ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް، އިޤްތިޞާދީ، އިޖުތިމާޢީ އަދި ޞިއްޙީ ބޭނުންތަކަށް ކަނޑުދަތުރުނުކޮށް ފަރުޖެއްސެން ނެތް ޤައުމެކެވެ. މޫސުމުގެ ކަންތައް ހުންނަ ގޮތުން، ކަނޑު ގަދަ ދުވަސްތަކާ މަޑު ދުވަސްތައް އަޔަސް ވެސް، ކަނޑުމަތީގެ ޙާދިސާއެއް ދިމާވުމަކީ ނާދިރުކަމެކެވެ. ނަމަވެސް، އެފަދަ ޙާލަތެއް މެދުވެރިވާއިރު، ފަތަން އެނގުމަކީ، މީހާގެ ފުރާނަ ސަލާމަތްވުމާއި ނުވުން އެމައްޗަށް ބިނާވާ ކަމެކެވެ.

އެނަމާ ބޯޓުގެ ކާރިސާއަކީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ހިތާމަވެރި އެއް ހާދިސާ އެވެ. އެ ހާދިސާގެ ޖިނާއީ ތަޙްޤީޤާޢި ދައުވާތައް ކުރުމުގެ ބައިގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. ލިޔުންތަކާއި ތަޙްޤީޤީ ހޯދުންތަކަށް ބަލާއިރު، ދޯނި ބަންޑުން ޖަހާލަން މެދުވެރިވީ ކުޑަކުޑަ ރާޅެއްގެ މޯހިރުގައި ޖެހިގެން ކަމަށްވެ އެވެ. އެނަމާ ބޯޓު ބަންޑުންޖަހާލީ އެބޯޓު ހަދާފައި ހުރި ގޮތުން (ހުއްދަ ނުހޯދައި، އިތުރު ޑެކުއަޅާފައި ހުރުމުން) ނާއި މީހުން އަރުވާފައި އޮތް ގޮތުން، ދޯނީގެ ބެލެންސް ގެއްލިގެންނެވެ. އެ ޙާދިސާ ދިމާވި ދުވަހަކީ ކަނޑު އެހާ ގަދަ ނޫން ދުވަހެއް ކަމަށްވެ އެވެ. 

އޭރުގެ ތަޙްޤީޤުތަކުގައި، އެ ޙާދިސާގައި ނިޔާވި މީހުންނާއި ސަލާމަތްވި މީހުންނަށް ފަތަން އެނގެނީ ކިހާ ވަރަކަށް ކަމެއް ބެލިފައެއް ނެތެވެ. ނަމަވެސް، އަޅުގަނޑު އަބަދުވެސް ހިތަށް އަރައެވެ. އެ މަޢުލޫމާތު އެނގުނު ނަމަ އަދި އެކަމުން ޢިބުރަތް ލިބިގެން، ފުޅާ ދާއިރާއެއްގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ހިންގުނު ނަމަ އޭގެ 20 އަހަރު ފަހުން، ދާދި ފަހުން ދިމާވި ގޮތަށް، އޭޕްރިލް މަހެއްގައި (އޭޕްރިލް މަހަކީ، މޫސުމުގެ ގޮތުން ބަލާއިރު، ކަނޑުގެ އޮއި މަޑު، ވައި މަޑު، ރާޅުބާނި ކުޑަ، ކަނޑުގައި ފެތުމަށް އެންމެ ރީތި، ހިތްގައުމު ދުވަސްވަރު) ރާއްޖޭގައި ކަނޑުވެގެން މީހުން ގެއްލުމުގެ ޙާދިސާތައް ދިމާވިޔަނުދީ ސަލާމަތްކުރެވުނީހެވެ. 

އަޅުގަނޑުވެސް އެއްބަހެވެ. ޙާދިސާއެއް ދިމާވުމުން، އެކަން ބެލުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، އެ އަށް ވުރެ މުހިންމު ކަމަކީ، އެފަދަ ކަމެއް މީގެ ފަހުން ދިމާނުވާނޭ ގޮތަކަށް ކަންކަން އިންތިޒާމުކުރުމެވެ. ފަތަން ދަސްކުރުމަކީވެސް އެފަދަ ކަމެކެވެ. 

އަޅުގަނޑު ދެކޭ ގޮތުގައި، ފަތަން ދަސްކޮށްދިނުމުގެ ޒިންމާ އޮތީ ބެލެނިވެރިންނާއި ސްކޫލުގައެވެ. އެކަމަކީ ޅަޢުމުރުގައި ނުހަނު ފަސޭހައިން ކުރެވޭ ކަމެކެވެ. ކުޑައިރު ފަތަން ދަސްވެފައި ނެތް މީހުން، ވަޒީފާގެ މާޙައުލުގައި ވެސް ފަތަން ދަސްކުރެވިދާނެއެވެ. އޮފީސްތަކާއި ކުންފުނިތަކުގެ ރެކްރިއޭޝަން ކްލަބްތަކުން ރާވައިގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައިފި ނަމަ އެ ކްލަބުތަކުގައި ބައިވެރިވާން ދައްކާ ފީގެ ބަދަލުގައި ލައިފްސްކިލްއެއް ދަސްވީއެވެ.

