އެއްގޮަތުން ނުވިއްޔާ އަނެއް ގޮތުން ވެސް ގްރީލަންޑް ހިފާނަން ކަމަށާއި އެމެރިކާއިން އެކަން ނުކޮށްފި ނަމަ ރަޝިޔާ ނުވަތަ ޗައިނާއިން އެތަނުގެ ކޮންޓްރޯލް  ހޯދަފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް ވިދާޅުވީ ޑެންމާކުގެ ސަރަހައްދުގައި، ވަކި ވެރިކަމެއްގެ ގޮތުގައި ހިންގަމުން އަންނަ، މިނެރަލްގެ މުއްސަނދިކަން ބޮޑު ގްރީންލަންޑަކީ އެމެރިކާގެ ގައުމީ ސަލާމަތާ ވަރަށް ބޮޑަށް ގުޅުން ހުރި ތަނެއް ކަމަށާއި އެއީ އާކްޓިކް ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާތީ ކަމަށެވެ. 

"އަހަރެމެން ގްރީންލަންޑްގެ ކޮންޓްރޯލް ނުނަގައިފި ނަމަ ރަޝިޔާ ނުވަތަ ޗައިނާއިން އެކަން ކުރާނެ. އެކަން އެހެން ވާން ދުލެއް ނުކުރާނަން،" އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވި އެވެ.

ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް ރަޝިޔާ އަދި ޗައިނާއިން ވެސް ގްރީންލަންޑުގެ ކޮންޓްރޯލް ހޯދުމާ ބެހޭ ގޮތުން އަދި ހިފުމާ ބެހޭ ގޮތުން ވެސް އެއްވެސް އިރަކު ވާހަކައެއް ނުދައްކަ އެވެ. 

ޓްރަމްޕު ވިދާޅުވީ ގްރީންލަންޑާ ވާހަކަ ދައްކައިގެން ޑީލަކަށް ދާން މަސައްކަތްކުރައްވާނެ ކަމަށާއި އެކަމަކު އެގޮތުން ކާމިޔާބު ނުވެއްޖެ ނަމަ އެހެން ގޮތަކުން ވިޔަސް ތަން ހިފާނެ ކަމަށެވެ. 

ޑެންމާކާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ގްރީންލަންޑް ހިފާނެ ކަމަށް ޓްރަމްޕު ވިދާޅުވެފައިވާ ވާހަކައާ މެދު ކަންބޮޑުވުން ފާޅުކޮށް އެއީ ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. 

ޑެންމާކުގެ އިސްތިއުމާރުގެ ދަށުގައި 1953 އާ ހަމައަށް އޮތް ގްރީންލަންޑް އޭގެ 26 އަހަރު ފަހުން އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ އިރު މިހާރު އަންނަނީ ޑެންމާކުގެ ބާރު އިތުރަށް ކުޑަކުރުމަށް މަސައްކަތްކުރަމުންނެވެ. 

ގްރީންލަންޑުގެ އާބާދީގެ ބޮޑު ބައެއް އަދި ސިޔާސީ ޕާޓީތަކުން ވެސް ދަނީ އެމެރިކާގެ ދަށުގައި އޮންނަން ބޭނުން ނުވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ. ނަމަވެސް ޓްރަމްޕު ވިދާޅުވަމުން ގެންދަނީ އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ. 

"ގްރީންލަންޑުން ޑީލެއް ހަދަން ޖެހެނީ ރަޝިޔާ ނުވަތަ ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަން ގްރީންލަންޑުން ބޭނުން ނުވާތީ،" ގްރީންލަންޑުގެ ދިފާއީ ކަންކަމަށް މަލާމާތްކުރައްވަމުން ޓްރަމްޕު ވިދާޅުވި އެވެ.

"އެ މީހުންގެ ދިފާއީ ބާރަކީ 'ކުއްތާ ޖަހައިގެން ދުއްވާ' ދެ ގާޑިޔާކަން އެނގެއެއްނު،" ރަޝިޔާ އާއި ޗައިނާގެ މަނަވަރުތައް މިހާރުވެސް ދަނީ އެތަނުގެ ވަށައިގެން އެނބުރެމުންކަމަށް ސިފަކުރައްވަމުން ޓްރަމްޕު ވިދާޅުވި އެވެ. 

ޑެންމާކުގެ ބޮޑުވަޒީރު މިދިޔަ ހަފުތާގައި އިންޒާރު ދެއްވި ގޮތުގައި ގަދަކަމުން ގްރީންލޭންޑް ހިފަން އެމެރިކާއިން މަސައްކަތް ކޮށްފި ނަމަ 80 އަހަރު ވަންދެން އޮތް ސަލާމަތީ ގުޅުންތައް ނެތިގެން ހިނގައިދާނެ އެވެ.

އެކަމާ ގުޅުވައި ޓްރަމްޕު ވިދާޅުވީ ގްރީންލަންޑު ހިފުމުން "ނޭޓޯއަށް އަސަރެއް ކުރާ ނަމަ އެ އަސަރެއް ކޮށްފާނެ" ކަމަށާއި އެކަމަކު ގްރީންލަންޑުން ނޭޓޯއަށް ވުރެ ބޮޑަށް ބޭނުމީ އެމެރިކާ ކަމަށެވެ. -- އޭއެފްޕީ