ފަސް އަހަރު ފަހުން އަލީ އަޝްފާގް (ދަގަނޑޭ) ދިވެހި ޕްރިމިއާ ލީގުގައި ލަނޑު ޖަހައި 8-4 އިން ނިއު ރޭޑިއަންޓް މޮޅު ކޮށްދީފި އެވެެ.
އަޝްފާގް މީގެ ކުރިން އެންމެ ފަހުން ޕްރިމިއާ ލީގުގައި ލަނޑެއް ޖަހާފައި ވަނީ 2020/2021 ސީޒަންގައި ވެލެންސިއާގެ ޖޯޒީގަ އެވެ. އެ ސީޒަންގައި އޭނާގެ ފަހު ލަނޑު ފެނުނީ ޖެނުއަރީ 16، 2021 ގައި ދަ ގްރާންޑޭ ސްޕޯޓްސް އަތުން 2-1 އިން ވެލެންސިއާ ބަލިވި މެޗުގަ އެވެ.
އެ ސީޒަނަށް ފަހު ޖެހިގެން އައި 2022 ސީޒަން ފެށި މެޗުގައި އަނިޔާވެގެން އޭނާއަށް މުޅި ސީޒަން ގެއްލުނެވެ. ޖެހިގެން އައި 2023 ގައި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އޭނާ ލަނޑު ޖެހި އެވެ. ނަމަވެސް ދެވަނަ މެޗުގައި އަނިޔާ ވެގެން އެއަށް ފަހު އަޝްފާގް އަލުން ކުޅެން ފަށައިފައި ވަނީ މި ސީޒަންގަ އެވެ.
ވެލެންސިއާ އާއެކު 2020/2021 ޕްރިމިއާ ލީގަށް ފަހު އޭނާ މި ސީޒަންގައި ލީގުގައި ފުރަތަމަ ކުޅެފައި ވަނީ މިދިޔަ މަހު 27 ވަނަ ދުވަހުގެ ރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މިއަދުގެ މެޗުގައި އަޝްފާގް ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ ދެ ގޯލު ޖަހައިފަ އެވެ. މީގެ ކުރިން އަޝްފާގް ޕްރިމިއާ ލީގު މެޗެއްގައި ދެ ގޯލު ޖަހާފައި ވަނީ 2019/2020 ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބާއެކު ގްރީން ސްޓްރީޓްސް އަތުން 5-1 އިން މޮޅުވި ލީގު ފަހު މެޗުގަ އެވެ.