މާލެ ރައްޔިތުން އެދޭފަދަ ހިދުމަތެއް ދޭން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖަލީލް ވިދާޅުވީ 2011 ވަނަ އަހަރު ކައުންސިލްތައް އުފެދުނު ފަހުން 10 އަހަރު ފާއިތުވިއިރު ވެސް މާލެ ރައްޔިތުން ބޭނުންވާ ކަންކަން މާލޭ ސިޓީ ކައުންސިލްގެ އޭރުގެ މޭޔަރުންނަށް ނުކުރެވުނު ކަމަށެވެ.

މާލެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންކުރަން ފެށީ 2021 ވަނަ އަހަރު ރައީސް މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގަތުމުން ކަމަށް ޖަލީލް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މޫސާ އަލީ ޖަލީލް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މިރޭގެ ޖަލްސާގައި މޫސާ އަލީ ޖަލީލް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

"މާލޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހިނގަން ފެށީ 2021 ވަނަ އަހަރުން ފެށިގެން.މާލޭގެ މޭޔަރު ކަމަށް ރައްޔިތުންގެ އެންމެ ގިނަ ވޯޓުން މިހާތަނަށް އިންތިހާބުކުރި ހިދުމަތްތެރި ޒުވާން މޭޔަރު ރައީސް މުއިއްޒު އެ މަގާމުގައި ހުންނެވި 2 އަހަރާއި 5 މަހާއި ދުވަސްކޮޅުގެ ތެރޭގައި މާލެ ސިޓީގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާން އައިސްގެން..." ޖަލީލް ވިދާޅުވި އެވެ.

"ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތް ކުރެއްވި. ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވެވި. އެ ބައްދަލުވުންތަކަކީ ސިލްސިލާކޮށް ބޭއްވެވި ރައްޔިތުންގެ އަޑު ގާތުން އެއްސެވި ހާލު އަހުވާލު ބެއްލެވި. މޭޔަރު ކަަމުގައި ހުންނަވައި އެޕޮއިންޓްމަންޓަކަށް އެދުނު ކޮންމެ މީހަކާ، ރައްޔިތަކާ ބައްދަލު ކުރެއްވި."

އޭގެ އިތުރުން މާލޭގައި އެތައް ޒަމާނެއް ވަންދެން ހައްލު ނުކުރެވި ހުރި ކަންކަން ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ހައްލު ކޮށްދެއްވި ކަމަށާއި ތަފާތު އެކި އުނދަގޫތަކުން މާލޭގެ ރައްޔިތުން ސަލާމަތް ކޮށްދެއްވި ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތް އިންފާރެއްގެ ގޮތުގައި ބައްލަވައިގެން ކަަމަށެވެ.

މިރޭގެ ޖަލްސާގައި މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވާދަކުރައްވަނީ މާލޭގެ މޭޔަރު ކަމަށް --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މިރޭގެ ޖަލްސާގައި މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވާދަކުރައްވަނީ މާލޭގެ މޭޔަރު ކަމަށް --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

"ތިޔަ ލޮބުވެތި ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑު ހުންނާނީ 24 ގަޑިއިރު ތައްޔާރަށް. ގައުމީ ހިދުމަތް ރޭދުވާ ހޭދަކޮށްލައިގެން އަޅުގަނޑު ދޭނީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމާއި މާލޭ ސިޓީއަށް މާ ޗާލު ހާއުފާވެރި މާ ހިތްގައިމު އާ ޒަމާނެއް ހޯދައިދިނުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ އޭނާ ވަނީ ވަކި ކުލައަކަށް ތަފާތުކުރުމެއް ނެތި މަސައްކަތް ކުރާނެ ރައްޔިތުންގެ ހާދިމަކަށް ކަމަށާއި އަދި މާލޭގެ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުން، ރައްޔިތުން އެންމެ ބޭނުންވާ ހިދުމަތްތައް ސަރުކާރާ ގުޅިގެން ފުއްދައިދީގެން ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ މާލެއަށް އެމްޑީޕީގެ މޭޔަރުންތަކެއް މީގެ ކުރިން އައި ނަމަވެސް އެ ބޭފުޅުންގެ ފަރާތުން ލިބުނު އުންމީދީ ކުރިއެރުމެއް ނެތް ކަމަށެވެ. އެހެންވެ މާލޭ ރައްޔިތުން ބޮޑު އަގުލަބިއްޔަތަކުން މިހާރުގެ ރައީސް މުއިއްޒު މޭޔަރު ކަމަށް ހޮވުމުން މާލެއަށް އައީ ބޮޑު ބަދަލުތަކެއް ކަމަށް ވިދާޅުވި އެވެ.