ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި އިތުބާރު ހިފެހެއްޓުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ކުޑޫ ފޮނުވި ސިޓީގައިވަނީ ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެ، އެކަމުގެ ސަބަބުން އޮންލައިންކޮށް ކިޔެވުމާއި ހާޒިރުވެގެން ކިޔެވުމުގެ ދާއިރާއިން ކުރިއެެރުންތައް ހޯދަމުން އަންނަ ކަމަށެވެ.

އޭގެ ސަބަބުން ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވެފައިވާ ނަމަވެސް، ތައުލީމީ ފެންވަރާއި ނަޒާހާތްތެރިކަމާ ގުޅޭ އެކި މައްސަލަތައް ފެންމަތިވަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ފާހަގަ ކޮށްފައިވާ ބައެއް ކަންކަމަކީ:

- އޮންލައިންކޮށް ބާއްވާ އިމްތިހާނުތަކުގެ ނަޒާހާތްތެރިކަމާ ގުޅޭ ޝަކުވާތައް ލިބުން

- ބައެއް ކޯސްތަކުގައި އެހެން މީހުންގެ މަސައްކަތްތައް ކޮޕީކުރުން

- އުޖޫރަ ދީގެން މީހުން ލައްވާ މަސައްކަތްކުރުވުން

- ހުއްދަނޫން ގޮތެއްގައި އޭއައިގެ އެހީތެރިކަން ހޯދުން

އޭނާ ވިދާޅުވީ އެފަދަ ކަންކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް ނެތުމުން އެ ގޮތްގޮތަށް ފާސްވުމުގެ ފުރުސަތު ދަރިވަރުންނަށް އޮންނައިރު އެކަން ބެލޭނެ މިންގަނޑެއް ނެތްކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި އޭގެ ސަބަބުން ދެން ކުރިމަތިވާ ގިނަ މައްސަލަތައް ވެސް އެ ސިޓީގައިވެ. އޭގެ ތެރޭގައި

  • ތައުލީމީ އަހުލާގީ މިންގަނޑު ނުހިފެހެއްޓުން

  • ސަނަދުތަކުގެ އަގުވެއްޓުން
  • ޒިންމާދާރުކުރުވުން ބަލިކަށިވުން
  • އިހުލާސްތެރި ދަރިވަރުންނާއި ވަޒީފާދޭ ފަރާތްތަކަށް އަސަރުކުރުން
  • ފާރަވެރިވުން ކުޑަވުން

އެފަދަ ޝަކުވާތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން އެކަށީގެންވާ ވަގުތުގައި ރަސްމީ ޖަވާބެއް ނުލިބޭތީ ބައެއް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ވެސް ކުޑޫގެ ސިޓީގައިވެ އެވެ. 

އެ މައްސަލާގައި މަޖިލީހަށް ކުރެވޭނެ ކަންކަން ފާހަގަ ކުރައްވައި، ކުޑޫގެ ސިޓީގައިވަނީ ހަރުދަނާ ފިޔަވަޅުތައް އަޅައިފިނަމަ ރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އަގާއި ބައިނަލްއަގުވާމީ އިތުބާރު ދެމެހެއްޓޭނެ ކަމަށެވެ. އެހެންވެ، އެކަންކަމާ މެދު މަޖިލީހުން ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

އަގަށް އެސައިންމަންޓް ހަދައިދޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގާނޫނެއް ހަދައި ބޮޑު އަދަދު ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ނަމަވެސް އެކަން އަދި ވެސް ނުހުއްޓެ އެވެ. އެސައިންމަންޓް ތައް ހެދުމުގައި އޭއައި އާއި މީހުން ލައްވާ އެކި ގޮތްގޮތަށް މަސައްކަތް ކުރުވާ މައްސަލަ ވެސް ބޮޑެވެ.