މާލެ އަތޮޅުގައި އޮންނަ ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިއަށް އިއްޔެ ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

"ބަލްމާ-6" ނަމަކަށް ކިޔާ އެ ބޯޓް ބަންޑުން ޖަހާލި އިރު އޭގައި ތިބީ ހަތަރު މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން ސަލާމަތްކުރި އެވެ.

އެ ހާދިސާގައި ގެއްލުނީ ބިދޭސީއަކާއި ދިވެއްސެކެވެ. އޭގެ ތެރެއިން ދިވެހި މީހާ އިއްޔެ ވަނީ މަރުވެފައި އޮއްވާ ފެނިފަ އެވެ. ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިން ފެނުނީ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ސަރަހައްދުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެ ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފަ އެވެ.