ރާއްޖޭގެ ބައެއް ކުންފުނިތަކާއި އޮފީސްތަކުން މިފަދަ ޕްރޮގްރާމްތައް މިހާރު ވެސް އެބަހިންގަ އެވެ. ބޭންކް އޮފް މޯލްޑިވްސް އާއި ޕެންޝަން އޮފީހުން، މުވައްޒަފުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިންގާތީ އަޅުގަނޑާ ބައްދަލުވެފައިވެއެވެ. މިއީ މުހިންމު، ތަޢުރީފު ޙައްޤު މަސައްކަތެކެވެ. 

ފަތާނެ ސަރަޙައްދާބެހޭ ގޮތުން ބައެއް މީހުން ސުވާލުކުރެ އެވެ. މާލޭގައި ނަމަ މާލޭ ފަތާ ޓްރެކް ސަރަޙައްދު އެބައޮތެވެ. ރަސްފަންނާއި އާޓިފިޝަލް ބީޗު ސަރަޙައްދު ވެސް އެބަ އޮތެވެ. އެ އަށް ވުރެ ބޭރަށްދާ ނަމަ ރަސްފަންނު ބޭރު ސަރަޙައްދުގެ ކަނޑުގައި މިހާރު ޖަހާފައިވާ ބޮއިތަކުގެ އެތެރެއަކީ ފެތުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދެކެވެ. ތަންކޮޅެއް ރަނގަޅު ފެތުންތެރިންނަށެވެ. ހުޅުމާލޭގައި ނަމަ ދެ ފޭސް ދޭތެރޭ އޮތް ޗެނަލް މިހާރު އެ އޮތީ ފަތާ މީހުންނަށް ޚާއްޞަ ކޮށްފަ އެވެ. އެ ތަނުގައި އޮޔާ ދެކޮޅަށް ފަތާލާއިރު، މުޅި ހަށިގަނޑަށް ރަނގަޅު ފެންވަރުގެ ކަސްރަތެއް ނުލިބިއެއް ނުދާނެ އެވެ. އެންމެ ހިތްގައިމު ފަތާ ސަރަޙައްދަކީ މާލެއިން ފަސް މިނިޓުން ދެވޭ ހިސާބުގައި އޮތް ވިލިމާލެ އެވެ. ވިލިމާލެ ބީޗު ސަރަޙައްދުގައި ކުދިން ގޮވައިގެން ފަތާ، މޫދަށް އެރި އުޅެން ހިތްގައިމު ސަރަޙައްދެއް އޮވެ އެވެ. މިއީ، މާލޭގެ ކޮންމެ ތަނަކުންވެސް ވިއްސަކަށް މިނިޓުން ދެވޭ ހިސާބުގައި ހުރި ތަންތަނެވެ. 

އެއްގޮތަކަށް ވެސް ފަތަން ނޭނގޭ މީހަކަށް، ކޯޗެއްގެ އެހީތެރިކަމާ އެކު، ޢާންމު ގޮތެއްގައި ތިން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފަތަން ދަސްކުރެވެ އެވެ.

އަތޮޅުތަކުގައި ނަމަ ވަށައިގެން މޫދެވެ. ފަސް މިނިޓުން ދެވޭ ހިސާބުގައި މޫދު ނެތް ރަށެއް ނެތެވެ. ބައެއް ރަށްރަށުގައި މިހާރު ބޭނުންނުކުރާ ބަނދަރު އެބަހުއްޓެވެ. ބަނދަރުގެ ބޮޑެތި ސަރަޙައްދުތައް ހުސްކޮށް ހުންނަ ރަށްރަށް ވެސް މަދެއް ނޫނެވެ. އެ ތަންތަނުގައިވެސް ފެތޭނެ އެވެ. ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީ އާއި ތިނަދޫ ސިޓީ އާއި ހދ. މަކުނުދޫގައި ސަރުކާރުން އަޅައިދީފައިވާ ފަތާ ޓްރެކު އެބައޮތެވެ. 

އާ އަހަރު، ނިއު އިޔާ ރިޒޮލިއުޝަން ހެދުމަކީ އަޅުގަނޑުމެން ނިކަން ކުރާ ހިތްވާ ކަމެކެވެ. މި މަހު ޖިމްތަކަށް ބަލައިލީމާ އެ މަންޒަރު ސާފުވެ އެވެ. މި އަހަރުގެ ރިޒޮލިއުޝަނަކީ، މުޅި ޙަޔާތުގެ ހުރިހާ ދުވަހަކު ބޭނުންކުރެވޭނެ، އަދި އަމުދުން ދިވެހިރާއްޖޭގެ ޙާލަތުގައި ނުހަނު ބޭނުންތެރި ލައިފްސްކިލްއެއް ދަސްކުރުން ކަމަށް ހަދަމާ ހިންގަވާށެވެ. މިއީ، އަޅުގަނޑުމެން ފަތަން ދަސްކުރާ އަހަރެވެ. ކަސްރަތުކުރާ މީހަކަށް ނަމަ ކްރޮސް ޓްރެއިނިންގެ ގޮތުގައި ބޭނުންކުރަން އިތުރު އޮޕްޝަނެކެވެ. ރަށްޓެހިންނާ އެކު ދަތުރު ގޮސް އުޅޭއިރު، ރައްކާތެރިވެ ތިބުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޖޫނިއާ ދެ ފެތުންތެރިއަކު ފޮޓޯއަކަށް ތައްޔާރުވެގެން.-- ފޮޓޯ: ނިއު ލެގޫންސް

