"ހަޑްލް މެލޭޝިއާ" ގެ ނަމުގައި ސްޕާކްހަބުން މެލޭޝިއާގައި ދިވެހި ސްޓާޓްއަޕްތަކުގެ ވާހަކަތައް ކިޔައިދީފި އެވެ.
ސްޕާކްހަބުން ފުރަތަމަ އިންޓަނޭޝަނަލް ކޮމިއުނިޓީ އިވެންޓުގެ ގޮތުގައި މި އިވެންޓު ބޭއްވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ފައުންޑަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކުން ބައްދަލުވެ، ސަރަހައްދީ އިމުގެ ތެރޭގައި ނުބެދި ވިޔަފާރިކުރުމުގެ ރޫހު އާލާކުރަން ކަމަށް ސްޕާކްހަބުން ބުންޏެވެ މީގެ އިތުރުން ދިވެހި ވިޔަފާރިވެރިން ޖިއޮގްރަފިކަލް ހުރަސްތައް ގިރާކޮށް، ދުނިޔޭގެ ފެންވަރުގެ ވިޔަފާރިތައް ބިނާކުރަމުންދާ ގޮތް ހާމަކޮށްދިނުމަކީ ވެސް އަމާޒެއް ކަމަށް ބުންޏެވެ.
ސްޕާކްހަބުން ބުނި ގޮތުގައި ހަޑްލްއަކީ ނެޓްވޯކިން އާއި ސްޓޯރީޓެލިންއަށް ހާއްސަކޮށް އެތަނުން ހިންގާ އެންމެ ފާހަގަކޮށްލެވޭ ޕްލެޓްފޯމެވެ. އެއީ ވިޔަފާރި ބިނާކުރުމާއި ފައުންޑަރުންނަށް ކުރެވޭ ތަޖުރިބާތަކާއި ލިބޭ ފިލާވަޅުތަކާއި ވިސްނުންތައް ހިއްސާކުުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރި އެވެ.
މެލޭޝިއާގައި ބޭއްވި ސެޝަނުގައި ވާހަކަ ދެއްކި ހަތަރު ފައުންޑަރުންގެ ވާހަކަތަކުން ވެސް ފެނިގެންދިޔައީ އުއްމީދާއި ކަންކަމަށް ހޭނުވުމުގެ ގާބިލުކަން ކަމަށް ސްޕާކްހަބް އިން ބުންޏެެވެ.
މި އިވެންޓުގައި "ޕްލަކް" ގެ ފައުންޑަރު މުހައްމަދު ފައުޒާން ވަނީ ފިންޓެކް ދާއިރާއިން އޭއައި ޕްރޮޑަކްޓެއް ހެދުމަށް ކުރި ދަތުރުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.
ފެމިލީ ރޫމް ކޮފީގެ ކޯ-ފައުންޑަރު އަފްރާހް ވަނީ ފޮރެންސިކް ސްޕެޝަލިސްޓެއްގެ ވަޒީފާއިން ކޮފީ ވިޔަފާރިވެރިއަކަށް ބަދަލުވި ތަފާތު ދަތުރުގެ ވާހަކަ ކިޔައިދީފަ އެވެ. ރާއްޖޭގެ ފުރަތަމަ ސްޕެޝަލްޓީ ކޮފީ ތަޖުރިބާ ބިނާކޮށް، އެ ބްރޭންޑްގެ "ދެވަނަ ގެ" އެއްގެ ގޮތުގައި މެލޭޝިއާގައި ވިޔަފާރި ފުޅާކުރި ގޮތް އޭނާ ކިޔައިދީފައިވެ އެވެ.
އެ އިވެންޓުގައި ޓައިނީ އެޕް ސްޓޫޑިއޯގެ ފައުންޑަރު މާއިލް ވަނީ "އިންޑީ" އެޕް ޑިވެލޮޕަރެއްގެ ގޮތުގައި އެޕް ސްޓޯރަށް 20 އަށްވުރެ ގިނަ އެޕް ނެރެ، ޔޫޒަރުންގެ އަޑުއަހައިގެން 'ސައިޑް ޕްރޮޖެކްޓް' ތައް ދުނިޔޭގެ ފެންވަރުގެ ވެންޗާތަކަށް ބަދަލުކުރި ގޮތް ކިޔައިދީފަ އެވެ. އަދި އޮވިއާޓޯގެ ކޯ-ފައުންޑަރު އަދި ޝެފް ޝާފިއުު ވަނީ ޕްރޮޑަކްޓް ޑިޒައިންގެ ބެކްގްރައުންޑަކާ އެކު، މިލިއަނުން މީހުން ބޭނުންކުރާ ކޮންސިއުމާ ޕްރޮޑަކްޓްތައް ހެދުމުގެ ތަޖުރިބާގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީ އާންމުންނާ ރައްޓެހި އެއްޗަކަށް ހެދުމަށް އޭނާ ކުރާ މަސައްކަތްތައް ހިއްސާކޮށްފަ އެވެ. އޭނާ މިހާރު މަސައްކަތްކުރަނީ ޑިޖިޓަލް ވޮލެޓްތައް އާންމުނަށް ފަސޭހަ އެއްޗަކަށް ހެދުމަށެވެ.
އެ އިވެންޓުގައި ސްޕާކްހަބްގެ ކޯ ފައުންޑަރު އަދި ސީއީއޯ ހުސައިން ޖިނާން ވިދާޅުވީ ހަޑްލް މެލޭޝިއާއަކީ އެ އޯގަނައިޒޭޝަނަށް ވަރަށް މުހިންމު އިވެންޓަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.
"2018 އިން ފެށިގެން ސްޕާކްހަބުން ބިނާކުރި ޕްރޮގްރާމްތަކާއި، ޕްލެޓްފޯމްތަކާއި އަދި ކޮމިއުނިޓީ މޮޑެލްތައް ވަނީ ރާއްޖޭގައި ޓެސްޓުކުރެވި ސާބިތުކޮށްދެވިފައި. ހަޑްލް ރާއްޖެއިން ބޭރަށް ގެންދިއުމަކީ، ދިވެހި ފައުންޑަރުން ކޮންމެ ތަނެއްގައި ތިބެ ވިޔަފާރި ބިނާކުރި ނަމަވެސް އެފަރާތްތަކަށް އެހީތެރިވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް މުޅިން އާ ގޮތަކަށް ބައްޓަންކުރުމުގެ ފުރަތަމަ ފިޔަވަޅު،" ފަންސާހަށް ވުރެ ގިނަ މީހުން ބައިވެރިވި ހަރަކާތާ ބެހޭ ގޮތުން ވިދާޅުވި އެވެ.
މިއަހަރަކީ ސްޕާކްހަބަށް ތަފާތު އަހަރެއް ކަމަށާއި އެއީ ވަކި ބޯޑަރުތަކެއްގެ ތެރޭގައި މަސައްކަތްކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ ދިވެހި ސްޓާޓްއަޕް އިކޯސިސްޓަމެއް ބިނާކުރާނެ އަހަރު ކަމަށް ޖިނާން ވިދާޅުވި އެވެ.