ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައި، ހުކުމާ ހިސާބުގައި އޮންނަތާ ހަ މަސް ދުވަސްވެއްޖެ އެވެ. 

ސިނާންގެ ގޮނޑިއާ ގުޅޭ ގޮތުން ޣާލިބު ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުންކަން އިއުލާންކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ އަޑުއެހުން ތާވަލުކޮށްފައެއް ނުވެ އެވެ. 

ހުކުމް ނުކުރެވި ލަސްވާ ސަބަބެއް ކޯޓުން ސާފުވާ ގޮތެއް ނުވި އެވެ.

ސިނާންގެ މައްސަލައިގެ ހުކުމް އިއްވުން ދިގުލައިގެން ގޮސްފައިވާއިރު، ގާނޫނުއަސާސީގައި ބުނާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އަލުން އިންތިހާބެއް ބާއްވަން ކަނޑައަޅާފައިވާ މުއްދަތަކީ ވެސް ހަ މަސް ދުވަހެވެ. މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދި، އެ މައްސަލަ ދިގުލައިގެން ގޮސްފައިވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.

އެ ކޯޓުން ސިނާންގެ ޣައިރު ހާޒިރުގައި ހުކުމްކުރީ ހަ މަސް ތެރޭ ފައިސާ ދެއްކުމަށެވެ. ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދު ނޫން އަދަދެއް ދައްކަން ޖެހޭނެ ކަމަށް ވެސް ހުކުމްގައި ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކަމުން ނުދާތީ، ބޭންކުން ތަންފީޒީ މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ.

އެ މައްސަލަ ކޯޓުގައި އޮއްވައި، ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ހަމަ އެ ދުވަހު ސިނާން ވަނީ ލޯނުގެ ފައިސާ އެއްކޮށް ދައްކައި ނިންމައިފަ އެވެ. އެހެންވެ، މެޖިސްޓްރޭޓް ކޯޓުގައި އޮތް ތަންފީޒީ މައްސަލަ މާޗް މަހުގެ ތެރޭގައި ވަނީ ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.