ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާގެ ފަސް ވަނަ ޓަވަރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 38 ފްލެޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ހިޔާގެ 5 ވަނަ ޓަވަރުގެ އޭސީ އައުޓް ޑޯ ޔުނިޓެއްގައި ރޯވެގެން ހިނގި އެ ހާދިސާގައި، 18 ފްލެޓެއްގައި ތިބި 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން މިއަދު ބުންޏެވެ. އަދި އެ ހާދިސާގައި 38 ފްލެޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުން ވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ހާދިސާއާ ގުޅިގެން އެޕާޓްމަންޓް 6 އަދި 7 ގެ މައި ހޮޅިއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު ކުރަމުންދާ ކަމަށެވެ.

ހިޔާ ފެލްޓް 5ގެ ވައިގޮޅޫގައި ހިނގި އަލިފާނުގެ ހާދިސާގައި އޭސީ އައުޓްޑޯ ޔުނިޓެއް އަނދާފައި.-- ފޮޓޯ: އެމްއެންޑީއެފް
ރޭގެ ހަތެއް ޖަހާކަންހާއިރު އެ ޓަވަރުގައި ރޯވީ އައުޓްޑޯ ޔުނިޓެއްގައި ކަމަށް އެނގިފައި ވިޔަސް އެ ހާދިސާއާ ގުޅޭ ތަފްސީލުތައް މިހާތަނަށް ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ހިޔާ ޓަވަރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު ބައެއް މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ-- ފޮޓޯ: އެންޑީއެމްއޭ
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ދުން އަރަމުން ދިޔައީ އިމާރާތުގެ އެންމެ މަތިން ވައި ގޮޅިއާ ދިމާލުންނެވެ. އެކަމަކު ރޯވީ އިމާރާތުގެ 15 ވަނަ ބުރީގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގަ އެވެ. އެ ތަނުގައި ރޯވި އަލިފާނާ އެކު އެ ވައިގޮޅީގައި ހުރި ހުރިހާ ހޮޅިތަކެއް ވަނީ އަނދައިފަ އެވެ.
ނަމަވެސް މާ ގިނައިރުތަނެއް ނުވެ އަލިފާން ވަނީ ނިއްވާލައިފަ އެވެ.
ހިޔާ ޓަވަރުތަކުގައި ދޭތެރެ ދޭތެރެއިން އަލިފާނުގެ އެކި ވަރުގެ ހާދިސާތައް ހިނގަ އެވެ. އެތައް ހާސް ބަޔަކު އުޅޭ އެ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުވެފައި ނެތްކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.