މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 29 ޕަސެންޓު އިތުރުވެ، ދައުލަތުގެ މާލީ ހާލަތަށް ރަނގަޅު ފެށުމެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން ހަފްތާއެއްގެ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ހަރަދަކީ 5.9 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން، 2025 ވަނަ އަހަރު ލިބުނު 6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މި އަހަރު ލިބުނު އާމްދަނީ ވަނީ 29.3 ޕަސެންޓު އިތުރުވެފަ އެވެ. މީގެ ތެރެއިން 83 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.

ޓެކުހުގެ އާމްދަނީއަށް މި އަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 39.4 ޕަސެންޓު އިތުރު އަދަދެކެވެ.

މި މުައްދަތުގައި ޖީއެސްޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު  32.1 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ވިޔަފާރި އާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ޖުމްލަ ހަރަދުތައް ވަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައިވިޔަސް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ވަނީ 9.6 ޕަސެންޓު އިތުރުވެފަ އެވެ.

މި އަހަރުގެ މި މުއްދަތުގައި މުސާރައާއި ޕެންޝަނަށް 2.64 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ޕޭ ހާމަނައިޒޭޝަން ކުރުމުން ބޮޑުވި އަދަދު އޭގެ ތެރޭގައި ހިމެނެ އެވެ. 

އެއާ އެކު، މިދިޔަ އަހަރުގެ މި މުއްދަތުގައި 98.2 މިލިއަން ރުފިޔާގައި ހުރި ސާޕްލަސް، މިއަހަރު ވަނީ 1.9 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރި އަދަދުވެސް ވަނީ 2.5 ޕަސެންޓު އިތުރުވެ، 287.1 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގައި 222.8 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވެ އެވެ.

މިއީ މި އަހަރު ފެށުނު ފަހުން، މި ރިޕޯޓު އާންމުކުރި ފުރަތަމަ ފަހަރެވެ.

ފިނޭންސުން ބުނީ ކޮންމެ މާލީ އަހަރެއް ފަށާއިރު، ބައެއް ސަބަބުތަކާ ހެދި މާލީ ހިސާބުތައް ހަމާކުރުމުގައި ލަސްވާ ކަމަށެވެ. ވަކިން ހާއްސަކޮށް، މި އަހަރު ދައުލަތުގެ އެކައުންޓިން ނިޒާމުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ރިޕޯޓު ޝާއިއުކުރުން ލަސްވިކަމަށް އެ މިނިސްޓްރީން ބުންޏެވެ.