ހުޅުމާލެ ހޮސްޕިޓަލުގައި އެންމެ ފަހުގެ ކާޑިއޯވެސްކިއުލާ އަލްޓްރާސައުންޑު ސިސްޓަމް ބޭނުންކުރަން ފަށައިފި އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުގައި
ޒަމާނީ ޑައިގްނޯސްޓިކް ސާމާނު ފޯރުކޮށްދީ، ހާއްސަ ބަލިތަކަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރަން، ޖީއީ ހެލްތްކެއާ ބްރޭންޑުގެ ވިވިޑް E95ގެ އެންމެ
ފަހުގެ ކާޑިއޯވެސްކިއުލާ އަލްޓްރާސައުންޑު ސިސްޓަމް ފޯރުކޮށްދިނީ އެސްޓީއޯ މެޑިކަލްސް އިންނެވެ.

އެއީ، މެޑިކަލް އިމޭޖިން އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީއީ ހެލްތުކެއާއާ އެކު، ވެފައިވާ ޕާޓްނަޝިޕްގެ ދަށުން ފޯރުކޮށްދިން ސިސްޓަމެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ މެޝިން ބޭނުންކުރަން ފެށީ ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ މަހުގެ 22 ގައި ބޭއްވި އެޕްލިކޭޝަން ޓްރެއިނިން ސެޝަނަކާ އެއްކޮށެވެ.

އެސްޓީއޯއިން ބުނީ ޖީއީ ވިވިޑް E95އަކީ ހިތުގެ ބަލިތަކާއި މަސައްކަތްކުރާ ގޮތް އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ފެންނާނެ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިން ސިސްޓަމެއް ކަމަށެވެ.

ބޮޑެތި މީހުންނާއި ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް
ހާއްސަ ބައިތައް އެ ސިސްޓަމުގައި ހިމެނެ އެވެ. އޭގެ ސަބަބުން އަލަށް އުފަންވާ ތުއްތު ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި ހުރިހާ އުމުރުފުރައެއްގެ ބަލި މީހުންގެ ހިތުގެ
ޓެސްޓުތައް ހެދުމަށް މަގުފަހިވުމާއި ފަރުވާގެ ކަންކަމުގައި އަވަސް
ނިންމުންތައް ނިންމުމަށް އެހީތެރިވެދެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޖީއީ ވިވިޑް E95
ސިސްޓަމް ގާއިމުކޮށް ހިދުމަތްދޭން ފެށުމަކީ، ރާއްޖޭގެ
ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް
ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާ އިން ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"މިފަދަ ހާއްސަ ހިދުމަތްތައް ލިބުމަކީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުވެ، ބޭރުގެ އެހީތެރިކަމަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމެއްކަމަށް ގަބޫލުކުރެވޭ،" އެ ކުންފުނިން ބުންޏެވެ.