

އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ. މުަހައްމަދު މުއިއްޒު ކުރެއްވި ދަތުރުތަކުގައި ބީއެމްއެލްގެ ބްރާންޗްތައް ގާއިމްކުރަން ބައެއް ރަށްރަށުގައި ބިންގާ އެޅި އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތްދޭން ހިންގި މަޝްރޫއުގައި ބެހެއްޓި އޭޓީއެމްތައް ވެސް އޭރު ގިނަ ރަށްރަށުގައި ހުޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު، ބީއެމްއެލުން 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފްސާވިސް ބޭންކިން ސެންޓަރު، 248 އޭޓީއެމްގެ އިތުރުން އޮންލައިން ބޭންކިންގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.