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޖޫނިއާ ދެ ފެތުންތެރިއަކު ފޮޓޯއަކަށް ތައްޔާރުވެގެން.-- ފޮޓޯ: ނިއު ލެގޫންސް

އެއްގޮތަކަށް ވެސް ފަތަން ނޭނގޭ މީހަކަށް، ކޯޗެއްގެ އެހީތެރިކަމާ އެކު، ޢާންމު ގޮތެއްގައި ތިން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފަތަން ދަސްކުރެވެ އެވެ. ފަތަން ނޭނގޭ ބޮޑެތި މީހުންނަށް ދިމާވާ ދެ ގޮންޖެހުމެއް އޮވެއެވެ. އެއްކަމަކީ ބިރު ގަތުމެވެ. އެއީ ޢާންމު ކަމެކެވެ. އަޅުގަނޑު މިއީ ކަނޑުގައި ޢާންމުކޮށް ފަތާ އުޅޭ މީހެކެވެ. ނަމަވެސް، އަދިވެސް ކަނޑަށް ފުންމާލާގަޑީގައި ބިރުގަނެ އެވެ. ފުންކޮށް ނޭވާލައި، ހާޓްރޭޓް ހަމައަކަށް އެޅުވުމުން ބިރު ފިލައިދެ އެވެ. ފުން ތަންތަނަށް މޫދަށް އެރޭއިރު ގަންނަ ބިރު ކެނޑުވުމުގެ ހުނަރުތައް ފަތަން ދަސްކޮށްދޭ ކޯޗުންނަށް އެނގޭނެ އެވެ. 

ދެން އޮތީ ގައިގެ މަސްތައް ހަރުވުމެވެ. މޫދުގައި "ރިލެކްސް" ނުވެވުމެވެ. ފެތުމަށް ބޭނުންވާ ފްލެކްސިބިލިޓީ ނުގެނެވުމެވެ. މިހެން ދިމާވަނީ، މޫދަށް އާވީމަ އެވެ. މޫދަށް ފަރިތަވުމުން މި މައްސަލަ ވެސް ޙައްލުވެ، މޫދުގައި ރިލެކްސްވާން ދަސްވާނެ އެވެ. އެކި މީހުން އެކި ވަރަށެވެ. މޫދުގައި އޮންނަ ގަޑީގައި ހަށިގަނޑު ހަރުދަނޑިވުމުގެ ސަބަބުން ހަށިގަނޑުން ސަރުބީ ވިރުވާ ނިސްބަތް ވަގުތީ ގޮތުން އިތުރުވާތީ، މިއީ، ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ނިކަން ފައިދާ ހުރި ވެސް ކަމެކެވެ. 

ފަތަން ދަސްކުރުމަކީ ތިމާ އާއި ތިމާ ދެކެ ލޯބިވާ މީހުންގެ ޙައްޤުގައި ކުރެވޭ އިންވެސްޓްމަންޓެކެވެ. ވީމާ، މި އަހަރަކީ ފަތަން ދަސްކުރާ އަހަރަށް ހަދަމާ ހިންގަވާށެވެ! މިކަމުގައި ހަށިގަނޑަށާއި ސިކުނޑިއަށް ފައިދާވުން ނޫން ކަމެއް ނެތެވެ.

ނޯޓް:

ޕްރޮފެޝަނަލް ކެރިއަރުގައި ގާނޫނީ ދާއިރާއިން ކުރިއަށް ވަޑަައިގެންވި ނަމަވެސް ހުސެއިން ޝަމީމުގެ ހިތާއި ރޫހު އޮތީ ކުޅިވަރާއި ފިޓްނަސްގަ އެވެ. ޒުވާން ދުވަސްވަރު ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅުނެވެ. ފަހުން ދުވަން ފަށައި، ރިކްރިއޭޝަނަލް ދުވުންތެރިންގެ ތެރެއިން ރާއްޖޭން ބޭރުގައި އެންމެ ފުރަތަމަ މެރެތަނެއް ފުރިހަމަކުރި އެކަކަށްވި އެވެ. ހާފް އަޔަންމެން އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ވެސް ހޯދި ޝަމީމް މިހާރު އަންނަނީ ސްވިމް މޯލްޑިވްސްގެ ނަމުގައި ޖަމިއްޔާއެއް ހަދައި، ފެތުން ޕްރޮމޯޓްކޮށް، މުބާރާތްތައް އިންތިޒާމުކުރަމުންނެވެ.