ހޮޓެލް ބާސެލޯ އިން އެއް ނަންބަރު ޖެޓީ ސަރަހައްދާ ދިމާލަށް ހެނދުނު އޮފީހަށް ދާ ވަގުތު ނުކުންނަ މީހަކަށް މާލޭގެ "ސައިކަލް ކާރިސާ"ގެ ކުޑަ މިންވަރެއް ފެންނާނެ އެވެ. ހާއްސަކޮށްފައިވާ ސައިކަލް ޕާކިން އޭރިއާ ފުރިބާރުވެފައިވާ އިރު، ކޮންމެ އޮފީހެއްގެ ދޮރުމައްޗަށް ފުންޏަކަށް ސައިކަލްތައް ޕާކުކޮށްފައި ހުރެ އެވެ. އެއީ މިހާރު އެ ސަރަހައްދުގެ އާންމު ހާލަތެވެ. އޮފީހަކަށް ހިދުމަތެއް ހޯދަން ދާ މީހުންނާއި އެ ސަރަހައްދުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް އެކަށީގެންވާ ޕާކިން ޖާގައެއް އެތަނުގައި ނެތްކަން ޔަގީނެވެ. 

މިއީ މާލޭގެ ކޮންމެ ދިމާލަކުން ވެސް އާންމުންނަށް ކުރިމަތިވާ، ނުވަތަ ސައިކަލް ދުއްވާ މީހުންނާއި އެހެން ވެހިކަލްތައް ދުއްވާ މީހުންނަށް ވެސް ކުރިމަތިވާ އެންމެ ބޮޑު އުނދަގުލެވެ. މާލެ ސަރަހައްދު މިފަދަ ހާލަތެއްގައި އޮތް އިރު، ކުރިއަށް އޮތް 15 ވަރަކަށް އަހަރު މި ސަރަހައްދަށް އިތުރަށް ޖަމާވާނެ ސައިކަލް ހިޔާލަށް ގެންނާށެވެ.

މާލޭގެ ބިން އިތުރަށް ބޮޑު ކުރެވޭނެ ފުރުސަތު ކުޑަ އިރު އެއްވެސް ހުއްޓުމެއް ނެތި، ސައިކަލް އެތެރެކުރުން ހައްދެއް ނެތި ދޫކޮށްލާފައި އޮވެއްޖެ ނަމަ، މާލޭގެ ހަލަބޮލި ކަމާއި ތޮއްޖެހުމާއި މަގުތަކުގެ ހާލަތު އޮންނާނެ ގޮތް ހިތަށް ގެނެވޭ ހެއްޔެވެ؟ މިތޮއްޖެހުން މިހާ ހިސާބަށް ދިޔައީ ކީއްވެ ހެއްޔެވެ؟ ހައްލެއް ހޯދަން ކަމާ ގުޅޭ އިދާރާތަކުން ކުރި މަސައްކަތަކީ ކޮބައި ހެއްޔެވެ؟

ޔަގީންވާ އެއްކަމަކީ، މިހާރު އިތުރުވާ ސްޕީޑުގައި ސައިކަލާއި ވެހިކަލްތައް އިތުރުވާ ނަމަ، ތަރުތީބެއް، ހަމައެއްލަމައެއް ނެތް މާލޭގެ މަގުތައް ކުރިއަށް އޮތްތަނުގައި ވެސް މިހާރަށް ވުރެ އުނދަގޫހާލަތަކަށް ދާނެ ކަމެވެ. އެހެންވެ، މިއީ ކޮންމެހެން ހައްލު ހޯދަން ޖެހޭ ކަމެއް ކަން ޔަގީނެވެ. ހަމައެކަނި ސުވާލު އޮތީ، މިކަން ހައްލު ކުރާނެ ގޮތަކާ މެދު އެވެ.

