އެމްޑީޕީގައި ރިޔާސީ އިންތިހާބަށް އުފެދުނު ބައިބައިވުމާއި ހިޔާލުތަފާތުވުންތަކުން އަދިވެސް އަރައެއްނުގަނެވެ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ޕާޓީން ބޭއްވިއިރު ވެސް ފެނުނީ ޕާޓީގެ ބައިބައިވުމެވެ. ޕްރައިމަރީ އަށް ވެސް ކެންޑިޑޭޓުން ނެރުނީ އިދިކޮޅު ޕާޓީގައި އުފެދިފައިވާ ފެކްޝަންތަކުންނެވެ. ޕްރައިމަރީގައި ވަކި ކެންޑިޑޭޓެއްގެ ފަހަތަށް ޕާޓީގެ ލީޑަޝިޕުން އެރުން އިންސާފުވެރި ނޫން ކަމަށް އެ ޕާޓީން ގަބޫލުކުރާ އުސޫލްތަކާ ހިލާފުވެ، ތިބީ ކެންޑިޑޭޓުން ވެސް ނަގައިގެންނެވެ.
މި ޕްރައިމަރީގެ ނަތީޖާ އިން ވެސް ސާފުވީ، ޕާޓީގެ އާއްމު ބައެއް މެމްބަރުން ދެކޭ ގޮތުގައި، އެމްޑީޕީ ކުރިއަށް ދާން ބޭނުންވާ މިސްރާބެވެ. ޕާޓީއަށް އެންމެ ބޭނުންވި ވަގުތު ފެއަށް ޖެހުނު މީހުންނާ މެދު އާއްމު ގިނަ މެމްބަރުން އަދިވެސް ދެކޭ ގޮތް ވެސް ހާމަކުރީ އެވެ.
މިފަހަރު މި ފެނުނީ އެމްޑީޕީއަށް ދެރައެެއް ދިނުމަކީ އެމްޑީޕީގެ އާއްމު މެންބަރުން ބަލައިގަންނާނެ ކަމެއް ނޫންކަން. އެމްޑީޕީން ވަކިވެގެން އޭރު ދިޔަ ފަރާތްތަކަށް އެ ވަނީ އެމްޑީޕީއަށް ދެރައެއް ދެވިފައި. އެހެންވީމާ އެ އެކަން އެ ފެނުނީ. އެމްޑީޕީއަށް ލޯޔަލް ވުމަކީ އާއްމު މެންބަރުންނަށް ކިހާ މުހިއްމު ކަމެއްކަން މި ފެނުނީ.
އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުގެ ޓިކެޓަށެވެ. ދެވަނަ ދައުރަކަށް އާދަމް އާޒިމް ޓިކެޓް ހޯއްދަވަން ނުކުންނެވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކުގަ އެވެ. ރިޔާސީ އިންތިހާބުގައި ޕާޓީއާ ފެއަށް ޖެހިވަޑައިގަތް އަލީ އާޒިމް ނުކުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދުގަ އެވެ. ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒާއި އޭނާގެ ޓީމުގެ ތާއީދު ވެސް އޮތީ އަލީ އާޒިމަށެވެ.
އެކަމަކު ތަފާތު ބޮޑުކޮށް މި ޕްރައިމަރީ ކާމިޔާބު ކުރެއްވީ އާދަމް އާޒިމެވެ.
މި ނަތީޖާގެ މާނައަކީ މި ރިޕޯޓަށް ވާހަކަ ދެއްކި އެމްޑީޕީގެ ބައެއް މެމްބަރުން ބުނި ގޮތުގައި، ޕާޓީގެ ވަފާތެރިންނަކީ ކޮން ބައެއްކަން ވޯޓުން ދެއްކުމެވެ. މާލޭގެ ބައެއް ދާއިރާތަކުގެ ޓިކެޓް ވެސް އަލީ އާޒިމް ފަޅިން ނުކުތް މީހުންނަށް ނާކާމިޔާބުވެ، ޓިކެޓް ކަށަވަރުކުރީ އާދަމް އާޒިމާ އެކު ކެމްޕޭން ކުރި ޓީމުންނެވެ.
އެއް މިސާލަކީ މާލޭގެ ކައުންސިލަރު ކަމުގައި މިހާރު ވެސް ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު (އައިއްކޮ) ބަލިކޮށް މައްޗަންގޮޅި އުތުރުގެ ޓިކެޓު އެމްޑީޕީގެ އެކްޓިވިސްޓް ހަދީޖާ މުހައްމަދު ކާމިޔާބު ކުރުމެވެ.
މި ޕްރައިމަރީގެ ކެމްޕޭންގައި ވެސް ގަދައަޑަކަށް އޮތީ ޕާޓީގެ ވަފާތެރިން ހޯދުމެވެ.
މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމްއާ ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ނުކުމެވަޑައިގެންނެވުމާ އެކު އެންމެ ފުރަތަމަ ވެސް ގަދަ އަޑަކަށްވީ "ޕާޓީއަށް ވަފާތެރިވުމުގެ" ވާހަކައިގެ އަޑެވެ.
އާޒިމްއަކީ އެމްޑީޕީ ދެބައިވެގެން އުފެދުނު ދަ ޑިމޮކްރެޓްސްއަށް ބަދަލުވެ، އެ ޕާޓީގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކަށް ވުމުން، ޕްރައިމަރީގެ ކެމްޕެެއިނުގައި އޭނާއާ ދެކޮޅަށް އެންމެ ބޮޑަށް ބޭނުންކުރި ހަތިޔާރަކަށް ވީ ވެސް އެކަންތަކެވެ. މޭޔަރު އާދަމް އާޒިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އޭނާއަކީ ޕާޓީން މަގާމެއް ދިނީމާ "މައިދާން ދޫކޮށް ދާނެ މީހެއް ނޫން" ކަމަށެވެ.
"މި އާދަމް އާޒިމް އެމްޑީޕީގެ މެންބަރުންގެ ވޯޓުން ހޮވީމާ މިހިރީ ނަގިލި ލާފައި. ދެން އަަޅުގަނޑު ގުޑުވައެއް އިރާދަކުރެއްވިއްޔާ ނުލެވޭނެ. މި ޕާޓީން މަގާމުތައް ދިނީމާ، އަދި ވަކިން ހާއްސަކޮށް ރައްޔިތުންނަށް ހިދުމަތް ކުރާނެ މަގާމުތައް ދިނީމާ ފިލައިގެން ރައްކާވާނެ މީހަކަށް މި އާދަމް އާޒިމެއް ނުވާނެ،" ޑިސެމްބަރު 12 ގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އާދަމް އާޒިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް ނިމުނު ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމުގައި "ލޯޔަލްޓީ ކާޑުގެ"ގެ ދައުރެއް އޮތް ކަމަކަށް އޭނާ މިހާރު ގަބޫލެއް ނުކުރައްވަ އެވެ.
އާދަމް "މިހާރު"އަށް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި އެމްޑީޕީ މެންބަރުން ވެސް ބެލީ އޭނާގެ ތައުލީމާ ތަޖުރިބާގެ އިތުރުން ނަޒާހަތްތެރިކަމަށެވެ.
"އެއީ އަޅުގަނޑުގެ ޓްރެކް ރެކޯޑަށް ބަލައިފިއްޔާ ވަރަށް ސާފުކޮށް އޮންނާނީ. ދެން މިހިރަ ކޮލިޓީސް އަށް ބަލާގައި އަޅުގަނޑަށް ވޯޓްދީ އަޅުގަނޑު ހޮވައިދިން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
އާދަމް ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނާއި އެމްޑީޕީގެ މެންބަރުން ބަލައިގަންނަ ފަދަ މަސައްކަތްތަކެއް އޭނާ ވަނީ މާލޭގެ މޭޔަރުގެ ގޮތުގައި ކުރަައްވައިފަ އެވެ. އޭގެ ކުރިން ދައުލަތުގެ ބޮޑެތި ކުންފުނިތަކުގައި އަދާކުރެއްވި މަގާމުތަކުގައި ވެސް އޭނާ ވަނީ ނަތީޖާ ނެރެދެއްވާފަ އެވެ. ޕްރައިމަރީ ކާމިޔާބުކުރެއްވުނީ ވޯޓުލީ މީހުން އެކަންކަމަށް ބެލީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި މިހާރުގެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވޯޓްލަނީ، އާދަމް އާޒިމް އާ މި ޕްރައިމަރީގައި ވާދަކުރަނީ އަލީ އާޒިމް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެހެން ނަމަވެސް އާޒިމްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ޕާޓީއަށް ވަފާތެރިވުމާއި ނުވުމަކީ ވެސް އާއްމު މެންބަރުން ވަރަށް ބޮޑަށް ބަލާ ކަމެއް ކަން މި ޕްރައިމަރީގައި ފެނިއްޖެ އެވެ.
"މިފަހަރު މި ފެނުނީ އެމްޑީޕީއަށް ދެރައެެއް ދިނުމަކީ އެމްޑީޕީގެ އާއްމު މެންބަރުން ބަލައިގަންނާނެ ކަމެއް ނޫންކަން. އެމްޑީޕީން ވަކިވެގެން އޭރު ދިޔަ ފަރާތްތަކަށް އެ ވަނީ އެމްޑީޕީއަށް ދެރައެއް ދެވިފައި. އެހެންވީމާ އެ އެކަން އެ ފެނުނީ. އެމްޑީޕީއަށް ލޯޔަލް ވުމަކީ އާއްމު މެންބަރުންނަށް ކިހާ މުހިއްމު ކަމެއްކަން މި ފެނުނީ،" ނިޔާޒް ވިދާޅުވި އެވެ.
