ހދ. އަތޮޅު ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި
ހދ. އަތޮޅު ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި

ފަހަތުން އަރައި ހަނިމާދޫ 3-1 އިން ބަލިކޮށް އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ. އަތޮޅު ޗެމްޕިއަންކަން ކުޅުދުއްފުށި އިއްޔެ ހަވީރު ހޯދައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ފައިނަލުގައި ހަނިމާދޫ އަތުން 9-0 އިން ކުޅުދުއްފުށި ބަލިވި ބަލިވުމަށް ހިފި ރަނގަޅު ބަދަލެކެވެ.

ހދ. އަތޮޅު ޗެމްޕިއަނުންގެ ހައިސިއްޔަތުން ކުޅުދުއްފުށި ވަނީ ޒޯން މުބާރާތަށް ހޮވިފަ އެވެ. ޒޯން އެކެއްގައި އެ ޓީމު ބައްދަލުކުރާނީ ހއ. އަތޮޅު ޗެމްޕިއަން މާރަންދޫއާ އެވެ. ޒޯން އެކެއްގެ ފައިނަލުގެ ފުރަތަމަ ލެގު އޮންނާނީ މާރަންދޫގެ ހޯމް ސްޓޭޑިއަމުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ހޯރަފުށީ ދަނޑުގަ އެވެ. ދެ ވަނަ ލެގު އޮންނާނީ އަންގާރަ ދުވަހު ހަވީރު ކުޅުދުއްފުށީގަ އެވެ.

ޒޯނުގެ ޗެމްޕިއަން ޓީމަށް މާލޭގައި މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ. ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި ބުރުގެ ގަދަ ހަތަރު ޓީމަށް މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ 14 ވަނަ މިނެޓުގައި ހަނިމާދޫގެ އަހުމަދު އަޒްމީލް ވަނީ ލީޑު ނަގައިފަ އެވެ. ކުޅުދުއްފުށްޓަށް އެއްވަރުކޮށްދިނީ 44 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ފަރުހަތު މުހައްމަދެވެ. ދެ ވަނަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިނީ 62 ވަނަ މިނެޓުގައި އަންވަރު އާދަމެވެ. މި ލަނޑަށް ފަހު އޭނާ އުފާފާޅުކުރުމުގެ ގޮތުން ޖާޒީ ބޭލުމުން ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ވަނީ ދައްކައިފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 67 ވަނަ މިނެޓުއި ކާމިޔާބުކޮށްދިނީ ފަތުހުﷲ އާދަމެވެ.