ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރަސްމީކޮށް ކެމްޕެއިން ލޯންޗުކުރުން އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަހީދު ވިދާޅުވީ ކެމްޕެއިން ލޯންޗުކުރުމުގެ ކުރިން އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އެ ޕާޓީން ވަނީ އިންތިހާބަށް ނެރޭ ކެންޑިޑޭޓުން ކަނޑައަޅަން އެތެރޭގެ ޕްރައިމަރީއެއް ވެސް ބާއްވައިފަ އެވެ.
ވަހީދު ވިދާޅުވީ ކައުންސިލް އިންތިހާބަށް އެ ޕާޓީން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށާއި އެމްޑީޕީގެ ސަފުތައް ރުކުރުވާލާފައިވާ ކަމަށެވެ. އަދި މުޅި ރާއްޖޭގައި ކެމްޕެއިން ޓީމުތައް އެކުލުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކަށް ހާއްސަ ތަމްރީނުތަކެއް ވެސް މިއަދު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީން އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރަން މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތަށް ހުރަސް އަޅަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އޭނާ ވަނީ ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ސަރުކާރުން ވެސް ކެމްޕެއިން ކުރަން ވަހީދު ގޮވާލައްވައިފަ އެވެ.
ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޑެޕިއުޓީ މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ނިޒާމު ރަނގަޅަށް އެނގޭ، އެކަމަށް ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ކެންޑިޑޭޓުންނެވެ.
ސަރުކާރު ހިންގާ ޕީއެންސީން މިއަދު ވަނީ
މާލޭ ސިޓީ ކައުންސިލަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް
ތާއީދު ހޯދުމުގެ ގޮތުން މާލޭ ސަރަހައްދުގައި ދޮރުން
ދޮރަށް ހިނގުމުގެ ކެމްޕެއިން ހަރަކާތް މިއަދު ފަށައިފަ އެވެ.
މިއީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ޕީއެންސީން
ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ކައުންސިލުގެ މެމްބަރު ކަމަށް އެ ޕާޓީން
ވާދަކުރައްވާ މެމްބަރުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެކެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ކޮމިިޓީގެ އިންތިހާބު އޮތީ
އަންނަ އޭޕްރީލް 4 ގަ އެވެ. އެ އިންތިހާބުގައި ކައުންސިލަށް 681 މީހުން
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މީހުން
ހޮވާނެ އެވެ.