ޕާޓީގައި ދެމި ނުހުރެވުން، ޑިމޮކްރެޓްސްގައި މަސައްކަތް ކުރުން އެއީ ޕްރައިމަރީ ވިން ނުވުމުގައި ހަމަ ފެކްޓާއެއް. އެމްޑީޕީގެ މެންބަރުންގެ މެދުގައި އެ ހިތްހަމަނުޖެހުން އަދި ވެސް އެބަ އޮތް. އަޅުގަނޑު ހަމަ އެކަން ގަބޫލުކުރަން
ޕްރައިމަރީގައި ނާކާމިޔާބާ ކުރިމަތިވި ސަބަބާ ބެހޭ ގޮތުން "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ އާޒިމް ވިދާޅުވީ އެމްޑީޕީ ދެބައިވި އިރު ޕާޓީގައި "ނުހުރެވުމަކީ ފެކްޓާއެއް" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޕާޓީގެ މެންބަރުންގެ މެދުގައި އެ ހިތްހަމަ ނުޖެހުން އެބަ އޮތް ކަން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ އާޒިމް އޭނާގެ ކެމްޕެއިނު ފެށުމުގެ ރަސްމިއްޔާތުގައި: އޭނާ ވިދާޅުވީ މޭޔަރު ގޮނޑި އެ ޕާޓީއަަށް ނަގަން މަސައްކަތްކޮށްދޭނެ ކަމަށް.– ފޮޓޯ/ސޯޝަލް މީޑިއާ
"ޕާޓީގައި ދެމި ނުހުރެވުން، ޑިމޮކްރެޓްސްގައި މަސައްކަތް ކުރުން އެއީ ޕްރައިމަރީ ވިން ނުވުމުގައި ހަމަ ފެކްޓާއެއް. އެމްޑީޕީގެ މެންބަރުންގެ މެދުގައި އެ ހިތްހަމަނުޖެހުން އަދި ވެސް އެބަ އޮތް. އަޅުގަނޑު ހަމަ އެކަން ގަބޫލުކުރަން،" އަލީ އާޒިމް ވިދާޅުވި އެވެ.
ނިޔާޒާއި އަލީ އާޒިމް ވެސް ވިދާޅުވީ އެ ޕާޓީގެ ތެރޭގަައި ޖެހުނު މައްސަލައިގެ އަސަރު މުޅިން ފިލަން އަދި ދުވަސްތަކެއް ހޭދަވާނެ ކަމަށެވެ. އެކަން މުޅިން ހައްލުވާނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.
ބައިބައިވިޔަ ނުދޭން ދުރާލައި ފިޔަަވަޅު އެޅި
މާލޭގެ މޭޔަރުގެ ޓިކެޓުގެ އިތުރުން ލޯކަލްކައުންސިލަށް ނެރޭނެ ކެންޑިޑޭޓުން ނެރޭނެ ކެންޑިޑޭޓުން ކަނޑައަޅަން އެހެން ގިނަ ރަށްތަކެއްގައި ވެސް ބޭއްވި ޕްރައިމަރީއަށް ފަހު ކުރީ ފަހަރުގެ މައްސަލަ ތަކުރާރު ވިޔަ ނުދޭން އެމްޑީޕީގެ އާ ލީޑަޝިޕުން ދުރާލައި ފިޔަވަޅު އެޅި ކަމަށް ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވި އެވެ. އެފަދަ އެއް ކަމަކީ އާއްމު މެމްބަރުންގެ ހިތްހަމަނުޖެހުން އޮތް ބައެއް އޮފިޝަލުން، ޕްރައިމަރީގެ މަސައްކަތުގައި އެއްގޮތަކަށް ވެސް ނޫޅުއްވައި އެއްފަރާތް ވުން ކަަމަށް އޭނާ ވިދާޅުވި އެވެ.
