އާންމުންގެ މެދުގައި މަގުބޫލު ޝެއިހް އަބްދުލް އަޒީޒް ހުސެއިން (އަޒީބެ)އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ. 

އަޒީބެއަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ގެންދާ ކަން ދަރިކަލުން އަހުމަދު ކުމައިލް ވަނީ ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވައިފަ އެވެ. ނަމަވެސް، އަޒީބެގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެ އެވެ. 

ކުމައިލް ވަނީ އަޒީބެއަށް ހެޔޮ ދުއާކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. 

އަޒީބެެއަކީ ދީނީ އެކިއެކި ދަރުސްތަކާއި ނަސޭހަތް ދިނުމުގައި ވަރަށް އަވަދިނެތި އުޅުއްވާ ބޭފުޅެކެވެ. އެކި މިސްކިތްތަކުގައި ވެސް އަޒީބެ ދަރުސް ދެއްވާއިރު، އޭނާގެ ދަރުސްތަކަކީ އާންމުންގެ މަގުބޫލުކަން ލިބިފައިވާ ދަރުސްތަކެކެވެ. 

އަޒީބެއަކީ ޒަމްޒަމް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ވެސްމެ އެވެ. އެ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކަށް ދީނީ ދަރުސް ދެއްވުމުގައި ވެސް އަޒީބެ ހަރަކާތްތެރިވެ އެވެ. 

އަޒީބެ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި ވެސް ހިދުމަތް ކުރައްވައިފަ އެވެ. އަދި އަރަބިއްޔާ ސްކޫލްގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ. ގިނަ އަދަދެއްގެ ޓީވީ ޕްރޮގްރާމްތަކުގައި ވެސް އަޒީބެ ބައިވެރިވެވަޑައިގެން، ދީނީ މުހިންމު މައުލޫމާތުތައް ހިއްސާކޮށްދެއްވާފައިވެ އެވެ.