މާލޭގެ މަގެއްގައި ގިނަ އަދަދެއްގެ ސައިކަލް ޕާކުކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭގެ މަގެއްގައި ގިނަ އަދަދެއްގެ ސައިކަލް ޕާކުކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭގެ ކުދި އަދި ހަނި މަގުތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ފަސޭހައިން ދެމިނުލެވޭތީ، ދަތުރުފަތުރުކުމަށް އެންމެން ވެސް ފަސޭހައަކަށް ބޭނުން ކުރާ އާންމު ވެހިކަލަކީ ސައިކަލެވެ. އެކަމަކު މިހާރު މި ފެންނަނީ އެކަން ވެސް ހައްދެއް، ހުދޫދެއް ނެތް މިންވަރަށް ބޭނުން ކުރަން ފެށުމުން ދިމާވާ މައްސަލަ އެވެ.

ކުދި ހަނި މަގުތަކުގެ ތެރެއިން ދެމިގަނެގެންދާން ފަސޭހަވިއަސް، މިހާރު މާލޭގެ މަގަކުން ސައިކަލެއް ދުއްވާ އިރު ގިނަ ފަހަރަށް ދާން ޖެހޭނީ، ފައި ޖައްސައިގެން ދަމަމުންނެވެ.

ބޭނުންވަނީ ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް

ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ދިވެހިންނަށް ތައާރަފްވީ ވަރަށް ފަހުންނެވެ. އޭގެ ކުރިން ދިވެހިން ބަރޯސާވަމުން އައީ އަމިއްލަ ވެހިކަލްތަކަށެވެ. އެ ނިޒާމު އައި އިރު ދިވެހިންގެ ސަގާފަތަކަށްވެފައި އޮތީ، 18 އަހަރު ވާ އިރަށް ދަރިންނަށް ވެސް ސައިކަލް ލައިސެންސް ނަގާތީ، ސައިކަލެއް ހޯދައިދިނުމެވެ. އެހެންވެ، މިއަދު ދިވެހިންގެ ދިރިއުޅުމުގެ ތެރެއަށް ސައިކަލް ބޭނުންކުރުން މިވަނީ ވަރަށް ބޮޑަށް ވަދެ އާދައަކަށްވެފަ އެވެ. 

ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެ، އެތަނުގައި ބަހުގެ ހިދުމަތް ހުއްޓުމެއް ނެތި ވަރަށް އެފެކްޓިވްކޮށް އެ އަންނަނީ ބޭނުންކުރަމުންނެވެ. މާލޭގައި 2011 ވަނަ އަހަރު ބަހުގެ ހިދުމަތް ފެށި ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ހިދުމަތް ހުއްޓާލީ އެވެ. އަނެއްކާވެސް މިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރުގެ ފަހު ކޮޅު "މިނީ ބަސް" ހިދުމަތް މާލެ ސަރަހައްދަށް ތައާރަފްކުރި އެވެ.

މިހާރު ބަސްތައް ވެސް ފުދޭވަރަކަށް ގިނަ މާލޭގައި. އެކަމަކު ސައިކަލުތަކާ އެއްޗެހި ގިނަވެގެން ގޮސް... ބަހަށް ވެސް ދާންވާ ގަޑިއަށް ނުދެވެނީ. އެހެންވީމަ ބަސް އިތުރު ކުރަންޏާ އިމްޕޯޓު ކޮންޓްރޯލް ގެންނަން ޖެހޭ

މޭޔަރު އާޒިމް

އެ ހިދުމަތްތަކަށް އޭރު ކަނޑައެޅި ބައެއް ރޫޓުތައް ހުއްޓާލި ނަމަވެސް، މިހާރު ވެސް ކޮންމެވެސް ވަރަކަށް އެ ހިދުމަތް އަންނަނީ ދެމުންނެވެ. އެކަމަކު އެންމެ ފުރިހަމައަށް އަދިވެސް ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް މާލެއަށް ނުގެނެވެ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ ސައިކަލް މައްސަލައަށް ވެސް އޮތް ހައްލަކީ ރައްޔިތުން ބަލައިގަންނަ، ވަގުތަށް ދަތުރުތައް ކުރާނެ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް އޮތުން ކަމަށެވެ. 

