ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ 16 ވަނަ ބެޗް ދަސްވެނިވެއްޖެ އެވެ.
މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ދަސްވެނިވި 15 ބައިވެރިންނަށް ލިޔުން ދިނުމަށް ދިރާގުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ހަޔަ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަހުމަދާއި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ
ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ހަޔަ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވީ މަސައްކަތްތެރިކަމާ ގުޅޭގޮތުން ތަމްރީނު
ދިނުމުގައި ވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ދިރާގުގެ އެޕްރެންޓިސްޝިޕް
ޕްރޮގްރާމުން ނަމޫނާ ދައްކައިފައިވާ ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި
ފަންނުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ދިރާގުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި
ޝުކުރު އަދާކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވަނީ މިދިޔަ އަހަރުގެ ދަސްވެނިންނަށާއި މި އަހަރު އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ
ވިދާޅުވެފަ އެވެ. އަދި، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެންމެ ބޮޑު
މަގުސަދަކީ ދިވެހި ޒުވާނުންނަށް މަސައްކަތުގެ މާހައުލުގެ ތަޖުރިބާ އާއި ހުނަރު އަދި
މަސައްކަތުގެ އަހުލާގު ދަސްކޮށްދިނުން ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން،
މި ޕްރޮގްރާމުން ލިބޭ ތަޖުރިބާތަކާއި ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅުގޮތުގައި
ހިފައި، އެކަމުގެ ސަބަބުން ކެރިއަ އިތުރަށް ތަރައްގީވެ، އިތުރު ކާމިޔާބީތައް
ހާސިލުކުރާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ 25 ބައިވެރިންނާ އެކު ދިރާގު އެޕްރެންޓިސްޝިޕް
ޕްރޮގްރާމްގެ 17 ވަނަ ބެޗަށް ވެސް މަރުހަބާ
ކިޔައިފަ އެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް
ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް
ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ގިނަ ފުރުސަތުތަކެއް ލިބެ އެވެ. އަދި އެޕްރެންޓިސުންނަށް، މާލެ އާއި ރާއްޖޭގެ
އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ހުނަރު ތަރައްގީކުރުމަށް އެ ކުންފުނިން ހިންގާ މުހިންމު ސީއެސްއާރު ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގަމުން
އަންނައިރު، މިއަދުގެ ނިޔަލަށް 312 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.
ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގްބަލުގައި
ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.