ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗުން މާދަމާ ލީގު ފަށަނީ
ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗުން މާދަމާ ލީގު ފަށަނީ

މެދުކަނޑާލާފައިވާ އެސްޓީއޯ މާލޭ ލީގުގެ ކުޅުން ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީގެ މެޗުން މާދަމާ ހަވީރު ފަށާނެ އެވެ.

ނުވަ މެޗަށް ފަހު ލީގު މެދުކަނޑާލީ މާލޭގައި އެޗް1އެން1 ރޯނގާ ފެތުރެމުން ދާތީ ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިންނެވެ. ހާލަތު ކޮންޓްރޯލްވި ނަމަވެސް ނުފެށި ލަސްވީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗާއި އޭއެފްސީ ކަޕުގައި މާޒިޔާ ކުޅޭ މެޗު އޮތުމުންނެވެ.

މާދަމާ ހަވީރު ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުމަށް ފަހު މާދަމާރޭ އޮންނާނީ ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާގެ މެޗެވެ.

ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ޓީސީ ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާ އަތުން 3-0 އިން މޮޅުވެފަ އެވެ. އަނެއްކޮޅުން ޔުނައިޓެޑް ވިކްޓަރީ ވަނީ ފުރަތަމަ މެޗުން އީގަލްސް އަތުން 2-0 އިން ބަލިވެ ދެ ވަނަ މެޗުގައި ނިއު އަތުން 3-0 އިން ބަލިވެފަ އެވެ. ދެ މެޗަށް ފަހު ޓީމުުގެ ކޯޗުކަމުން އަހުމަދު އާތިފް ވަކިވެފައިވާއިރު އާ ކޯޗަކީ މުހައްމަދު ނަޒީހެވެ.

އަންނަ ހަފުތާގެ ބުދަ ދުވަހު ހަވީރު އީގަލްސް އާއި ވެލެންސިއާ ކުޅުމަށް ފަހު އެރޭ އޮންނާނީ ޓީސީ އާއި ވިކްޓަރީގެ މެޗެވެ. ބުރާސްފަތި ދުވަހު ހަވީރު މާޒިޔާ އާއި ނިއު ބައްދަލުކުރާއިރު އެރޭ ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އެވެ.

ލީގު އަލުން ފަށާއިރު ދެ މެޗު ކުޅެފައިވާ ނިއު އާއި މާޒިޔާ ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން އެއް ވަނަ ލިބެނީ ނިއު އަށެވެ. ތިން މެޗު ކުޅެފައިވާ އީގަލްސް އާއި ގްރީން ސްޓްރީޓްސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ އީގަލްސް އެވެ. އެއް މެޗު ކުޅެފައިވާ ޓީސީ އޮތީ ތިން ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ތިން މެޗު ކުޅެފައިވާ ވިކްޓަރީ އެއް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަ ވަނައިގައި އޮތްއިރު ދެ މެޗު ކުޅެފައިވާ ވެލެންސިއާ އޮތީ އެއް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަތް ވަނައިގަ އެވެ. ފުލުގައި އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބި އޮތް ޔުނައިޓެޑް ވިކްޓަރީ އެވެ.

ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. އަނެއް ހަތަރު ޓީމަށް ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމާ އެކު މާލޭ ލީގު ކޮލިފައިންގައި ވާދަކުރާށެވެ. އަންނަ ސީޒަނުގެ މާލޭ ލީގުން ފުރުސަތު ލިބޭނީ އެ ބުރުގެ ގަދަ ހަތަރު ޓީމަށެވެ.