ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްދުގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ގިނަ ދައުވާތަކެއް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ. 

މީރާއިން ޕީޖީ އޮފީހަށް އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ ދެ މީހުންގެ މަސްލަހަތު އޮންނަ ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ފަރާތުން މީރާއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާ ކަމަށް ތުހުމަތުކޮށެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި  ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާއެއް ޑރ. އަލީ ލަތީފްގެ މައްޗަށް ވަނީ ކޮށްފަ އެވެ. އަދި ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ފަސް ދައުވާއެއް އިކްލީލްގެ މައްޗަށް ވަނީ ކޮށްފަ އެވެ. 

މީގެއިތުރުން  ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ދެ ދައުވާއެއް ޕައިނިއާ މޯލްޑިވްސްގެ މައްޗަށް އަދި  ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާއެއް ވަނީ އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ކޮށްފަ އެވެ. 

އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި، އެ ދެ ކުންފުނީގެ މާލީ ހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ އަލީ ފަޔާޒުގެ މައްޗަށް ވެސް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ފަސް ދައުވާ ކޮށްފައިވެ އެވެ. 

ޕީޖީ އޮފީހުން ބުނީ ދެ ޑޮކްޓަރުންނާއި ފަޔާޒުގެ މައްޗަށް ދައުވާކުރީ އެ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބަލައިގެން ކަމަށެވެ. އެގޮތުން ޑރ. އިކްލީލަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާދާރެވެ. އަދި ޑރ. އަލީ ލަތީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސްގެ 50 ޕަސެންޓް ހިއްސާ އޮންނަ އަދި ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕައިނިއާ މޯލްޑިވްސަކީ ވެސް ޑރ. އަލީ ލަތީފްގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށާއި އަދި ކޮވިޑް ދުވަސްވަރު އެ ކުންފުނިތަކަށް ހިންގުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީން ބުންޏެވެ.

ދައުވާ ލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅަން ކޯޓުގައި އެދެން ގަސްދުކުރާ ކަަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. 

މީރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19 އާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ އެ ދެ ކުންފުނިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ހުށަހަޅާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވާނެ ކަމަށް ވެސް ބުންޏެވެ.