އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުމަށް އޮންލައިން ޕްރޮގްރާމްތަކެއް ހިންގަން ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް އާންމުންނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހިގައިވާ ކަމަށެވެ.
އެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ 2 ބަޔަކަށް ބަހާލައިގެން ކަމަށް އިއުލާނުގައިވެ އެވެ.
އޭގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީން ބުނި ގޮތުގައި އިމާރާތްކުރުމުގެ ގާނޫނާއި، ގަވާއިދުތަކަށް އާންމުންނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުމެވެ. މި ސެޝަންތަކުގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން އޮންނަ ގޮތުގެ މައުލޫމާތުތައް ފޯރުކޮށްދޭނެ އެވެ.
މިނިސްޓްރީން ވަނީ މި އަހަރުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް މާރިޗު، 30 ފެށިގެން އޭޕްރިލް، 2 ވަނަ ދުވަހުގެ ކުރިން އިއުލާނުގައި ހިމަނާފައިވާ ގޫގުލް ފޯމް ލިންކުން ރެޖިސްޓްރޭޝަން ފުރިހަމަ ކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ.