ދެކުނު
އޭޝިއާގެ ފުޓްސަލް ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ތަށްޓާ އެކު
އެނބުރި އައުމުން މިރޭ ހަވާއެރުވުމާ އެކު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ފުރަތަމަ
ފަހަރަށް ބޭއްވި ސާފް ފުޓްސަލް މުބާރާތުގެ ތަށި ހުރިހާ މެޗަކުން މޮޅުވެ ހޯދި
ރާއްޖޭގެ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ސްޕޯޓްސް
މިނިސްޓަރު އަބްދުﷲ ރާފިއު އާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)،
އަދި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.
ކުޅުންތެރިންގެ
އާއިލާ މެމްބަރުން ވެސް ވަނީ އެއާޕޯޓުން ކުޅުންތެރިންނާ ބައްދަލުކޮށް މަރުހަބާ ކިޔައިފަ
އެވެ. ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމްގެ އެހެނިހެން އިސްވެރިންނާއި، ފުޓްބޯޅަ
ކޮމިއުނިޓީގެ ބައެއް މެމްބަރުން ވެސް ވަނީ އެއާޕޯޓުން ކުޅުންތެރިންނާއި،
އޮފިޝަލުންނާ އެކު އުފާފާޅުކޮށްފަ އެވެ.
އެއަށް
ފަހު ބަހުގައި ޓީމު އައީ، މާލޭ ސޯޝަލް ސެންޓަރަށެވެ. އޭގެ ފަހުން އޮތީ ލޮރީބުރެވެ.
ސޯޝަލް ސެންޓަރުން ފަށައިގެން އާޓިފިޝަލް ބީޗާ ހަމަޔަށް ލޮރީ ބުރު ދަތުރުކުރީ
މަޖީދީމަގުންނެވެ. ލޮރީ ދަތުރުކުރިއިރު، އެކި ހިސާބުތަކުން އާއްމުން ވަނީ ކުޅުންތެރިންނާ
އެކު އުފަލުގައި ބައިވެރިވެފަ އެވެ.
އާޓިފިޝަލް
ބީޗަށް ޓީމު އައިއިރު، ކުޅުންތެރިންގެ އާއިލާ މެމްބަރުންނާއި، ފުޓްސަލް
ސަޕޯޓަރުންނާއި، އާއްމުންގެ ގިނަ ބަޔަކު އޮތީ އެތަނަށް އެއްވެފަ އެވެ. އެތަނުގައި
ހަދާފައި އޮތް ހާއްސަ ސްޓޭޖަށް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން އެރީ
ރަތްދޫލައިފަ އެވެ. އަދި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ވަނީ މިނިސްޓަރު ރާފިއު
އާއި، އެފްއޭއެމްގެ ރައީސް ޓޮމް އާ އެކު، ރަސްމީކޮށް ތަށި އުފުލާލައިފަ އެވެ. އޭގެ
ފަހުން ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއެންޑީއެފް އިން ހަވާ އެރުވި އެވެ.
އަދި ބޮޑުބެރާއި، މިއުޒިކުގެ ހަރަކާތްތައް ވެސް ކުރިއަށް ދިޔަ އެވެ. އޭގެ ފަހުން
އޮތީ ކުޅުންތެރިންނާއި، ތަށްޓާ އެކު އާއްމުން ފޮޓޯ ނެގުމެވެ.
ތައިލެންޑުގެ
ވެރިރަށް ބެންކޮކުގައި އޮތް މުބާރާތް ރާއްޖެ ކާމިޔާބުކުރީ 18 ޕޮއިންޓާ އެކު އެވެ.
ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ޕާކިސްތާން އަތުން 7-1 އިންނެވެ. ދެ ވަނަ މެޗުން ބަންގްލަދޭޝް
އަތުން 6-1 އިން މޮޅުވިއިރު، ދެން އައި އިންޑިއާ މެޗު ކާމިޔާބުކުރީ 5-0 އިންނެވެ.
އޭގެ ފަހުން ނޭޕާލް އަތުން 2-1 އިން މޮޅުވެ، ތަށި ޔަގީންކުރީ ބޫޓާން އަތުން 3-1 އިން
މޮޅުވެގެންނެވެ. ފަހު މެޗުން ސްރީ ލަންކާ އަތުން މޮޅުވީ 5-2 އިންނެވެ.
ސަރުކާރުން
ވަނީ ޓީމަށް ބޯނަސްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދޭން ނިންމައިފަ އެވެ.