އީރާން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ފަހަތުގައި ތިބި މީހުންގެ އަދަބަށް ކުޑަވެސް ލުޔެއް ނުދެއްވާނެ ކަމަށް އެ ގައުމުގެ ޖުޑީޝަރީގެ ވެރިޔާ ވިދާޅުވެއްޖެ އެވެ. 

ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި އިގްތިސާދީ މައްސަލަތަކާ ހެދި މި މަހުގެ ކުރީކޮޅު ފެށި މުޒާހަރާތައް ފުޅާވެ ވަރުގަދަވެގެން ގޮސް މިއީ އީރާންގެ ސަރުކާރަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށް ބަދަލުވެގެން ދިޔަ އެވެ. 

އީރާނުން އެއްކޮށް އިންޓަނެޓް ކަނޑާލުމަށް ފަހު މުޒާހަރާތައް ހުއްޓުވަން ހަރުކަށިކަމާ އެކު ކުރި މަސައްކަތުން ސަރުކާރުން އަލުން ކޮންޓްރޯލް ހޯދާފައި ވާއިރު މިކަމުގެ ތެރޭގައި އެތައް ހާސް ބަޔަކު މަރާފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. 

"ހަމަނުޖެހުން ރޭވި މީހުންނާއި އެކަމުގައި ބައިވެރިވި މީހުންގެ މައްޗަށް ވީހާވެސް އަވަހަކަށް ޝަރީއަތް ހިންގުމަށާއި ކުށް ސާބިތުވެއްޖެ ނަމަ އަދަބު ދިނުމަށް ރައްޔިތުން އަންނީ ގޮވާލަމުން. އެއީ އެ މީހުންނަށް އޮތް ހައްގެއް،" ޖުޑީޝަރީގެ ނޫސް، މީޒާން އަށް  ޖުޑިޝަލް ޗީފް ޣުލާމް ހުސައިން މުހްސެނީ އިޖެއި ވިދާޅުވެފައިވެ އެވެ. 

އޭނާ ވިދާޅުވީ ތަހުގީގަށް ފަހު އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނީ ހަމަނުޖެހުން ރޭވި މީހުންނަށް ކަމަށާއި އެކަމަކު ހަތިޔާރު ހިފައިގެން ނުކުމެ މީހުން މެރުމާއި އަލިފާން ރޯކޮށް ތަންތަނަށް ގެއްލުން ދިން މީހުންނަށް އަބަދު ދިނުމުގައި ކުޑަ ވެސް ލުޔެއް ދިނުމެއް ނޯންނާނެ ކަމަށެވެ. 

އީރާނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 3،117 އަށް އަރަ އެވެ. އޭގެ ތެރެއިން 2،427 މީހުންނަކީ "ޝަހީދުން" ކަމަށް ވެސް ބުނެފައިވެ އެވެ. 

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނަނީ މަރުވި އަދަދު މާ މަތިވާނެ ކަމަށެވެ. ނޯވޭގެ އެންޖީއޯއެއް ކަމަށްވާ އީރާން ހިއުމަން ރައިޓްސްއިން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު 25،000 އަށް ވުރެ މައްޗަށް އަރާނެ އެވެ.

މުޒާހަރާ ރޭވި މީހުންނާއި ބައިވެރިންނަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު އީރާނުން ދޭއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މުޒާހަރާގެ ބައިވެރިންނަށް މަރުގެ އަދަބު ދީފި ނަމަ އީރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.