އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު މިއަދު އިޔާދަކޮށްފި އެވެ. 

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސް ކަމަށް ހައްލެއް ހޯދަން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ޖަލްސާގައި ވަގުތީ ޗެއާޕާސަން (ގަޕޯ) އެކަން އިއުލާން ކުރެއްވި އެވެ. 

ގަޕޯގެ ސިޓީއަކުން ކުއްލި ގޮތަކަށް އިބުރޭ އާއި މައުރޫފް މަގާމުން ވަކިކުރުމާ އެކު، ގަޕޯ ވަގުތީ ޗެއާޕާސަންގެ މަގާމުން ވަކިކުރުމަށް 55 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި އެވެ. އެކަމަކު، ލީޑަޝިޕްގައި މި 2-3 ދުވަހު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އެ މައްސަލަ އަނބުރާ ގެނެސްފައިވާކަން ވެސް ކުރީގެ ވަގުތީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ އެންގެވި ކަމަށް ވެ އެވެ. 

އިބުރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަަމަށެވެ. އަދި ވިދާޅުވީ ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.

 އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާއާ ހަވާލާދީ އިބުރޭ ވިދާޅުވެފައިވާ ގޮތުގައި، އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައި ތިބި މީހުން ދައުރު ހަމަވަންދެން ދެމިތިބެވޭނެ އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލިހުން މިރޭ ވަނީ އެ މަޖިލިހުގެ ގޮނޑިއެއް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަޖައްސައިފަ އެވެ. އެއީ ކުރީގެ ރައީސުންނަށް ވެސް ގައުމީ މަޖިލިހުން ފުރުސަތު ދޭން ފާސްކުރުމުންނެވެ. 

އޭގެ އިތުރުން އެމްޑީޕީ ހިންގުމާ ގުޅޭ ކަންތައްތަކުގައި ވަގުތީ ޗެއާޕާސަނަށް ލަފާ ދޭން ހަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ވެސް ގައުމީ މަޖިލިހުން ފާސްކުރި އެވެ. 

އެ ކޮމިޓީގައި ތިއްބަވަނީ:

  1. ކުރީގެ ރައީސް މުހައްމަދު ނަޝީދު

  2. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  3. ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
  4. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
  5. ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް
  6. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އެ ކޮމިޓީ ދެމިއޮންނާނީ ޗާއިމީ ޗެއާޕާސަނަކު އައްޔަން ކުރެވެންދެންނެވެ.