ސަލްމާނާއި އާއިލާ ރާއްޖޭން ފުރައިފި
ސަލްމާނާއި އާއިލާ ރާއްޖޭން ފުރައިފި

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާނާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ލޫލިއާ ވަންތޫރު އަދި އާއިލާގެ ގިނަ ބަޔަކު ރާއްޖެއަށް ކުރި ދަތުރަށް ފަހު އިއްޔެ ފުރައިފި އެވެ. ސަލްމާން އޭނާގެ އާއިލާއާ އެކު މިފަހަރު ރާއްޖެ އައީ އޭނާގެ އެންމެ ހަގު އަންހެން ކޮއްކޮގެ ދަރިފުޅު އާހިލްގެ ފުރަތަމަ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

ރާއްޖެ އައި ސަލްމާންގެ އާއިލާގެ މެމްބަރުންގެ ތެރޭގައި ސަލްމާންގެ ދެ ފިރިހެން ކޮއްކޮ އަދި ފިލްމީ ތަރިން ކަމަށްވާ ސުހައިލް ޚާނާއި އަރްބާޒް ޚާން ހިމެނެ އެވެ. އަދި މި ދެ މީހުންގެ އަނބިންނާއި ދަރިންގެ އިތުރުން ސަލްމާންގެ ބައްޕަ ސަލީމް ޚާނާއި އޭނާގެ ދެ އަނބިން ކަމަށްވާ ސަލްމާ އާއި ހެލަން ވެސް ހިމެނެ އެވެ.

ސަލްމާން އާއިލާގެ ހުރިހާ މެމްބަރުން ރާއްޖެއިން ފުރުމުގެ ކުރިން އެމީހުން ޗުއްޓީ ހޭދަކުރި އަމިއްލަފުށީގެ ގޮނޑުދޮށުގައި ފޮޓޯއެއް ނަގާފައިވެ އެވެ. ދަތުރުގައި ބައިވެރިވި އާއިލާގެ އެންމެން އެ ފޮޓޯއިން ފެނެ އެވެ.

ސަލްމާނާއި ލޫލިއާ އެކުގައި ފޮޓޯ ނުނަގަން މަސައްކަތް ކުރި ނަމަވެސް މި ފޮޓޯގައި އެ ދެ މީހުން ވެސް ތިއްބެވެ.

ސަލްމާން ޚާން ރާއްޖެއަށް އައީ "ޓައިގާ ޒިންދާ ހޭ"ގެ ޝޫޓިންގްގައި އޮސްޓްރިއާގައި އުޅުމަށްފަހު 22 ގަޑިއިރުގެ ދިގު ދަތުރެއް ކޮށްފަ އެވެ. ސަލްމާން އައުމުގެ ކުރިން އޭނާގެ އާއިލާގެ މީހުން ތިބީ ރާއްޖެ އައިސްފަ އެވެ.

ސަލްމާން މިހާރު ކުޅެފައިވާ "ޓިއުބުލައިޓް" ވެސް ވަނީ ރިލީޒްކުރަން ތައްޔާރުވެފަ އެވެ. މި ފިލްމު ޖޫން މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާކަން ވަނީ އިއުލާން ކޮށްފަ އެވެ. ކަބީރް ޚާންގެ "ޓިއުބުލައިޓް"ގައި ސަލްމާނާ އެކު ބައިވެރިވަނީ ޗައިނާގެ ބަތަލާއެއް ކަމަށްވާ ޒޫ ޒޫ އެވެ.