ބަންގްލަދޭޝްގައި އަންނަ މަހު ބާއްވާ އާންމު އިންތިހާބާ ދިމާކޮށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ނިންމި ނިންމުން ބަދަލުކޮށް، އެ ގައުމަށްދާ މީހުންނަށް އޮން-އެރައިވަލް ވިސާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ. 

އަންނަ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބާ ގުޅިގެން މާދަމާއިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ އެންމެންނަށް އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން އެ ގައުމުގެ ސަރުކާރުން ނިންމި އެވެ. 

އެހެންވެ އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައިވަނީ އެ ގައުމަށް ދަތުރުކުރާ ދިވެހިން އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކޮށްފަ އެވެ. 

އެ ނިންމުން ބަދަލުކޮށްފައިވާތީ ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްގެ ސަރުކާރުގެ އެ ނިންމުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެެހެންވެ، ކުރިއެކޭ ވެސް އެއްގޮތަށް އެ ގައުމަށް ދާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ. 

ބަންގްލަދޭޝްގައި ބާއްވަން ތައްޔާރުވަމުންދާ އިންތިހާބަކީ އެގައުމުގެ ދަރިވަރުންތަކެއް އިސްވެ ކުރި ވަރުގަދަ މުޒާހަރާތަކަށްފަހު، ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމުން އެ ގައުމުގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

ހަސީނާގެ ވެރިކަން ވެއްޓުމާއެކު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ވެސް އޮތީ އުވާލައިފަ އެވެ.

އެ އިންތިހާބާ އެކު، ވަގުތީ ސަރުކާރުގައި އިސްކޮށް ހުންނެވި މުހައްމަދު ޔޫނުސް ހުށަހަޅުއްވާފައިވާ ގައުމުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ މަގު ޗާޓު ތަންފީޒު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ވެސް ހަމަ އެ ދުވަހު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.