ލޯކަލް ކައުންސިލް އިންތިހާބަަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަން އިއްޔެ ބޭއްވި ޕްރައިމަރީގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމުގައި ހުންނެވި އަދި ކުރިން މޭޔަރު ކަމުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި ސައިފް ފާތިހު (އައިއްކޮ) ބަލިކޮށް މައްޗަންގޮޅި އުތުރުގެ ޓިކެޓު އެމްޑީޕީގެ އެކްޓިވިސްޓް ހަދީޖާ މުހައްމަދު (ހައްޖަ) ކާމިޔާބުކުރައްވައިފި އެވެ. 

މައްޗަންގޮޅި އުތުރު ދާއިރާއިން 126 މީހަކު ވޯޓުލާފައިވެ އެވެ. އޭގެ ތެރެއިން 85 ވޯޓު ހައްޖަށް ލިބުނުއިރު ސައިފަށް ލިބުނީ 32 ވޯޓެވެ. އަދި 9 ވޯޓު ބާތިލުވި އެވެ. 

މެމްބަރު ސައިފް ވަނީ ބަލި ގަބޫލުކުރައްވައި، ހައްޖަގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ. 

އެ ޕްރައިމަރީ ކާމިޔާބުވުމުން ހައްޖަ "މިހާރު" އަށް ވިދާޅުވީ ސައިފް ފަދަ ވަރުގަދަ ބޭފުޅަކާ ވާދަކޮށް އެފަދަ ނަތީޖާއެއް ލިބިދާނެ ކަމަށް ހީނުކުރާ ކަމަށެވެ.

އެކަމަކު ދާއިރާގެ ރައްޔިތުންގެ ގޭގެއަށް ގޮސް ކުރި އެ ކެމްޕެއިނަށް ރައްޔިތުން އިތުބާރުކުރުމުން ޝުކުރުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމުގައި ސައިފް ފާތިހު (އައިއްކޮ): އޭނާ ވަނީ ބަލި ގަބޫލުކުރައްވާފައި. -- ފޮޓޯ: މިހާރު

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމުގައި ސައިފް ފާތިހު (އައިއްކޮ): އޭނާ ވަނީ ބަލި ގަބޫލުކުރައްވާފައި. -- ފޮޓޯ: މިހާރު

މިއީ މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ވަރަށް ބޮޑަށް ބައިބައިވެފައި އޮތް އިރު، އެ ޕާޓީގެ ތެރެއިން އުފެދުނު ޑިމޮކްރެޓްސްގެ ފަރާތުން އެންމެ ސައިފް ވަނީ މީގެ ކުރިން މާލޭގެ މޭޔަރު ކަމުގެ މަގާމަށް ވެސް ވާދަކުރައްވައިފަ އެވެ. މިހާރުގެ މޭޔަރު އާޒިމް 7،000 އަށް ވުރެ ގިނަ ވޯޓުން ކާމިޔާބުކުރެއްވި އެ އިންތިހާބުގައި ސައިފަށް ދެ ހާހަށް ވުރެ ގިނަ ވޯޓާ އެކު ލިބިވަޑައިގަތީ ތިން ވަނަ އެވެ. 

އެމްޑީޕީގެ ޕްރައިމަރީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ސައިފް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. 

މިފަހަރު ވެސް އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުގެ ޓިކެޓަށެވެ. އެ ގޮނޑިއަށް ވާދަކުރެއްވީ މާލޭގެ މޭޔަރުކަމުގައި މިވަގުތު ވެސް ހުންނެވި އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ. 

އެކަމަކު ބޮޑު ތަފާތަކުން އާދަމް އާޒިމް ވަނީ ޓިކެޓު ކަށަވަރުކުރައްވައިފަ އެވެ. އެހެންވެ، އޭނާއަށް މަރުހަބާ ދެންނެވުމަށް އަލީ އާޒިމް ގުޅުއްވާފައިވާއިރު އޭނާ ވިދާޅުވީ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.