އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވާ މީހަކަށް މަރުގެ އަދަބު ކަނޑައަޅައި އޭނާ ދަންޖައްސަން އުޅޭ ކަމަށް އެކި ފަރާތްތަކުން ބުނަމުން ދިޔަ ކަމުގައި ވިޔަސް އޭނާއަށް މަރުގެ ހުކުމެއް ނުވެސް އަންނާނެ ކަމަށް އީރާނުން ބުނެފި އެވެ.
އިރުފާން ސުލްތާނީ، 26، ދަންޖައްސައި މަރަން އުޅޭ ކަމަށް ބުނެ މީޑިއާގެ ސަމާލުކަން ވަނީ އޭނާއަށް ވަރަށް ބޮޑަށް ލިބިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ ސުލްތާނީ ދަންޖައްސައިފި ނަމަ އީރާނަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ.
އެކަމަކު ބުދަ ދުވަހު ކުއްލި ގޮތަކަށް ޓްރަމްޕުގެ ރާގު ބަދަލުވެ ވިދާޅުވެފައި ވަނީ އީރާނުން މީހުން މެރުން ހުއްޓާލައިފި ކަމަށާއި އެހެންވެ ދެން ކަންތައް ވާ ގޮތެއް ބަލަމުން ގެންދާނެ ކަމަށެވެ.
އީރާންގެ ބައެއް ޖަމާއަތްތަކުން ބުނާ ގޮތުގައި އީރާން ސަރުކާރުން މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށް މިހާތަނަށް ވަނީ 3،428 މީހަކު މަރާލައިފަ އެވެ. އަދި އެތައް ބަޔަކަށް މަރުގެ ހުކުމް އިއްވައި އެ އަދަބު ތަންފީޒުކުރަން އުޅޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު އީރާންގެ ޖުޑީޝަރީން މިއަދު ބުނީ ސުލްތާނީއަށް މަރުގެ ހުކުމެއް އިއްވާފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވިޔަސް އީރާންގެ ގާނޫނުތައް ބުނާ ގޮތުން މަރުގެ އަދަބެއް އަންނާނެ ގޮތެއް ނެތް ކަމަށް ވެސް ބުންޏެވެ.
އީރާނުން މިހެން ބުނެފައިވަނީ އެ ގައުމުގެ މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުން ބައްދަލުވުމެއް ބާއްވަން ވެސް ތައްޔާރުވެފައި ވަނިކޮށެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު
ވިދާޅުވީ މުޒާހަރާގެ ބައިވެރިން މެރުން އީރާނުން ހުއްޓާލައިފި ކަމަށް
މިހާރު އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަން އެންގީ ވަރަށް ހާއްސަ ފަރާތަކުން ކަމަށް ވެސް ވިދާޅުވި އެވެ.
އަނެއްކޮޅުން، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެމެރިކާގެ
ފޮކްސް ނިއުސް އަށް ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ
"މިއަދަކު ވެސް މާދަމާ އަކު ވެސް ދަންޖެއްސުމެއް ނެތް" ކަމަށެވެ.
ހިނގައިދިޔަ ކަންތައްތަކަކީ ޓެރަރިޒަމް ކަމަށް ސިފަކުރައްވަމުން އޭނާ
ވިދާޅުވީ ބޮޑެތި މުޒާހަރާތަކާއި ހަމަނުޖެހުމަށް ފަހު މިހާރު އީރާންގެ
މަގުތަކަށް އަމާންކަން އައިސްފައިވާ ކަމަށާއި ސަރުކާރަށް ފުރިހަމަ
ކޮންޓްރޯލް އެބަ އޮތް ކަމަށެވެ.