"މީހުން އެއްތަނުން އަނެއް ތަނަށް ދާން ޖެހޭނެ. ގަޑިއަށް ދާން ޖެހުމަށް ޕަބްލިކް ޓްރާންސްޕޯޓަކީ ރިލަޔަބަލް ޓްރާންސްޕޯޓަކަށް ވާންޖެހޭ. މިހާރު އޮތް ޓްރާންސްޕޯޓު ވެސް ރަނގަޅަށް ހިނގަން ފަށާނީ، އެކަށީގެންވާ އިތުރު ވެހިކަލް ލިބިގެން،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ބޭރު މަގުގައި ދެ ފަޅީގައި ސައިކަލުތައް ފާކުކޮށްފައި. އެ މަގުގެ ދެ ފަރާތުގައި ވެސް އާންމުގޮތެއްގައި ސައިކަލުތައް ފާކުކޮށްފައި ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭގެ ބޭރު މަގުގައި ދެ ފަޅީގައި ސައިކަލުތައް ފާކުކޮށްފައި. އެ މަގުގެ ދެ ފަރާތުގައި ވެސް އާންމުގޮތެއްގައި ސައިކަލުތައް ފާކުކޮށްފައި ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އާޒިމް ގަބޫލުކުރައްވާ ގޮތުގައި މިއީ އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން 5-8 އަހަރުގެ ތެރޭގައި ހައްލު ގެނެވޭނެ މައްސަލައެކެވެ. އަދި މާލޭގެ މަގުތަކަކީ، ތޮއްޖެހުން ކުޑަ، ހިތް ފަސޭހަ ތަނަކަށް ހެދޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުފަތުރާ ބެހޭ ކުންފުނީގެ ސީއީއޯގެ މަގާމު ވެސް ކުރިން ފުރުއްވި އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި، އެކަމަށް ބޭނުންވަނީ ވެރިންގެ ވަރުގަދަ "ޕޮލިޓިކަލް ވިލް"އެކެވެ.  އަދި އުނދަގޫ ވިޔަސް އަޅަން ޖެހޭ ހަރުކަށި ފިޔަވަޅުތައް ވެހިކަލްތައް އެތެރެ ކުރުމުގައި ވެސް އެޅުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ހާސިލުކުރުމަށް ސަރުކާރާއި ކައުންސިލްގެ ވެސް އިހްލާސްތެރިކަން ހުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ބަސްތައް ވެސް ފުދޭވަރަކަށް ގިނަ މާލޭގައި. އެކަމަކު ސައިކަލުތަކާ އެއްޗެހި ގިނަވެގެން ގޮސް... ބަހަށް ވެސް ދާންވާ ގަޑިއަށް ނުދެވެނީ. އެހެންވީމަ ބަސް އިތުރު ކުރަންޏާ އިމްޕޯޓު ކޮންޓްރޯލް ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ

ސައިކަލް އެތެެރެ ކުރުން ހުއްޓާލަންވީ؟

މިދިޔަ އަހަރު އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ރިސާޗް ޓީމުން ހެދި ދިރާސާއިން ދައްކާ ގޮތުން މާލެ ސަރަހައްދުގައި 119،472 ވެހިކަލް ބޭނުން ކުރާ އިރު އޭގެ 93 ޕަސެންޓަކީ ސައިކަލެވެ. އެއީ 103،300 ސައިކަލެވެ. 

އެ ރިޕޯޓުގައިވާ ގޮތުން މާލެ ސަރަހައްދުގެ ޓްރެފިކާއި ތޮއްޖެހުމާއި އެއާ ޕޮލިއުޝަނަށް ހައްލެއް ހޯދުމަށް 132،230 ޕާކިލް ސްލޮޓު ރަނގަޅަށް މެނޭޖް ކުރަން ޖެހެ އެވެ. 

މާލެ ސަރަހައްދުގައި ވެހިކަލްތައް އިތުރުވެ، ހާލަތު މިހާ ހިސާބަށް ދިއުމަށް ގިނަ ސަބަބުތަކެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

