އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އަލީ ނަދީމް (މައިލޯ ނަދަމާ) އާއި އޭނާގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް މިހާތަނަށް ހެކި ނުލިބޭތީ އެ މީހުން ދޫކޮށްލަން ކަމަށް ޕީޖީ އޮފީހުން ފުލުހުންނަށް ލަފާދީފި އެވެ.
ނަދީމާއި އިތުރު ބަޔަކު މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ހައްޔަރުކުރީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތައް މިލިއަން ރުފިޔާއެއް ދައުރުކުރި ކަމުގެ ތުހުމަތުގަ އެވެ.
އޭގެ ފަހުން ފުލުހުންގެ ހައްޔަރުގައި އެ މީހުން ތިބިއިރު، ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ނަދީމާ އެކު ހައްޔަރުކުރި ހަ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީލޯންޑަރިންގެ ކުށުގެ ތުހުމަތު ކަމަށެވެ.
ނަމަވެސް ޕީޖީ އޮފީހުން ބުނީ، އެ ހަތް މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމާ ހަމައަށް ލިބިފައިވާ ހެއްކާއި ގަރީނާ ވަޒަންކޮށް ބެލިއިރު، ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީލޯންޑަ ކުރިކަން ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތު ކޮށްދެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުގެ މުއްދަތު ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން ވާނީ އިތުރު ކޮށްދީފަ އެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަހުގީގު އެކަށީގެންވާ ވަރަށް ފުރިހަމަ ކުރެވި، ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވެ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ކ) ގައި، ތަހުގީގު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާ ނަމަ، ތަހުގީގީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން، މި ނިންމުމާ އެކު މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލަފާދީފައިވާނެ އެވެ."
ޕީޖީން ބުނީ، ނަދީމާއި އޭނާއާ އެކު އެ މައްސަލާގައި ދެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް މިވަގުތަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ "ޑިކްލައިން" ކުރިޔަސް، އައު ހެކި ލިބިއްޖެ ހާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަލުން ދައުވާ ކުރުމަށް ހުށަހަޅަން ފުލުހުންނަށް ލަފާދީފައިވާނެ ކަމަށެވެ.