ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު މައްސަލައެއް ފުލުހުން ބަލަނީ
ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު މައްސަލައެއް ފުލުހުން ބަލަނީ

ބަޔަކަށް ފައިސާ ދީގެން، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަދި މި މައްސަލައިގައި ފުލުހުން މިހާރު މީހަކު ހައްޔަރުކޮށް އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެ އެވެ.

އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝުޖާއުއާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ، އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ހައްޔަރުކޮށްފަ އެވެ.

ފަނޑިޔާރު ޝުޖާއު އަށް ބަޔަކު ހަމަލާދޭން އުޅުނު މައްސަލައެއް ބަލަމުން އަންނަ ކަން ކަށަވަރު ކޮށްދިނުމުގެ އިތުރުން އެއްވެސް ވާހަކައެއް ފުލުހުން މީޑިއާއާ ނުދައްކަ އެވެ.

އައްޑޫ މީދޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވަނިކޮށް ފަނޑިޔާރު ޝުޖާއު ދާދި ފަހުން މާލެ އަށް ގެނައީ ވެސް އޭނާ އަވަހާރަކޮށްލަން ބަޔަކު ރޭވި މައްސަލައާ ގުޅިގެން ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި ޝުޖާއު އަށް ހަމަލާ ދޭން އުޅުނު މައްސަލައެއް ފެންމަތިވީ، ބަޔަކު އެކަމަށް ރާވައިގެން ދެއްކި ވާހަކަތަކެއްގެ އޯޑިއޯ ރެކޯޑިންއެއް ލީކުވުމާ ގުޅިގެންނެވެ.