ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާސް ރަޖިސްޓްރީއަށް 700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އަންނަ އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައިންސިލް އިންތިހާބަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު ވަނީ ހަމަވެފަ އެވެ. 

އީސީން ބުނީ މިއަދު މެންދުރުފަހު 3:00 އަށް މުއްދަތު ހަމަވިއިރު ޖުމްލަ 779 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

އެ ޝަކުވާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެޑްރެސް ބަދަލުވެފައިވުމާއި ރަށްވެހިކަން ބަދަލުވުމުގެ އިތުރުން މަރުވެފައިވާ މީހުންގެ ނަން ރަޖިސްޓަރީގައި ހުރުމާ ގުޅޭ ޝަކުވާތައް ކަމަށް ވެސް އީސީން ބުންޏެވެ.

އީސީން ބުނީ ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނީ މިހާރު ލިބިފައިވާ ޝަކުވާތަކަށް ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްފަހު ކަމަށާއި އަދި ވޯޓުލާން ބޭނުންވާ ތަން ރަޖިސްޓްރީ ކުރުމަށް ނުވަތަ ރީ-ރަޖިސްޓްރޭޝަނަށް ފަހުން ހުޅުވާލާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން ވަނީ އިއްޔެ ހުޅުވާލާފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.