މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ފޯމް ހުށަހަޅަން ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް ކަމަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ"ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ދަށުން 7،900 ފްލެޓް ދޫކުރުމަށެވެ.
ފްލެޓް އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ކަނޑައަޅާފައިވެ އެވެ. އަދި ބާކީ 2،000 ފްލެޓުގެ ތެރެއިން 800 ފްލެޓް ކަނޑައަޅާފައިވަނީ ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންނަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް އެ ކެޓަގަރީގައި ފްލެޓް ހާއްސަކޮށްފައިވެ އެވެ.
ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. އެ ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.
ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރެއިން އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި އަދި ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ދޫކުރާނެ އެވެ.
މާލޭގައި ދިރިއުޅޭ އެެހެން ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވާއިރު މައިމުޅަވުން (މައިންބަފައިންގެ މުދާ ވާރުތަނުވާ ސަބަބެއް މެދުވެރިވެ) ގޯތި ގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ގޯއްޗާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،000 ގޯތި ކަނޑައަޅާފައިވެ އެވެ.
އުސޫލުގައިވާ ގޮތުން އެހެން ރަށްރަށުގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި މެދުނުކެނޑި އުޅޭތާ 15 އަހަރުވެފައިވާނަަމަ އެވެ. އެ އުސޫލުގައިވަނީ 15 އަހަރު މެދުނުކެނޑި އުޅުނު ކަމަށް ބަލާނެ ހާލަތްތަކެއް ވެސް ހިމަނައިފަ އެވެ. އެއީ:
ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަން ޖެހުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެ މީހާގެ އާއިލާ މާލެ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި މާލެ ސަރަހައްދުގައި ދަރިންގެ ކިޔެވުން ކުރިއަށް ގެންދިއުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އަނބިމީހާ ނުވަތަ ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން.
- ތައުލީމު ހާސިލުކުރަން ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެފަދަ ޒަރޫރީ އެހެން ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަން ޖެހުން.
- މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައި ނަމަވެސް މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރުވެފައިވާ ނަމަ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމަށް ބެލޭނެ.
މިފަހުން ސަރުކާރުން ވަނީ ކުރީގެ ހައުސިން ސްކީމުތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެތަން ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް ވެސް ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނައީ މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެގޮތަށް އާންމުން އެދުމުންނެވެ.
އުސޫލަށް ފަހުން ގެނައި މައިގަނޑު ބަދަލުތައް
- ފްލެޓާއި ގޯތި ދިނުމުގެ އުސޫލު ކުރިން އޮތްގޮތުން މާލޭ މީހުންނަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގެ ރަށްވެއްސަކަށް ވިތާ ފަސް އަހަރުވުމުންނެވެ. ނަމަވެސް، އެ ޝަރުތު ބަދަލުކޮށް، މާލޭގެ ރަށްވެހިކަން ބަލާ މުއްދަތު މިހާރު އެއް އަހަރަށް ބަދަލުކުރުން.
- ފްލެޓާއި ގޯއްޗަށް ކުރިމަތިލާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ތަނެއް މާލެ ސަރަހައްދުގައި ނެތް ނަމަ ޝަރުތު މިހާރު ޝަރުތު ހަމަވާނެ. އެ އުސޫލު ކުރިން އޮތްގޮތުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ނަމަ ޝަރުތު ހަމައެއް ނުވޭ.
- ޝަރުތު ހަމަވަނީ ކިތައް ކޮޓަރީގެ ފްލެޓަކަށް ކަން ނިންމާނީ މިނިސްޓްރީން
ފްލެޓާއި ގޯއްޗަށް ޕޮއިންޓް ދިނުމުގައި ބަލަނީ މާލޭގައި އުޅުނު މުއްދަތާއި އާމްދަނީ ލިބޭ މިންވަރާއި ދަރިން ތިބޭ މިންވަރާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ތިބޭ އަދަދާއި ސިއްހީ ހާލަތެއްގެ ސަބަބުން ދަރިން ނުލިބޭ ނަމަ ޕޮއިންޓު ލިބޭނެ މިންވަރާއި އެޕްލިކެންޓުގެ ނަމުގައި ބިމެއް ނެތުން ފަދަ ކަންކަމަށެވެ.
މި ސަރުކާރުން މާލޭ ސަރަހައްދުގައި ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ހުޅުވާލިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ވެސް ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމެވެ.
ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އެކުލަވާލައި ގެޒެޓްކުރި ލިސްޓުގައި ހިމެނޭ މީހުން ވެސް މި ސްކީމުން ފްލެޓު ބޭނުންނަމަ އަލުން ޖެހޭނީ ކުރިމަތިލާށެެވެ. ޖެހޭނެ އެވެ.