ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކޮށް އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އުފައްދާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދިން ދައުވަތު ގަބޫލުކޮށްފި އެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
މިއީ ޣައްޒާގައި ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސްއާ ދެމެދު ހެދި އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައި އުފައްދަން ނިންމާފައިވާ ބޯޑެކެވެ. އެ ބޯޑުގައި ބައިވެރިވާން އެކި ގައުމުތަކުގެ ވެރިންނަށް ޓްރަމްޕު ވަނީ ދައުވަތު ދެއްވައިފަ އެވެ.
މި ބޯޑުގެ
ޗާޓަރު އޮތީ ހަމައެކަނި އެތަން އާރާސްތުކުރުމުގެ ބަދަލުގައި ވަރަށް ފުޅާކޮށްފަ އެވެ. އަދި މި ބޯޑުގެ ދާއިމީ މެންބަރުކަން ބޭނުން ނަމަ
ފުރަތަމަ އަހަރު ތެރޭ އެއް ބިލިއަން ޑޮލަރު އެ ބޯޑަށް ދައްކަން ވެސް
ކަނޑައަޅާފައިވެ އެވެ.
މިއީ އދ.ގެ ދައުރު ހަނިކޮށް ދުނިޔެއަށް ޓްރަމްޕުގެ ނުފޫޒު ގަދަކުރުމުގެ ބޭނުމުގައި އދ. އަށް ގޮންޖެހުމަށް ހަދާ ބޯޑެއް ކަމުގެ ތުހުމަތު ވެސް ވަނީ އުފެދިފަ އެވެ.
މި ބޯޑުގައި ބައިވެރިވާން ޔުނައިޓެޑް އަރަބި
އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އަލް
ނަހްޔާނަށް ދެއްވި ދައުވަތު އިއްޔެ ވަނީ ގަބޫލުކުރައްވައިފަ އެވެ.
ބޯޑުގެ ޗާޓަރު އޭއެފްޕީއަށް ފެނިފައި ވާއިރު އޭގައި ބުނަނީ މެންބަރެއްގެ
ދައުރު، ބޯޑުގެ ޗެއާމަން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު ތިން އަހަރަށް
ވުރެ ދިގު ނުުވާނެ ކަމަށެވެ. އެކަމަކު ބޯޑަށް އެއް އަހަރު ތެރޭ 1 ބިލިއަން
ޑޮލަރަށް ވުރެ އިތުރަށް ދީފި ނަމަ މި ތިން އަހަރު މުއްދަތު ނޯންނާނެ ކަމަށް
ބުނެފައިވެ އެވެ.
"ބޯޑް އޮފް ޕީސް" ގެ ދަށުން ޣައްޒާ ހިންގުމުގެ ވަގުތީ ކޮމިޓީއެއް ވެސް ވަނީ އެއްބަސްވުމުގެ ދަށުން އެކުލަވާލައިފަ އެވެ. އެކަމަކު ނަތަންޔާހޫ ވަނީ ބޯޑާއި ކޮމިޓީގައި ވެސް އިޒްރޭލުން ބޭނުން ނުވާ ބަޔަކު ނުހިމެނޭނެ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.