ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ޑިމޮކްރަޓްސް ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކަައުންސިލް އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން އެ ޕާޓީގެ އިންޓެރިމް ކޮމިޓީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީން އިދާރީ ގޮތުން ކޮށްދޭންޖެހޭ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި، އެކަމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ކެންޑިޑެސީ ހުށަހެޅުމަށްފަހު އެ ޕާޓީގެ ނަން އިހްތިޔާރު ކުރުމުން އެ ކެންޑިޑޭޓަކު އެ ޕާޓީން އެންޑޯޒްކޮށްދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓްލުމަށް ޓަކައި މޭޔަރުކަމުގެ ޓިކެޓް ހޯދަން ވާދަކުރާ އަލީ އާޒިމް ވޯޓްލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ގިނަ މެމްބަރުން މިދިޔަ އަހަރު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އޭގެތެރެއިން ބައެއް މެމްބަރުން އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކުރި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ. އަދި ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ދުވަހުގެ 3:30 ގެ ނިޔަލަށް އޮންނާނެ އެވެ.
އެ އިންތިހާބުގައި ރަށު ކައުންސިލުގެ ރައީސުންނާއި ނައިބުން އަދި ކައުންސިލަރުންގެ އިތުރުން ސިޓީތަކަށް މޭޔަރުންނާއި ކައުންސިލަރުން ހޮވާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް މެމްބަރުން ހޮވާނެ އެވެ.
މި ދެ އިންތިހާބުގެ ވޯޓާސް ލިސްޓު މިމަހުގެ 8 ވަނަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބެ އެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.