ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.
އައިޖީއެމްއެޗުން ބުނީ އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ ކަމަށެވެ.
ކްލިނިކް ހުޅުވީ އައިޖީއެމްއެޗް އެތެރޭގައި ހުންނަ ލުއި ބުއިމާ ޖެހިގެން ހުންނަ ކޮންސަލްޓޭޝަން ރޫމް 10ގަ އެވެ.
"ފްލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް ފުރަތަމަ ވަޑައިގަންނަވާނީ އީއާރް ޓްރައިޖަށް. ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ،" އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މި ޗުއްޓީ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ގޮސް އައިސްފައި ވާއިރު، ހުމާއި ރޯގާ އަދި ކެއްސުން ވަނީ އިތުރުވެފަ އެވެ.
މި ޗުއްޓީގައި 7،000 އަށްވުރެ ގިނަ މީހުން އުމްރާއަށް ދިޔަ އެވެ.
އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނަކާއި ސަފާ ގުރޫޕްގެ ހަވާލުގައި ދިޔަ މީހަކާއި ހިޖާޒް ގްރޫޕުން އުމްރާއަށް ދިޔަ މީހަކު ސައޫދީގައި ވަނީ ނިޔާ ވެފަ އެވެ. އަދި އުމްރާގެ އަޅުކަމަށްފަހު ރާއްޖެ އައި މީހަކު ވެސް ކުއްލި ގޮތަކަށް ނިޔާވެފައިވެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރުގައި ރޯގާ ޖެހިގެން ރިޕޯޓްކުރީ 28،619 މީހުންނެވެ. ނޮވެމްބަރު މަހު 32،859 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރުގެ ޑިސެމްބަރުގައި ވެސް އެ އަދަދު ހުރީ 30،590ގަ އެވެ.