އުރީދޫން މިއަހަރަށް ހާއްސަކޮށްފައިވާ ކަލަންޑަރު އެކި ރަހަތަކުގެ ސައިފަތާ އެކު މިއަދު ލޯންޗުކޮށްފި އެވެ.
"ޓީ ވިތު އުރީދޫ" ތީމުގައި މިއަހަރަށް ހާއްސަކޮށްފައިވާ ކަލަންޑަރު ލޯންޗުކުރީ މިއަދު އުރީދޫގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އުރީދޫން ލޯންޗުކުރި ކަލަންޑަރު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ ކޮންމެ އަހަރެއްގެ ކަލަންޑަރަކީ ވެސް ދިވެހިންގެ އާދަކާދަތަކާއި ސަގާފަތަށް ހާއްސަކޮށް ފަރުމާކުރާ އެއްޗެއް ކަމަށެވެ.
ސައި ބުއިމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވުމުން މިފަހަރުގެ ކަލަންޑަރު ހާއްސަކުރީ ސަޔަށް ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައި ވަނީ ސައިގެ ތަފާތު ރަހަޔަކަށް ކަމަށް ވިދާޅުވި އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އުރީދޫގެ ކޮންމެ އަހަރެއްގެ ކަލަންޑަރަކީ ވެސް، ކަލަންޑަރާ އެކު ތަފާތު ތަޖުރިބާއެއް ގެނެސްދޭ އެއްޗެކެވެ. މިއަހަރު ލޯންޗުކުރި ކަލަންޑަރާ އެކު ހިމަނާފައިވާ ލަކުޑި ފޮއްޓެއްގައި އެކި ރަހަތައް ހިމެނޭ ސައިފަތް އަޅާފައި ހުރެ އެވެ.

އުރީދޫގެ ޑިޖިޓަލް ކަލަންޑަރު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައި ވަނީ ސައި ތައްޔާރުކުރުމަށް އިންފިއުޒް ކުރާ މޭވާއެއް، ހާބްއެއް ނުވަތަ މަލަކަށެވެ. ކަލަންޑަރުގައި އެ އެއްޗެއްގެ ދިވެހި އަދި އިނގެރޭސި ނަމުގެ އިތުރުން އެ އެއްޗެއް އިންފިއުޒްކޮށްފައިވާ ސައިގައި ހިމެނޭ ރަހަތަކާ ގުޅޭ މައުލޫމާތުކޮޅެއް ވަނީ ހިމަނައިފަ އެވެ.

އުރީދޫގެ ވޯލް ކަލަންޑަރު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއަހަރުގެ އުރީދޫ ކަލަންޑަރުގެ ތިން ވާޝަނެއް ވަނީ ނެރެފަ އެވެ. އެއީ ޑެސްކު ކަލަންރަކާއި ވޯލް ކަލަންޑަރަކާއި ޑިޖިޓަލް ކަލަންޑަރެކެވެ. ޑެސްކު އަދި ވޯލް ކަލަންޑަރުގައި ރީތި އާޓްވޯކުތައް ހިމަނާފައިވާއިރު ޑިޖިޓަލް ކަލަންޑަރުގައި އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯކޮޅެއް ކަލަންޑަރުގައި ހިމެނެ އެވެ.
އުރީދޫން ކޮންމެ އަހަރަކު ވެސް ދަނީ ކަލަންޑަރާ އެކު ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.