މާލޭގައި ދުއްވާ ސައިކަލާއި އެހެން ވެހިކަލްތަކުގެ ތަފާސް ހިސާބުތައް

މާލޭގައި ދުއްވާ ސައިކަލާއި އެހެން ވެހިކަލްތަކުގެ ތަފާސް ހިސާބުތައް

  • މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކޮށް ޖަމާވާ މީހުން އިތުރުވުން
  • ބޭނުންކޮށްފައި ހުންނަ ވެހިކަލްތައް ފަސޭހައިން އިމްޕޯޓު ކުރެވުން
  • ފަސޭހައިން ފައިނޭންސް ހަމަޖައްސައިގެން ވެހިކަލް ގަނެވުން
  • ރޯޑްވޯދިނަސް މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ނެތުން
  • ބޭނުން ތަނެއްގައި ޕާކު ކުރުމަށް ފިޔަވަޅުތައް އެޅުމުގައި އިހުމާލުވުން
  • ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓެއް ނެތުން

ދުނިޔޭ ގައުމުތަކުގައި އެކަން ކުރާ އުސޫލަށް ބަލާ އިރު މާލެ ފަދަ ޖާގައަކަށް އެންމެ އެކަށީގެންވާ ވެހިކަލް އަދަދަކީ، 51،904 އެވެ. އެ އަދަދަށް ބަލާ ނަމަ މާލޭގައި މިހާރު ވެސް އިތުރަށް 70،000 އަށް ވުރެ ގިނަ ވެހިކަލް ބޭނުން ކުރެ އެވެ. ބައެއް ގައުމުތަކުގައި ކޮންމެ އާބާދީއެއްގެ 1،000 މީހުންނަށް އެކަށީގެންވާ ވެހިކަލް އަދަދެއް ގޮތަށް ކަނޑައަޅާފައިވަނީ 321 ވެހިކަލެވެ. އެ އަދަދު ބަލާ ނަމަ، މާލޭގެ މިހާރުގެ އާބާދީއަށް އެކަށީގެންވާ ވެހިކަލްގެ އަދަދަކީ 81،318 އެވެ. މިއިން ކޮންމެ މިންގަނޑަކުން ބެލި ނަމަވެސް، މިހާރު މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު މިވަނީ އެ އަދަދުތަކަށް ވުރެ މާ މައްޗަށް ގޮސް، ބޮއްސުންލައިފަ އެވެ.

ތޮއްޖެހިފައިވާ މާލޭގެ މަގެއް. ވެހިކަލްތައް ޕާކު ނުކުރެވެނީ، އެކަމަށް ބޭނުންވާ އެކަށީޣެންވާ ޖާގަ ނެތުމުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ތޮއްޖެހިފައިވާ މާލޭގެ މަގެއް. ވެހިކަލްތައް ޕާކު ނުކުރެވެނީ، އެކަމަށް ބޭނުންވާ އެކަށީޣެންވާ ޖާގަ ނެތުމުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރާއްޖޭގެ ޓްރާންސްޕޯޓް ދާއިރާ ދިރާސާކުރާ، އެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރަކު "މިހާރު" އަށް ވިދާޅުވީ، މައްސަލަ ހައްލުކުރަން ވެހިކަލް ގެނައުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެކަމަކު އެއީ ކުއްލިއަކަށް ކުރެވޭނެ ކަމެއް ނޫން ކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު މިހާރު އޮތް ހާލަތު ބަދަލު ކުރުމަށް ވެހިކަލްތައް އެތެރެކުރުން ހުއްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތަށް އެންމެ މުހިއްމު ކަމަކީ އޭޖްޑް [ދުވަސްވެފައިހުރި] ވެހިކަލްތައް ނައްތާލުން. ކޮންމެ އެއްޗެއްގެ ލައިފެއް އިންނަން ޖެހޭނެތާ. އޭރުން މައިތިރިވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސައިކަލް އެތެރެ ކުރުން ހުއްޓާލުމުގެ ކުރިން، އެޅޭނެ އިތުރު ފިޔަވަޅުތައް ވެސް ހުންނާނެ ކަމަށެވެ. މިސާލަކަށް އެއް ސައިކަލަށް ވުރެ ގިނަ ސައިކަލް ގެންގުޅޭ މީހުންނަށް އިތުރު ބޮޑު ފީތަކެއް ނެގޭނެ ގޮތް ވެސް ހެދިދާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ބޭރުގެ ގައުމުތަކުން ވެހިކަލް ކޮންޓްރޯލްކުރަން ގެންގުޅޭ ބައެއް ފިޔަވަޅުތައް

