މިއަހަރުގެ ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން
އަންނަ މަސައްކަތްތަކުގެ ތެރެއިން، މާދަމާ ހުޅުމާލޭގައި "ރޯދަ ބާޒާރު"
ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީ އާއި ހައިރައިޒް ގުޅިގެން ފަށާ މި ބާޒާރު ކުރިއަށްގެންދާނީ
މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި، 8:00 އިން 11:30 އަށް، ހުޅުމާލޭ ސެންޓްރަލް
ޕާކުގަ އެވެ.

މި ބާޒާރުގައި 50 ސްޓޯލް ހުންނާނެ އެވެ. އެ ސްޓޯލްތަކުގައި ކައްކާ ތެއްޔާއި، ބަދިގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގޭތެރެ
ޒީނަތްތެރިކުރާ ތަކެއްޗާއި، އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން
ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވިއްކާނެ އެވެ. 

އެޗްޑީސީން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ
ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ، އަދި ހިތްފަސޭހަ ތަނަކަށް
ހެދުމަށް ކަމަށެވެ.