ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ކޯޓުގެ ސިސްޓަމަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ޝަރީއަތް ހިންގަން ދަތިވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރެނު އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް އެ މީހާ ހައްޔަރުކޮށް، ބަންދުކުރަން މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ބަންދަން އެންމެ ފުރަތަމަ 30 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އެ މުއްދަތު ހަމަވާތީ، ބަންދު އިތުރު ކުރަން ގެންދިޔުމުން އެ ކޯޓުން ނިންމީ އިތުރަށް ބަންދު ނުކުރުމަށެވެ.
އެ އަމުރު ދައުލަތުން ހައި ކޯޓަށް ހުށަހަޅައި އެ އަމުރު ބާތިލްކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމަން އެދުނެވެ.
އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައިވާ އެ މީހާ އަލުން ބަންދު ކުރަން ދައުލަތުން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމާ އެކު ދައުވާ ލިބޭ މީހާ ވަނީ ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ކޯޓުގެ ސާވާ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ޝަރީއަތް ހިންގަން ދަތިވެފައިވާތީ އެކަން ހައްލުކޮށް ޝަރީއަތް ހިންގޭނެ ގޮތް މެދުވެރިވަންދެން އޭނާގެ ބަންދެއް ލުޔެއް ދިނުމަށެވެ.
ކޯޓުން އެގޮތަށް ލުއި ދޭން ނިންމި އެވެ. ކޯޓުން ބުނެފައިވަނީ ކޯޓުގެ ވަސީލަތް ނެތުމުގެ ސަބަބުން ޝަރީއަތް ހިންގަން ދަތިވެފައިވާތާ ދެ މަސް ވެފައިވާ ކަމަށާއި އެކަމުގައި އަލިމަގެއް ވެސް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން، ކޯޓުގައި ވަސީލަތް ނެތުމާއި މެދުނުކެނޑި ޝަރީއަތް ހިންގޭނެ ހާލަތް ނެތި، މީހެއްގެ ހައްގެއް ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ދަށު ކޯޓުގެ އަމުރު ބާތިލްކުރާށެވެ.
އެގޮތުން ހައި ކޯޓުން އިއްވި ހުކުމްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތު އުފުލޭ ހިނދު، އެ މީހަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތްތަކުން ކުރެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާނެ މީހެއްކަމުގައި ބަލައި، އެ މީހަކު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓަން ގާނޫނުން މަގުފަހިކުރާ ކަމަށެވެ.
އެފަދަ އަމުރުތައް ނެރޭ ހާލަތްތައް ބަދަލުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ، އަމުރު މުރާޖައާ ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަން ވެސް ފާހަގަކުރި އެވެ.
ބަންދު މުރާޖަ ކުރާއިރު ބަންދުކުރި ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ބަލަންޖެހޭނީ ހުކުމްގައިވާ ގޮތުން ބަންދުކުރިއިރު ވުޖޫދުވެފައި ހުރި ހާލަތުތަކަށް ބަދަލު އައިސްފައިވޭ ތޯ އެވެ. އެންމެ ކުޑަމިނުން އެފަދަ މީހަކު ބަންދުން ދޫކުރެވޭނީ އެ މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ނެތް ނަމަ ކަމަށް ހުކުމްގައިވެ އެވެ.
"މީހަކު ޝަރީއަތް ނުނިމި ލަސްވުމުގެ ސަބަބުން ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމަކ،ީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ނ)ގެ ބޭނުމަށްޓަކައ،ި އެ މީހަކު (ޝަރުތު ތަކާއެކު ނަމަވެސް) ބަންދުން ދޫކޮށްލުމަށް އެކަށޭނަ ގާނޫނީ ސަބަބެއް ނުވަތަ ހުއްޖަތެއްނޫން،" ހުކުމްގައިވެ އެވެ.