04 އެޕްރީލް 2017 - 23:55

ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ކުރަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް އިދިކޮޅު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިރޭ ބުނެފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ގައުމުގެ އިސްލާހަށް މަސައްކަތް ކުރާ ޕާޓީތަކާއި ގުޅިފައިވާ މެންބަރުންނާ ދެކޮޅަށް ސަރުކާރުން ހިންގާ ބިރު ދެއްކުމުގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އެގޮތުން ސަރުކާރާ އިދިކޮޅަށް ފާޅުގައި ހިޔާލު ފާޅުކުރާ މަޖިލިސް މެމްބަރުން އަސްލެއް ނެތް ތުހުމަތުތަކުގައި ތަކުރާރުކޮށް ފުލުހުސް އޮފީހަށް ހާޒިރުކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޖޭޕީން ބުނި ގޮތުގައި އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހަފުތާއެއްގެ ތެރޭގައި ދެ ފަހަރަކު ފުލުސް އޮފީހަށް ހާޒިރު ކުރީ އޭނާ ކުރައްވަމުން ގެންދަވާ އިސްލާޙީ މަސައްކަތްތައް ފަހަތަށް ޖައްސައި ބިރު ދެއްކުމުގެ ގޮތުންނެވެ.
މީގެ އިތުރުން ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ތިން ފަހަރަށް ފުލުސް އޮފީހަށް ހާޒިރު ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ވެސް ޖޭޕީން ބުންޏެވެ.
ހަމައެއާއެކު، ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް ހަތަރު ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ގެންދިޔައީ ކަނޑައެޅިގެން ޖެއްސުން ކުރުމާއި އޭނާގެ ސިޔާސީ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށް ވެސް ޖޭޕީން ބުންޏެވެ.
"ފުލުހުންގެ މުއައްސަސާއަށް ނުފޫޒް ފޯރުވައިގެން މިކަންކަން ހިންގަނީ އިސްލާހީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތައް ހުރަސްއެޅުމުގެ ގޮތުން،" ބަޔާނުގައި ބުންޏެވެ.
އެ ޕާޓީން ފާހަގަކުރި ގޮތުގައި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ގާއިމުކޮށްފައި ވަނީ ތަފާތު ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ޑިމޮކްރަޓިކް ސިޔާސީ ނިޒާމެކެވެ. އެ ގޮތުން ތަފާތު ސިޔާސީ ފިކުރުތަކަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި މި ނިޒާމުން ލިބޭ ކަމަށް ބަޔާނުގައި ވެ އެވެ.
އެހެންވެ، މިކަންކަން ދެމެހެއްޓުމަށް އެންމެހައި މުއައްސަސާތަކުން މަސައްކަތް ކުރުމަށާއި މި ކަންކަމަށް ހުރަސް އެޅުމަށް ސަރުކާރުން އެކި ފެންވަރުގައި ހިންގަމުންދާ ކަންތައްތައް ހުއްޓާލުމަށް ޖޭޕީން ވަނީ ގޮވާލައިފަ އެވެ.