އެކި އަތޮޅުތަކުން މި އަހަރު 1،500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަން މާލޭގެ ސްކޫލްތަކަށް ބަދަލުވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންގެ ޖާގައަށް ހުޅުވާލި މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު "މިހާރު" އަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުގައި، އަތޮޅުތަކުގެ ސްކޫލުތަކުގައި މިދިޔަ އަހަރު ކިޔެވި 1،530 ދަރިވަރަކު މާލޭގެ ސްކޫލްތަކަށް ބަދަލުވާން ވަނީ ހުށަހަޅައިފަ އެވެ.
މާލޭގެ ސްކޫލުތަކުން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރަކު ބަދަލުވާން ހުށަހަޅާފައިވެ އެވެ. މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް މި އަހަރު އަލަށް 1،748 ދަރިވަރުން ވައްދާފައިވެ އެވެ.
އަތޮޅުތަކުގައި ގްރޭޑް އެކަކަށް ވެއްދި ދަރިވަރުންގެ އަދަދަކީ 3،042 އެވެ.

ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެއް އަހަރުން އަނެއް އަހަރަށް މާލެ ބަދަލުވާ ސްކޫލު ދަރިވަރުންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުން 2020 އިން ފެށިގެން މާލެ ބަދަލުވާ ނިސްބަތް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.
މާލެ ބަދަލުވި ދަރިވަރުންގެ ތަފްސާހިސާބު:
- 2021-2020 އަށް 480 ދަރިވަރުން
- 2022-2021 އަށް 716 ދަރިވަރުން
- 2023/2022 އަށް 780 ދަރިވަރުން
- 2024/2023 އަށް 1،500 ދަރިވަރުން
މި މަހުގެ 27 ގައި ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމާ އެކު، ހުޅުމާލެ 2 ގައި އަލަށް އިމާރާތްކުރި، ޝަހީދު އަލީ ސްކޫލުގައި ވެސް ކިޔަވައިދޭން ފަށަން ވަނީ ނިންމައިފަ އެވެ.
އެއީ އެއްދަންފަޅި އަށް 1،500 ކުދިންނަށް ކިޔެވޭނެ ޖާގަ އޮތް ސްކޫލެކެވެ. ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަ ނަމަ ދެ ދަންފަޅި އަށް ބަދަލު ކުރާނެ ކަމަށް މިނިސްޓްރީން އޭރު ވެސް ބުންޏެވެ.
ޝަހީދު އަލީ ސްކޫލުން ޖާގަ ބޭނުންވާ ކުދިންގެ އަދަދު އިތުރު ވެފައި ވާއިރު ހުޅުމާލެ 2 ގައި އަލަށް މީހުން އުޅެން ފަށާފައިވާ ފަހި ދިރިއުޅުން ފްލެޓް މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމައި މިހާރު ވަނީ ހަވާލުކުރަން ފަށައިފަ އެވެ.

ހުޅުމާލެ 2ގައި އަލަށް އިމާރާތް ކުރަމުން އަންނަ "ޝަހީދު އަލީ ސްކޫލް"ގެ މަސައްކަތްތައް މިނިސްޓަރު އިސްމާއިލް ޝަފީއު މިދިޔަ އަހަރު ބައްލަވާލައްވަނީ: މިހާރު އެތަން ހުޅުވަން ވަނީ ތައްޔާރުވެފައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ހުރިހާ ތަނެއް ދޫކޮށް، މީހުން ދިރިއުޅެން ފެށުމުން ހުޅުމާލެ 2ގެ ސްކޫލުތަކަށް ބާރު ބޮޑުވާނެތީ ހުޅުމާލެ އަށް އެކަނި ވެސް އިތުރު ހަތް ސްކޫލު ބޭނުންވާ ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތައުލީމު ހޯދަން މާލެ ހިޖުކުރުމުގެ މައްސަލައަކީ ހަމަ އެކަނި އެ މިނިސްޓްރީން މަސައްކަތް ކޮށްގެން ނިިންމާލެވޭ ވަރަށް ވުރެ، ބޮޑު މައްސަލައެއް ކަމަށެވެ. ގައުމީ ފެންވަރުގައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އިސްމާއިލް އޭރު ވިދާޅުވި އެވެ.
މާލެ އަށް ތައުލީމު ހޯދަން އަންނަ ކުއްޖާ ސްކޫލަށް ނުވައްދައި އަނބުރައި ފޮނުވާ ލުމަކީ ވެސް މިނިސްޓްރީ އާއި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ނަމަވެސް އެކަމަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.