ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާންގެ މައްޗަށް 7-1 އިން ކުރި ހޯދައި ދިވެހިރާއްޖޭގެ ފުޓްސަލް ޓީމު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެޗަކުން މޮޅުވެއްޖެ އެވެ.
ރާއްޖޭން މި މެޗުގެ ފުރަތަމަ ހާފުގައި ފަސް ގޯލު ޖެހި އިރު ފުރަތަމަ ލަނޑު ޖަހައިދިނީ އަހުމަދު ހަމީދު (އަންމަޑޭ) އެވެ. އެއަށް ފަހު އަލީ ޝިޔާހް (ޝިޔާ) ލީޑު ފުޅާ ކޮށްދިން އިރު ތިންވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން މުހައްމަދު އިމްރާޏް (އިންމި) އެވެ.
ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ގޯލްކީޕަރު ޒައިދާޏް އަހުމަދު (އަސޫ) އެވެ. އަސޫ ވަނީ ޕާކިސްތާންގެ ނުރައްކާތެރި ހަމަލާއެއް މަތަ ކުރުމަށް ފަހު ކީޕަރު ނެތް ތަން ބަލައި އެ ބޯޅަ ސައްޕު ޖަހައި ގޯލަށް ފޮނުވާލައިފަ އެވެ. މިއާ އެކު މި ގޯލު ރެކޯޑް ވެގެންދާނީ މިއަދު ފެށި މި މުބާރާތުގައި ގޯލްކީޕަރެއް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ފަސްވަނަ ލަނޑު ޖަހައިދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. އޭނާ މި ލަނޑު ޖެހީ ޕާކިސްތާނުން ހަ ފައުލް ހަމަވެގެން ލިބުނު ޕެނަލްޓީއަކުންނެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ހަވަނަ ގޯލު ޖަހައިދިނީ އިމްރާނެވެ. އެއަށް ފަހު ޕާކިސްތާންގެ މީސާރު ހުސެއިން އެ ޓީމަށް ގޯލެއް ޖަހައިދީފައި ވަނިކޮށް، ރާއްޖޭގެ ހަތްވަނަ ގޯލު ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒު ވި އިރު، ހުޒެއިފަތު ރަޝީދު (ހުޒޭ) ގެ ހަމަލާއެއް ޕާކިސްތާންގެ ކީޕަރު މަތަކުރި އެވެ.
މި މެޗުގައި ގޯލްކީޕަރު ޒައިދާނަށް އަނިޔާވެގެން ވަނީ ގޯލްކީޕަރު އަލީ ނާޖިހު (ހޭޓް) ވަނީ ކުޅެފަ އެވެ.
މިއީ ރާއްޖެ ބައިނަލްއަގުވާމީ ފުޓްސަލް މެޗަކުން މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، 2022 ގައި ތައިލެންޑްގައި ބޭއްވި އެންއެސްޑީއެފް ޗެމްޕިއަންޝިޕްގައި މޮންގޯލިއާއާ އެއްވަރުކޮށް، ޕެނަލްޓީގައި ކުރި ހޯދުމެވެ.
މިއާ އެކު ރާއްޖެ ވެފައި ވަނީ ސާޕް ފުޓްސަލް ޗެމްޕިއަންޝިޕްގައި މޮޅެއް ހޯދި ފުރަތަމަ ޓީމަށެވެ. ހަ ޓީމާ އެކު މިއަދު ފެށި މުބާރާތުގައި، މިއަދު ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ފުރަތަމަ މެޗުގައި ސްރީލަންކާ އާއި ބޫޓާން ބައްދަލުކޮށް 3-3 އިން އެއްވަރު ވި އިރު، އިންޑިއާ އާއި ބަންގްލަދޭޝް ބައްދަކުކުރި މެޗު އެއްވަރުވީ 4-4 އިންނެވެ.