ހުޅުމާލޭ 2 ގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑި ގިނައިރުތަކެއް ހޭދަވެއްޖެ އެވެ.
ސްޓެލްކޯ އިން 3:21 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭ 2 ގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ދެނެގަނެ، އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ދިމާވެދާނެ ދަތިކަމަށް މާފަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ ފަހުން ކުރި އެ ކުންފުނިން ކުރި އިތުރު ޕޯސްޓެއްގައި ބުނީ ދިމާވި މައްސަލަ ދެނެގަނެ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވީއެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދެވޭތޯ މަސައްކަތްކުރާ ކަމަށެވެ. އެކަމަކު ފަހުން ބުނި ގޮތުގައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ މިހާރު ދަނީ އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން،" ސްޓެލްކޯއިން އެކްސްގައި ބުނެފައިވެ އެވެ.
"މި ދަތި ވަގުތުގައި ވެސް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން."
ސްޓެލްކޯ އިން ބުނީ އަލަށް ފާހަގަވި މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަލުން ކަރަންޓު ދެވޭނެ ވަކި ވަގުތެއް އަދި ނުބުނެ އެވެ.