އާބާދީގެ ނިސްބަތުން، ތެލެސީމިއާ ހުންނަ މީހުން އެންމެ ގިނައީ ނ. އަތޮޅުގައިކަން، ބްލަޑް ސާވިސްއިން ހިއްސާކުރި މައުލޫމާތުތަކުން ދައްކައިފި އެވެ.
އެ އިދާރާއިން "މިހާރު"އަށް ދިން މައުލޫމާތުތަކުގައިވާ ގޮތުން ތެލެސީމިއާ ދަފްތަރުގައި މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީވެފައި ތިބީ 650 މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. އެގޮތުން އެ އުމުރުގެ 215 ކުދިން އެބަތިއްބެވެ.
ދެ ވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ލިސްޓުގައި އަލަށް 40 ކުއްޖަކު ވަނީ ހިމެނިފަ އެވެ. އެއީ:
2023: 11
- 2024: 18
- 2025: 11
ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގައި 12،503 މީހުން ތިބިއިރު އޭގެ ތެރެއިން ތެލެސީމިއާ ދަފްތަރުގައިި، އެ އަތޮޅުގެ 53 ކުއްޖަކު ހިމެނެ އެވެ. އެއީ ކޮންމެ ރަށަކަށް ހަތަރު ކުއްޖެއްގެ ރޭޓުންނެވެ.
އާބާދީގެ ނިސްބަތުން ތެލެސީމިއާ ކުދިން ދެވަނައަށް އެންމެ ގިނައީ 6،911 މީހުންގެ އާބާދީ ރަޖިސްޓްރީގައި އޮތް ފ. އަތޮޅުގަ އެވެ. ބްލަޑް ސާވިސް އިން ބުނީ އެ އަތޮޅުގެ 18 ކުއްޖަކު ތެލަސީމިއާ މީހުންގެ ދަފްތަރުގައި އެބަތިއްބެވެ.
ތެލެސީމިއާމީހުންތިން ވަނައަށް އެންމެ ގިނައީ ލ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 19،612 މީހުންގެ އާބާދީއެއް އޮންނައިރު، ތެލަސީމިއާ ލިސްޓުގައި އެ އަތޮޅުގެ 43 ކުދިން އެބަތިއްބެވެ.
ތެލެސީމިއާ މީހުން އެއްވެސް ވަރަކަށް ނެތީ ވ. އަތޮޅުގަ އެވެ. އަދި ދެވަނައަށް އެ ލިސްޓުގައި އެންމެ މަދުން ތިބީ މ. އަތޮޅަށް ނިސްބަތްވާ މީހުންނެވެ. އެއީ ތިން މީހުންނެވެ.