ވެހިކަލްތަކުގެ އަދަދުތައް ކޮންޓްރޯލްކުރުމަށް ގިނަ ގައުމުތަކުން އެ ގައުމެއްގައި ބޭނުން ކުރެވޭ ވެހިކަލްގެ އުމުރެއް ނުވަތަ ވަކި މުއްދަތެއް ކަނޑައަޅަ އެވެ. ކެންޔާގައި އަށް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ބޭނުމެއް ނުކުރެ އެވެ. އަވައްޓެރި އިންޑިއާގައި އެންމެ ގިނަ ދުވަސްވަންދެން ވެހިކަލެއް ބޭނުން ކުރެވޭނީ 15 އަހަރަށެވެ. އެއަށް ފަހު އަނެއްކާ ވެސް އެ ވެހިކަލެއްގެ ފިޓްނަސް ހަދާ، ރަޖިސްޓާ ކުރަން ޖެހޭނެ އެވެ.

ޔޫއޭއީގެ މަގުތަކުގައި ދުއްވޭނީ އުފެއްދިތާ 20 އަހަރަށް ވުރެ ދަށް ވެފައިވާ ވެހިކަލްތަކެވެ. އަދި ސިންގަޕޫރުގެ މަގުތަކުގައި ބޭނުން ކުރެވޭނީ އެންމެ ގިނަވެގެން 10 އަހަރުވެފައިވާ ވެހިކަލްތަކެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން ވެހިކަލްތަކުގެ ރޯޑްވޯދިނަސް ބެލުމަށްޓަކައި ވަރަށް ހަރުކަށި ގޮތްތަކެއް ގެންގުޅެ އެވެ. ވެހިކަލްތަކުގެ ރޫޓިންކޮށް ރޯޑްވޯތްނަސް ބެލުމުގެ އެންމެ ބޮޑު ބޭނުމަކީ ވަކި ކޮލިޓީއަށް ވުރެ ދަށުގެ ވެހިކަލްތައް ބޭނުން ނުކުރެވޭ ގޮތް ހަދައި އާންމުން ބޭނުން ކުރާ ވެހިކަލްތަކުގެ އަދަދު މަދު ކުރުމެވެ. އެހެންވެ، ވެހިކަލްތައް ރޫޓިންކޮށް މޮނިޓާކުރުމުގެ ނިޒާމެއް ޖަރުމަނާއި ފްރާންސާއި އިނގިރޭސިވިލާތު ފަދަ ގައުމުތަކުގައި ވަނީ ގާއިމްކޮށްފަ އެވެ.

މާލޭގެ މަގެއްގައި ޕާކުކޮށްފައިވާ ސައިކަލުތަކެއް. މާލޭގައި ބޭނުންކުރާ ވެހިކަލްތަކުގެ 93 ޕަސެންޓަކީ ސައިކަލު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭގެ މަގެއްގައި ޕާކުކޮށްފައިވާ ސައިކަލުތަކެއް. މާލޭގައި ބޭނުންކުރާ ވެހިކަލްތަކުގެ 93 ޕަސެންޓަކީ ސައިކަލު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރޯޑްވޯދިނަސް ބެލުން އޮތް ކަމަށް ވެސް، އެކަން ވެސް ހަރުކަށިކޮށް ނުބެލެހެއްޓުމެވެ. އަދި ވެހިކަލްތަކުގެ އުމުރު ކަނޑައަޅާ، އެފަދަ ފިޔަވަޅުތަކަށް ސާފުކޮށް ތިލަކޮށްފައި ނެތުމެވެ.

އިސްލާމިކް ޔުނިވާސިޓީގެ ރިސާޗް ޓީމުން ހެދި ދިރާސާގައިވާ ގޮތުން ރާއްޖޭގައި މިހާރު ބޭނުން ކުރާ ވެހިކަލްތަކުގެ ތެރެއިން އުފެއްދި ތާރީހުން ފެށިގެން 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ބޭނުންކުރުން މަނާކޮށްފި ނަމަ، މާލޭގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު 83،000 އަށް މަދު ކުރެވޭނެ އެވެ.

