15 ޖޫން 2016 - 15:59

މާދަމާ އިން ފެށިގެން މިމަހުގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސް އަށް ދާން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގެ މި އަހަރުގެ ފުރަތަމަ ރިސެސްގެ މުއްދަތަކީ މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން އެ މުއްދަތުގައި އެ ކޯޓުގެ ޝަރީއަތްތައް މަދުކޮށްލާނެ ކަމަށެވެ.
އެކަމަކު ބަންދާ މެދު ގޮތެއް ނިންމުމުގެ މަސައްކަތްތަކާއި އެހެން އިދާރީ މަސައްކަތްތައް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ. އެ ކޯޓުގެ ދެވަނަ ރިސެސް ފަށާނީ އަންނަ ޑިސެމްބަރު މަހު އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމި އިރު ޖުވެނައިލް ކޯޓު މިހާރު ވެސް އޮތީ ރިސެސްގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ ކޯޓުގެ ރިސެސް ނިމުމަކަށް އަންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ރިސެސްއަކީ ޝަރީއަތްތައް މަދުކޮށްލުން ނުވަތަ މެދުކަނޑާލުމަށް ފަހު އިދާރީ މަސައްކަތްތައް އެކަނި ކޯޓުތަކުން ކުރި އަށް ގެންދާ މުއްދަތެކެވެ. އެކި ކޯޓުތަކުން ރިސެސް އަށް ދާނީ އެކި ދުވަސްވަރު އެވެ.