މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެކި ދާއިރާތަކުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމެނި އަދަދަށް ހޭދަކޮށްފައިވަނީ، ގައުމީ ސަލާމަތާއި އިދާރީ ހިންގުމުގެ ދާއިރާ ފަދަ މަދު ދާއިރާއަކަށް ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި، ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 12.38 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ނަމަވެސް، ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ހޭދަފައިވަނީ 8.65 ބިލިއަން ރުފިޔާ އެވެ.
މިއީ 2024 ވަނަ އަހަރު ހޭދަވި، 11.93 ބިލިއަން ރުފިޔާއަށް ވުރެ ތިން ބިލިއަނަށް ވުރެ މަދު އަދަދެކެވެ.
ޕީއެސްއައިޕީ މަޝްރޫއުތައް ތަފާތު 12 ދާއިރާއަކަށް ބަހާލެވިފައިވާއިރު، ގިނަ ދާއިރާތަކަށް ބަޖެޓު ކުރި މިންވަރާ ގާތަށްވެސް ހޭދަކޮށްފައެއް ނުވެ އެވެ.
އެ ދާއިރާތަކަށް ބަލާއިރު، ގައުމީ ސަލާމަތާއި އާންމު ހަމަޖެހުމަށް، ބަޖެޓުކުރި 142.1 މިލިއަން ރުފިޔާއަށް ވުރެ 38 މިލިއަން ރުފިޔާ އިތުރަށް ވަނީ ހަރަދުކޮށްފަ އެވެ.
މި ދާއިރާއިން ބަޖެޓު ކުރި ވަރަށް ވުރެ އިތުރުވެފައިވަނީ ގައުމީ ސަލާމަތުގެ ބައިންނެވެ. މިގޮތުން، 14.1 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިޔަސް، އަހަރު ނިމުނުއިރު އެ އަދަދު ވަނީ 65.6 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. މީގެއިތުރުން، ފުލުހުންގެ ހިދުމަތަށް ބަޖެޓު ކުރި 46.1 މިލިއަނަށް ވުރެ 38.6 މިލިއަން ވަނީ އިތުރަށް ހަރަދުކޮށްފަ އެވެ.
ބަޖެޓަށް ވުރެ އިތުރަށް ޕީއެސްއައިޕީއަށް ހަރަދުކުރި އިތުރު ދާއިރާތަކުގައި ޓްރާންސްޕޯޓާއި، ފިޝަރީޒް އަދި އިދާރާ ހިންގުން ހިމެނެ އެވެ.
ޓްރާންސްޕޯޓު ދާއިރާއަށް ބަލާއިރު، 4.17 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އަހަރު ނިމުނުއިރު، އެ ދާއިރާއަށް ވަނީ 4.75 ބިލިއަން ރުފިޔާ ހޭދަވެފަ އެވެ. މީގެ ބޮޑުބައެއް ހިއްސާކުރަނީ އެއާޕޯޓްގެ ބަޔަށް ބަޖެޓަށް ވުރެ އިތުރަށް ހޭދަކުރި 900 މިލިއަނެއްހާ ރުފިޔާ އެވެ.
އިދާރީ ހިންގުން | ބަޖެޓު: 49.5 މިލިއަން | ހޭދަވި: 60.1 މިލިއަން.
- ފިޝަރީޒް/އެގްރިކަލްޗާ | ބަޖެޓު: 122.7 މިލިއަން | ހޭދަވި: 196.4 މިލިއަން
މި ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކަށް ޕީއެސްއައިޕީއަށް ބަޖެޓުކުރި އަދަދާ ގާތަށް ވެސް ހޭދަކޮށްފައެއް ނުވެ އެވެ.
މިގޮތުން، އެންމެ ބޮޑު އަދަދެއް ހިމެނި، ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ ދާއިރާ ފާހަގަކޮށްލެވެ އެވެ.
ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީއަށް 1.8 ބިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް، އޭގެތެރެއިން އަހަރު ނިމުނުއިރު ހޭދަކޮށްފައިވަނީ އެންމެ 204.5 މިލިއަން ރުފިޔާ އެވެ.
ސިއްހީ ހިދުމަތް | ބަޖެޓު: 964.3 މިލިއަން | ހޭދަވި: 460.7 މިލިއަން
- ތިމާވެށި | ބަޖެޓު: 1.54 ބިލިއަން | ހޭދަވި: 696.4 މިލިއަން
- ފެނާއި ނަރުދަމާ | ބަޖެޓު: 1.16 ބިލިއަން | ހޭދަވި: 366.9 މިލިއަން