އަނެއް ކަމަކީ ވަގުތީ ގަޕޯ ވިދާޅުވި ގޮތުގައި ވަކި ބޭފުޅަކަށް ފާޅުގައި ތާއީދުކުރެއްވުން ފަދަ އެއްވެސް ކަމެއް ނުކުރައްވައި ބައިބައިނުވުމަށާއި ނާކާމިޔާބުވާ ކެންޑިޑޭޓުން، ވެސް ކާމިޔާބުވާ ކެންޑިޑޭޓުންނާ އެކު މަސައްކަތް ކުރަން އިރުޝާދު ދެއްވުމެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
"އަޅުގަނޑު އެދެނީ ހަމަ އަޅުގަނޑު ކުރިން ދެންނެވިހެން، ބަލިވާ ކެނޑިޑޭޓުން ވެސް މޮޅުވާ ކެނޑިޑޭޓުންނާ އެކު، ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ގަދައަޅައި، ހުރިހާ މީހުން ގުޅިގެން މަސައްކަތްކުރަން،" އެމްޑީޕީން މިދިޔަ ބުރާސްފަތިދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައި ޣަޕޫރު ވިދާޅުވި އެވެ.
އެމްޑީޕީން ބަދަލެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެ ބަދަލު ގެނެވޭނީ ބައިބައިނުވެ ތިބެގެން ކަމަށް ވެސް މެސެޖްގައި ޣަފޫރު ވިދާޅުވި އެވެ.
އެ ބަދަލު ގެނެވޭނީ ހުރިހާ ކެނޑިޑޭޓުން ވެސް އަދި އެމްޑީޕީއަށް ސަޕޯޓްކުރާ ހުރިހާ މީހުން ވެސް މި ޕްރައިމަރީއަށްފަހު ހުރިހާ އެންމެން އެއްކޮށް ގަދަކޮށް، މަސައްކަތްކޮށްގެން އިންތިހާބު ކާމިޔާބުކުރުން." ޣަފޫރު ވިދާޅުވި އެވެ.
"ކައުންސިލް އިންތިހާބަށް އުއްމީދު ބޮޑު"
އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނުކުމެ، ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް އެޕާޓީގެ ލީޑަރުން އުއްމީދުކުރައްވަ އެވެ. މާލޭގެ މޭޔަރު ޓިކެޓް ކާމިޔާބުކުރެއްވި އާދަމް އާޒިމް ވިދާޅުވީ މުޅި ރާއްޖެއިން ވެސް ބޮޑު މެޖޯރިޓީއެއް އެޕާޓީއަށް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
"ހަމަ ވަރަަށް ޔަގީންކަމެއް އިރާދަކުރެއްވިއްޔާ ﷲ ފެ ހެޔޮރަހުމަތުން، އެމްޑީޕީ ހަމަ މާލޭގެ މޭޔަރުކަން ވެސް އަދި އެހެން ސިޓީތަކުގެ މޭޔަރުކަން ވެސް ނަގާނެކަން. އަދި ހަމަ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ލިބޭނެ ކަމުގެ ހަމަ ވަރަށް ބޮޑު ޔަގީންކަމެއް އެެބަ އޮތް،" އާދަމް ވިދާޅުވި އެވެ.
އަލީ ނިޔާޒު ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ވެސް ސިޓީތަކުގެ މޭޔަރުންނާއި އެހެން ކައުންސިލަރުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކަަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އެއީ އެމްޑީޕީން ލާމަރުކަޒީ ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކުގެ ނަތީޖާ. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މިފަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ބޮޑު ތާއީދެއް އެމްޑީޕީއަށް ލިބޭނެ،" ނިޔާޒް ވިދާޅުވި އެވެ.
ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން މި އުއްމީދުގައި ތިއްބެވިޔަސް އަދިވެސް ސުވާލަކީ ޕާޓީ ބަލިކަށިވި އަރައިރުންތައް ނިމި އެކުގައި މަސައްކަތް ކުރެވޭނެ ހެއްޔެވެ؟ ޕާޓީގައި މިހާރު އުފެދިފައިވާ ހުރިހާ ވާދަވެރިކަމެއް ރިޔާސީ އިންތިހާބުގެ ޓިކެޓާ ގުޅިފައިވާ އިރު، ހިޔާލުތަފާތުވުން ދޫކޮށްލީކަމަށް ދެއްކި މަންޒަރާއި އެ ޕާޓީގެ ލީޑަރުންގެ އަމަލު ދިމާވެދާނެ ހެއްޔެވެ؟ މާލެ ފިޔަވައި އެހެން ސިޓީތަކުގެ މޭޔަރުންނަށް ޓިކެޓް ކަށަވަރު މިވީ މާބޮޑު ވާދަވެރިކަމެއް ނެތި އެވެ. ވާދަވެރި ޕްރައިމަރީއެއް ނެތުމަކީ ވެސް ޕާޓީގެ ހިންގުމާއި ހަރަކާތްތެރިވުމާއި ގުޅިފައި އޮންނާނެ ކަމެކެވެ.
ޕްރައިމަރީ ނިމުނަސް އަދިވެސް އެމްޑީޕީގެ ބައިބައިވުން ނިމުނު ކަމަކަށް ސާފު ޖަވާބެއް ނެތެވެ.