އައިޔޫއެމްގެ ދިރާސާ ހެދި އިރު ރަޖިސްޓާކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން 71،868 ވެހިކަލްގައި ރޯޑްވޯދިނަސް އެއްވެސް ވަރަކަށް ހުރީ ނުހަދަ އެވެ. އެހެންވެ، އެ އުސޫލުގެ ތެރެއިން ބެލިއަސް މިވަގުތު މާލޭގެ މަގުތަކުގައި ބޭނުންކުރެވޭނީ ލައްކައެއްހާ ވެހިކަލް އެކަންޏެވެ.

މާލޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން ސައިކަލުގެ އަދަދު ލައްކަ އަކުން 76،000 އަށް ކުޑަކޮށް ކާރުގެ އަދަދު 7،500 އިން 5،600 އަށް ކުޑަކުރަން ރީސާޗަރުން ލަފާދީފައިވެ އެވެ. އަދި ޖުމްލަކޮށް މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު 89،000 އަށް ކުޑަކުރެވޭނެ ގޮތްތައް ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އެކަން ކުރަން އެންމެ ރަނގަޅުގޮތްތަކަކީ، އާންމުން ބަލައިގަންނަ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގެނައުމުގެ އިތުރުން ހަރުކަށި ފިޔަވަޅުުތައް އަޅާ، ސައިކަލާއި އެހެން ވެހިކަލްތައް މާލޭގައި ބޭނުންކުރާ ވަރު މަދުކުރުމެވެ.

މާލޭގެ މަގެއްގައި ގިނަ އަދަދެއްގެ ސައިކަލްތައް ޕާކުކޮށްފައި. ސައިކަލުތަކާއި ވެހިކަލްތައް ވަރަށް ބޮޑަށް މަދުކުރަން ޖެހޭކަން ދިރާސާތަކުން އެނގޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭގެ މަގެއްގައި ގިނަ އަދަދެއްގެ ސައިކަލްތައް ޕާކުކޮށްފައި. ސައިކަލުތަކާއި ވެހިކަލްތައް ވަރަށް ބޮޑަށް މަދުކުރަން ޖެހޭކަން ދިރާސާތަކުން އެނގޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސައިކަލްތައް އިންތިހާއަށް އިތުރުވެ، މާލޭގެ މަގުތަކުގައި ދުއްވަން އުނދަގޫ ވާހަކަ ކިތަންމެ ގަދައަށް ދައްކަމުން އައި ނަމަވެސް، މިހާތަނަށް ރަސްމީ ސިފައެއްގައި އެކަން ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިފައެއް ނުވެ އެވެ. މިއީ މި މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. އަދި ކޮންމެ ވެހިކަމެއްގައި ޕަބްލިކް ޓްރާންސްޕޯޓާ ގުޅޭ އުސޫލުތައް ބަދަލުވާތީ، އާންމުން ވެސް އެއަށް ކުރާ އިތުބާރު ކުޑަ އެވެ.

މާލެ ތޮއްޖެހުމުގެ މައްސަލަ އާއި ހައުސިން މައްސަލަ އާއި ސައިކަލްތަކުގެ މައްސަލައަކީ އެއް ދުވަހުން ދިމާވި މައްސަލަތަކެއް ނޫނެވެ. މިއަދު އޮތް ހާލަތަށް މިދިޔައީ، މީގެ ކުރިން މިކަންކަން ދިމާވާނެ ކަމަށް ބަލައިގެން ފިޔަވަޅު އެވެ. އެހެންވެ، މިކަން ބަދަލުކޮށް އިސްލާހުކުރުމަށް ވެސް އެތައް ފިޔަވަޅެއް އެއްފަހަރާ އަޅަން ޖެހެ އެވެ. ސައިކަލުގެ މައްސަލަ ހައްލުކުރުމަށް ވެހިކަލްތަކާ ގުޅޭ ގޮތުން ގޯސްކޮށް ހިނގާ ހުރިހާ ކަމެއް ފުރަތަމަ ހުއްޓަން ޖެހެ އެވެ. އަދި މައްސަލަ ހައްލުކުރުމަށް އިހްލާސްތެރިކަމާ އެކު ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެހެން ނޫނީ، މިކަން ވެސް ވާނީ ދައްކާލާ ވާހަކައަކަށެވެ.