އެމްޑީޕީގެ ހިންގުމާ ގުޚޭ ކަންތައްތަކުގައި މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދޭނެ ހާއްސަ ވަގުތީ ކޮމިޓީއެއް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ގައުމީ މަޖިލިހުން މީގެ އިރުކޮޅެއް ކުރިން ފާސްކޮށްފި އެވެ. 

ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި ޖަލްސާ އަށް ގަޕޯ ހުށަހެޅުއްވި ގަރާރާ އެކު ފާސްކުރި ކޮމިޓީގައި ތިއްބަވަނީ:

  1. ރައީސް މުހައްމަދު ނަޝީދު

  2. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  3. ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ
  4. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
  5. ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް
  6. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމުގައި އެ ގަރާރު ފާސްކޮށް، ހިޔާލު ތަފާތުވުންތަކެއް ނެތި ޖަލްސާ ނިންމާލާފައިވާ ކަމަށް ގައުމީ މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ.